ހަބަރު

ގޮތް ނޭނގޭ މަރުތައް ގިނަވާތީ ތަހުގީގުތައް ހަރުދަނާ ކުރަނީ

ގޮތް ނޭނގޭ މަރު ނުވަތަ ސުވާލު އުފެދޭ މަރުތައް ހިމެނޭ މައްސަލަތަކުގައި މަރުވި ސަބަބު ދެނެގަތުމުގައި ފަސޭހަތަކެއް ހޯދުމަށް ފޮރެންސިކް ޕެތޮލޮޖީގެ ހިދުމަތް ރާއްޖޭގައި ފެށުމާ ގުޅޭގޮތުން ފުލުހުން އާސަންދަ ކުންފުންޏާއެކު މަޝްވަރާކޮށްފި އެވެ.

އިއްޔެ ބޭއްވި އެ މަޝްވަރާ ބައްދަލުވުމުގައި ފުލުހުން ވަނީ އެމަސައްކަތުގައި ހުޅުމާލެ ހޮސްޕިޓަލްގެ އެހީތެރިކަން ހޯދަން މަޝްވަރާކުރަން ނިންމާފަ އެވެ. އެގޮތުން ޕެތޮލޮޖީގެ ހިދުމަތް ގާއިމް ކުރުމަށް ބޭނުންވާ ޖާގަ ހަމަޖެއްސުމާއި މި ހިދުމަތް ފޯރުކޮށްދިނުމަށް އެހެނިހެން އެހީތެރިކަން ހުޅުމާލެ ހޮސްޕިޓަލުގެ ފަރާތުން ހޯދަން ވަނީ މަޝްވަރާކޮށްފަ އެވެ.

އަދި ހުޅުމާލެ ހޮސްޕިޓަލްގައި މި ހިދުމަތް ގާއިމްކުރުމަށް ބޭނުންވާ ޖާގައިގެ ދަތިކަން ހުރުމާއެކު އެކަމާގުޅޭގޮތުން ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެކު މަޝްވަރާކުރުމަށްވެސް އިއްޔެގެ ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ފުލުހުން ބުނީ އިއްޔެގެ ބައްދަލުވުމުގައި މި ހިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެ ބާރަށް ކުރިއަށް ގެންދިޔުމަށްޓަކައި ފުލުހުންނާއި އާސަންދަ ކޮމްޕެނީ އަދި ހެލްތު މިނިސްޓްރީ ގުޅިގެން މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

ފުލުހުން ބުނީ ފޮރެންސިކް ޕެތޮލޮޖީގެ ހިދުމަތް ފެށުމުން މެޑިކޯ-ލީގަކްގެ ހިދުމަތް މިހާރަށްވުރެ ބޮޑަށް ތަރައްގީވާނެ ކަމަށެވެ.

ދާދިފަހުން މާލޭގެ ދެ ގެއަކުން ވަނީ މަރުވެފައި އޮތް ތިން މީހުން ފެނިފަ އެވެ. އޭގެ ތެރެއިން އެއްގެއަކުން މަރުވެފައި ތިއްބާ ފެނުނު ދެމަފިރިންގެ މަރުގެ ހަގީގަތް އަދިވެސް ނުހޯދެ އެވެ.