އަވަސް ވީކެންޑް

ވަލީދު ފޮންޏަކަށްނޫން، ތަފާތު ވިސްނުމެއް!

  • ރާއްޖޭގެ ޕްރޮމޯޓް ކުރުމުގެ ތަފާތު ވިސްނުން
  • ޕްރޮމޯޝަން އައިޓަމްތައް ވަރަށް ތަފާތު
  • ކުންފުނީގެ ލޯގޯގައި ފްލައިޓެއް ޗާޓަރު ކުރުން ހުވަފެން

މި މަސައްކަތުގައި އުޅޭތާ ލައްކަ ޒަމާން ވެއްޖެ އެވެ. ކުރިއަރާނީ ހިތްވަރުކޮށް، ހިންމަތް ކޮށްގެންކަން އޭނާ ދަނެ އެވެ. އެންމެ ކުރިން ފެށިގެން މި އަދާ ހަމަ އަށް ވެސް ކުރީ ހިތް ވަރެވެ. ކުރީ މަސައްކަތެވެ. މިއީ ރާއްޖޭގެ ޓްރެވަލް ކުންފުންޏެއް ކަމަށްވާ ރިސޯޓް ލައިފްގެ ވެރިޔާ މުހައްމަދު ޝާޒް ވަލީދު އެވެ.

"އެންމެ ކުރިއްސުރެން ވެސް މަސައްކަތް މި ކުރަނީ [ޓޫރިޒަމް] ގައި. އެންމެ ކުރީގައި ރާއްޖެ އަށް ބުކިން ނުހައްދާ އަންނަ މީހުން ނަގައިގެން ރިސޯޓުތަކަށް ފޮނުވަނީ. ރިސޯޓުތަކަށް ގުޅައިގެން ކޮޓަރި ހުރިތޯ ބަލައި ވަރަށް މަސައްކަތް މިއީ،" ޓޫރިޒަމްގައި އެންމެ އިސްކޮށް މަސައްކަތްކުރާ ގިނަ މީހުންނެކޭ އެއްގޮތަށް ވަލީދުގެ ވާހަކަތައް ވިދާޅުވެދެއްވި އެވެ.

"ރިސޯޓު ލައިފް" މިހާރު ބޮޑު ކުންފުންޏެއްގެ ގޮތުގައި ފެންނަނީ ވަލީދުގެ ބުރަ މަސައްކަތުންނެވެ. އެންމެ ފުރަތަމަ މި މަސައްކަތް ކުރީ އެނދުގެ ބިއްދޮށުގައި ކުޑަ ލެޕްޓޮޕެއް ބަހައްޓައިގެން އެވެ. ރިސޯޓުތަކުގެ ފޮޓޯތައް ގެސްޓުންނަށް ދައްކައިގެން ރޫމް ވިއްކަނީ އެވެ.

"ފަށައިގަތީ ވަރަށް ކުޑަކޮށް، މިގޮތަށް ދެ ތިން އަހަރު މަސައްކަތް ކުރިން. ކުރިން ޗައިނާ މާކެޓަށް ބޮޑަށް ފޯކަސް ކުރީ. އެކަމަކު މިހާރު ސީއައިއެސް [ކުރީގެ ސޯވިއެޓް ޔޫނިއަން] ގައި ހިމެނޭ ގައުމުތަކަށް މިހާރު ފޯކަސް ކުރަނީ. މިހާރު ވަކި އިންޑިވިޖިއަލް ކުންފުންޏަކަށް ބާލަނަމަ މާކެޓުގެ ބޮޑު ބައެއް އަޅުގަނޑުމެން ގެންގުޅުން،" ވަލީދު ވިދާޅުވި އެވެ.

ރާއްޖޭގައި ކުޑަކުޑަކޮށް، ފެށި ޓޫރިޒަމް ކުންފުނި މިއަދު ވަނީ ގާދޫކޮލުން ބޭރުވެފަ އެވެ. ވަލީދުގެ އަނބިކަނބަލުންގެ ގައުމުކަމަށްވާ ޔޫކްރޭންގައި މިހާރު ދަނީ އޮފީހެއް ހިންގަމުންނެވެ. އަދި އެ ސަރަހައްދުގައި ހިމެނޭ ޖުމްހޫރީއްޔާތަކުގައި ދަނީ ރާއްޖޭގެ އިތުރުން އަވަށްޓެރި ގިނަ ގައުމުތަކެއް ވެސް ޕްރޮމޯޓް ކުރަމުންނެވެ.

"އޭރު ބުނެވިދާނެ އެއީ ވަން މޭންޝޯވް އެކޭވެސް. ހުރިހާ ކަމެއްވެސް ކުރަން ޖެހެނީ އެކަނި. ރިސޯޓުތަކަށް ޕޭމަންޓް ހަދަން ވެސް ދާނެޖެހޭ. ގެސްޓު މީހާ އަށް ވައުޗަރު ތައްޔާރު ކުރަނީ ވެސް އަމިއްލަ އަށް،" ވަލީދު ވިދާޅުވި އެވެ.

ކުރިން އެންމެ މީހެއްގެ ގޮތުގައި ވަލީދު މަސައްކަތް ކުރެއްވިނަމަވެސް، މިހާރު މާލެ އޮފީހުގައި އެކަނިވެސް 21 މުވައްޒަފުން މަސައްކަތް ކުރެ އެވެ. އަދި ޔޫކްރެއިން އޮފީހުގައި ވެސް 20 މުވައްޒަފުން މަސައްކަތް ކުރެ އެވެ. މިއަދު މި ކުންފުންޏަކީ ރާއްޖޭގެ ފެންވަރުގައި ނަން ހިނގާ އެއް ކުންފުންޏަށް މިވަނީ ވެފަ އެވެ.

ވަލީދުގެ ކުރިއެރުމުން ފެންނަނީ ގަދައަޅާ މަސައްކަތް ކުރުމެވެ. މިގޮތުން ވަލީދުގެ އެންމެ ހާއްސަ އެއް ކަމަކީ ކުރާ މަސައްކަތް ތަފާތު ކުރުމަށް ބޭނުންވުމެވެ. އެހެން މީހުންނަށްވުރެ ތަފާތުކޮށް މޮޅުކޮށް ކުރަން ކަނޑައަޅާ އަޒުމެކެވެ. މިގޮތުން ވަލީދުގެ "ރިސޯޓުލައިފް" ކުންފުންޏަކީ ޕްރޮމޯޝަން މެޓީރިއަލް އެންމެ ތަފާތުކޮށް ބޭނުންކުރާ އެއް ކުންފުންޏަށް ވާނެ އެވެ. މިގޮތުން އެ ކުންފުނި އިޝްތިހާރު ކުރުމަށް ގެންގުޅޭ ސާމާނު ރާއްޖެ އާއި ރާއްޖޭން ބޭރުގައި ތަފާތެވެ.

"އެންމެ ފުރަތަމަ ކުންފުނީގެ ލޯގޯ ހެދިއިރު ބައެއް މީހުން މަލާމާތް ވެސް ކުރި. އެއީ މަލެއްހެން ލޯގޯ އިނީމަ. އެއީ މީގެ 10 ވަރަކަށް އަހަރު ކުރީގެ ސްޓައިލެއް ނޫން. އެއިރު ބޭނުންކުރަނީ ބޯޓެއް ނޫނީ އެފަދަ އެއްޗެއް ލޯގޯގައި،" ވަލީދު ވިދާޅުވި އެވެ.

މި ތަފާތާއެކު، ވަލީދުގެ، ރިސޯޓު ލައިފް ކުންފުނިން ޕްރޮމޯޝަންގައި ބޭނުންކުރާ ބައެއް މެޓީރިއަލްގެ ތެރޭގައި ތަފާތު ގިވް އަވޭސް ހިމެނެ އެވެ. މީގެ އިތުރުން ލިޕް ބާމާއި ބިކިނީ ކަޕް ކޭކު އަދި ޓެޓޫ އާއި މައުސް ޕެޑް ފަދަ ސާމާނު ހިމެނެ އެވެ.

"އަބަދު ވެސް ބަލަނީ ވިއްކާ މީހުން ހަނދާންވާނެ ކަހަލައެއްޗެއް އުފެއްދުމަށް. މިހެންވެ ބްރޯޝާ އެއް މި ކުންފުންޏަކުން ނުހަދަން. އެފަދަ އެހެން އެއްޗިހި މި އުފައްދަނީ. އަސްލު އެމީހުންގެ ވިސްނުމަކީ ސޭލްގައި އުޅޭ ކުދިންގެ އަތް ދަބަހުގައި ރިސޯޓު ލައިފްގެ އެއްޗެއް އޮތުން. އެހެންވެ ލިޕްބާމު ފަދަ އެއްޗިހި ހަދަނީ. މި ޒަމާނުގައި ވަގުތެއް ނުލިބޭނެ މެގަޒިން ކިޔަން. އެހެންވެ ބޭނުންކުރެވޭ ކަހަލަ އެއްޗެއް މި ހަދަނީ،" ވަލީދު ވިދާޅުވި އެވެ.

ވަލީދު ގަބޫލު ކުރައްވާ ގޮތުގައި ޓޫރިޒަމް ދާއިރާގައި، ތިބި "މުއްސަނދި" ންނާ ތަފާތުކޮށް މަސައްކަތް ކުރުމަކީ އެންމެ ބޮޑު އެއް ކާމިޔާބީ އެވެ. ހާއްސަކޮށް ބޮޑެތި ގެސްޓްހައުސްތަކާއި މެދު ފަންތީގެ ޓޫރިސްޓު ރިސޯޓުތަކަށް ފޯކަސް ކުރުމެވެ.

ބުރަ މަސައްކަތާއެކު، ފެށި ވަލީދު މިހާރުގެ އަޒުމަކީ ޓޫރިޒަމްގެ އާމާކެޓުތައް ރާއްޖެއަށް ރަނގަޅު ކުރުމެވެ. މިގޮތުން އިންޑިޔާ މާކެޓުން އަންނަ ޓޫރިސްޓުން އިތުރުކޮށް ދެކުނު ޔޫރަޕުގެ މާކެޓު ރަނގަޅު ކުރުމެވެ. އަދި މި މަސައްކަތުގައި އެންމެ ބޮޑު އެއް އުންމީދަކީ "ރިސޯޓު ލައިފް" ގެ ލޯގޯ އާއެކު ރާއްޖެއަށް ޗާޓަރު ފްލައިޓެއް ގެނައުމެވެ.