ފިނިޕޭޖް

މިރޭ 8 ބައިވެރިޔެއްގެ ހުށަހެޅުންތައް، ވޯޓް ދޭން ހުޅުވާލާނެ!

މިރޭ މިއީ މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދެއެއްގެ އަސްލު ފޯރި ފެށިގެންދާ ރެ އެވެ. މިރޭ އޮތީ އައިޑޮލްގެ ޕީއާނޯ ރައުންޑެވެ. މި ޝޯގައި ގަދަ 16 ބައިވެރިންގެ ތެރެއިން އަށް ބައިވެރިޔަކު ލަވަ ހުށަހަޅައިދޭނެ އެވެ.

މިރޭ އަށް ބައިވެރިން ވަކިވަކި ލަވަތަކެއް ހުށަހަޅައިދޭނެއިރު ގުރޫޕް ލަވައެއް ވެސް ފެނިގެންދާނެ އެވެ. ބައިވެރިން ބުނަނީ މި ރައުންޑުގައި ތަފާތު ލަވަތަކެއް ފެނިގެންދާނެ ކަމަށެވެ. އަދި ބައިވެރިންގެ ހުނަރުގެ ސަބަބުން ޖަޖު ކުރުމަށް ޖަޖުންނަށް އުނދަގޫވާ ފެންވަރުގެ ޕާފޯމެންސް ތަކެއް ފެނިގެންދާނެ ކަމަށް ބައިވެރިން ބުނެ އެވެ.

ޕިއާނޯ ރައުންޑުގައި ލަވަކިޔާ ފުރަތަމަ އަށް ބައިވެރިންގެ ތެރޭގައި ހިމެނެނީ މުހައްމަދު ރީހާން، އިބްރާހިމް ވަހީދު، ޝަނީޒާ ޝަރީފް، ޝަޒާ އަބްދުﷲ ރަޝީދު، މުހައްމަދު ތަސްނީމް (ބޮބް)، މުހައްމަދު ހަމްދާން، އަހްމަދު ސައްޔާހު އަދި ޝަމްވީލް މުހައްމަދު އެވެ.

މި އަށް ބައިވެރިން މިރޭ ހުށަހަޅައިދޭ ލަވައް ތިން ޖަޖުން އިންސާފުކުރާނެއިރު ތިޔަ ބެލުންތެރިންނަށް ވެސް މިރޭ މި ފުރުސަތު ލިބިގެންދާނެ އެވެ. މޯލްޑިވިއަން އައިޑޮލް ސީޒަންގެ ދެއެއްގެ އާންމުންގެ ވޯޓުލުން މިރޭ ފެށޭނެ އެވެ. އެންމެ ހިތްކިޔާ ބައިވެރިޔަކަށް އެސްެއެމްއެސް ކުރުމުގެ ފުރުސަތު މިރޭގެ ޝޯ ފެށުމާއެކު މާދަމާގެ މެންދުރުފަހު ތިނެއްގެ ނިޔަލަށް އޮންނާނެ އެވެ. އެސްއެމްއެސް ކުރަން ޖެހެނީ MI ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކޮށްލާ، އެ ބައިވެރިޔަކަށް ދީފައިވާ ކޯޑު ޖެހުމަށްފަހު 303 ކަށެވެ. ކޮންމެ ނަންބަރަކުން ވެސް ގިނަ ވެގެން 50 އެސްއެމްއެސް ކުރެވޭނެއިރު އެސްއެމްއެސްއަކަށް ތިން ރުފިޔާ ޗާޖްކުރާނެ އެވެ. މި ވޯޓްގެ ކަންކަން ބެލުމަށް ހަވާލުކޮށްފައިވަނީ ކްރޯވް ހޮވަތް އެލްއެލްފީ އޮޑިޓް ފާމާ އެވެ.

މިރޭ ބައިވެރިންނަށް ލިބޭ ޖަޖުންގެ މާކްހާއި ބެލުންތެރިންގެ ވޯޓު އެކުކޮށްލުމަށްފަހު އެންމެ ދަށް މާކްހެއް ލިބޭ ދެ ބައިވެރިން މާދަމާ ރޭގެ ޝޯއިން ވަކިވެގެންދާނެ އެވެ. އެލިމިނޭޝަން ޝޯ ދައްކާނީ ޓީވީއެމްއިން ވަގުތުންނެވެ. މޯލްޑިވިއަން އައިޑޮލް ސީޒަން ދެއަކަށް ޓީއެމްއެމްގައި ތައްޔާރުކޮށްފައިވާ ހިތްގައިމު ސެޓް ވެސް މިރޭ ފުރަތަމަ ފަހަރަށް ފެނިގެންދާނެއިރު މިރޭގެ ޝޯއަކީ "މިސް" ކޮށްލެވޭ ވަރުގެ ޝޯއެކެވެ. އެހެންކަމުން ހުރިހާ ކަމެއް ނިންމާ މިރޭ 10:30 އަށް ޓީވީއެމްއިން ދައްކާ އައިޑޮލް ބެލާށެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން ދެ އެއްގެ ޕިއާނޯ ރައުންޑަށް ހޮވިފައިވާ އަނެއް އަށް ބައިވެރިންނަކީ އަހްމަދު ނަބީލް، ހަމޫދު އަހްމަދު، ހަސަން އިރުފާން، އަހްމަދު ފަރަޝް، އައިޝަތު ޖައިޝާ، އަހްމަދު މާއިޝް، އަބްދުﷲ ހިޝާން، ހުސެން ސަމާހު އެވެ.

އެ ބައިވެރިންގެ ހުށަހެޅުންތައް ފެނިގެންދާނީ އަންނަ ހަފުތާ އެވެ. އެ އަށް ބައިވެރިންގެ ތެރެއިން ވެސް އަންނަ ހަފުތާ ދެ ބައިވެރިން ކަޓައިގެންދާނެ އެވެ. އަދި އައިޑޮލްގެ މި ފަހަރުގެ ގަދަ 12 ޔަގީންވެގެންދާނެ އެވެ.