ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ "ދަ މެންހާޓަން ފިޝް މާކެޓް" ގެ ރެސްޓޯރެންޓެއް ރޭ ހުޅުމާލޭގައި ހުޅުވައިފި އެވެ. އެ ރެސްޓޯރެންޓަށް ބޮޑު ތަރުހީބެއް ފުރަތަމަ ރޭވެސް ވަނީ ލިބިގެން ގޮސްފަ އެވެ. އެ ރެސްޓޯރެންޓަކީ އެމެރިކަން ސްޓައިލް ސީފުޑަށް އެންމެ މަޝްހޫރު އެއް ރެސްޓޯރެންޓެވެ.
ކަނޑު މަހުގެ ތަފާތު ބާވަތްތަކުގެ ކާނާތަކަށް މަޝްހޫރު "ދަ މެންހާޓަން ފިޝް މާކެޓް" ގެ ރެސްޓޯރެންޓެއް ރާއްޖޭގައި ހުޅުވީ މެދުކެނޑުމެއް ނެތި 15 އަހަރު ރާނބާ ރެސްޓޯރެންޓު ހިންގަމުންދާ ސިލްވާ ސްޕޫން ކުންފުނިންނެވެ. ރެސްޓޯރެންޓް ހުޅުވާފައިވަނީ ހުޅުމާލޭގެ މިނީ ސޮޕިން މޯލްގެ އެންމެ މަތީގައި ހިތް ގައިމު ވިއުއަކާ އެކު އެވެ. އެއީ 150 މީހުންގެ ޖާގައިގެ ރެސްޓޯރެންޓެކެވެ.
ސޮފްޓް އޯޕަނިންއަށް ފަހު ރޭ ފޯރިގަދަ ބޮޑު ބެރާ އެކު ހުޅުމާލޭގައި ރަސްމީކޮށް ހުޅުވި މި ރެސްޓޯރަންޓަށް ގިނަ ބަޔަކު އަންނަނީ ޒިޔާރަތް ކުރަމުންނެވެ. އެ މީހުން ބުނަނީ އެތަނުގެ ރަހަ ވަރަށް މީރުވާނެ ކަމަށެވެ.
"ދަ މެންހާޓަން ފިޝް މާކެޓް" ރެސްޓޯރެންޓްގައި އާންމު ގޮތެއްގައި ހުންނަނީ ރާއްޖެއިން ލިބެން ނުހުންނަ މަހުގެ ބާވަތްތަކެވެ. އެހެންކަމުން ރެސްޓޯރެންޓަށް މަސް އެތެރެކުރާނީ ޗައިނާ އަދި ވިއެޓްނާމް ފަދަ ގައުމުތަކުންނެވެ. ރެސްޓޯރެންޓުން އެހެން ގައުމުތަކުގެ "ދަ މެންހާޓަން ފިޝް މާކެޓް" ރެސްޓޯރެންޓްތަކުން ލިބޭ ފެންވަރުގައި އެ ރަހައިގައި ކެއުންތައް ލިބޭނެ ކަމުގެ ޔަގީންކަން ސިލްވާ ސްޕޫނުން ދެ އެވެ. ރަހައަށް އަދި ކޮލިޓީއަށް ބަދަލު ނާންނާނެ ކަމުގެ ޔަގީންކަން ވެސް ދެ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި އެ ރެސްޓޯރެންޓްގެ ކެއުންތަކަށް މިހާރު ވެސް ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. އެ ރެސްޓޯރެންޓް ކާމިޔާބު ރެސްޓޯރެންޓަކަށްވާނެ ކަމުގެ ޔަގީންކަން ސިލްވާ ސްޕޫނަށް އޮތްއިރު އިތުރު އެހެން ތަނެއް ހުޅުވުމަށް ލޮކޭޝަނެއް ހޯދުމުގެ މަސައްކަތް މިހާރު ވަނީ އެ ކުންފުނިން ފަށައިފަ އެވެ.
މެލޭޝިއާ އަދި ސިންގަޕޫރްގައި "ދަ މެންހާޓަން ފިޝް މާކެޓް" ގެ ގިނަ ރެސްޓޯރެންޓްތަކެއް ހުރެ އެވެ. އަވަށްޓެރި ލަންކާ އާއި އިންޑިއާ އަދި ބަންގްލަދޭޝްގައި ވެސް "ދަ މެންހާޓަން ފިޝް މާކެޓް"ގެ ރެސްޓޯރެންޓްތައް ވަރަށް މަގުބޫލުކަމާއެކު ހިނގަމުންދެ އެވެ. އޭގެ އިތުރަށް ގަތަރާއި ޔޫއޭއީ އާއި އޮމާން އާއި ތައިލެންޑާއި އިންޑޮނޭޝިއާ އަދި މިޔަންމާ ފަދަ ގައުމުތަކުގައި ވެސް އެ ބްރޭންޑްގެ ރެސްޓޯރެންޓް ހުރެ އެވެ.