ވިޔަފާރި

އައިޑޮލްއަށް ވޯޓު ދީގެން ސެމްސަންގް ގިއާ ވީއާރެއް ހޯދުމުގެ ފުރުސަތު ދީރާގުން

މޯލްޑިވިއަން އައިޑޮލް ސީޒަން ދެއެއްގެ ފޯރި އިތުރަށް ވަރުގަދަ ކުރުމަށް ޝޯގެ ޓައިޓަލް ސްޕޮންސާ ދިރާގުން މިރޭ މިވަނީ އަނެއްކާވެސް މުޅިން އާ ކަމެއް ހުޅުވާލާފަ އެވެ. މިރޭ ބެލުންތެރިންނަށް ބައިވެރިންނަށް ވޯޓު ދިނުމުގެ ފުރުސަތު ލިބިގެންދާނެއިރު ވޯޓު ދޭ ބެލުންތެރިންނަށް ވެސް އިނާމެއް ހޯދުމުގެ ފުރުސަތު ދިރާގުން މިއޮތީ ހުޅުވައިދީފަ އެވެ.

އައިޑޮލްގެ ޕިއާނޯ ރައުންޑް މިރޭ ފަށާއިރު، މިރޭ ގަދަ 16 ބައިވެރިންގެ ތެރެއިން އަށް ބައިވެރިޔަކު ލަވަ ހުށަހަޅައިދޭނެ އެވެ. މާދަމާ ރޭ އެ އަށް ބައިވެރިންގެ ތެރެއިން ދެ ބައިވެރިޔަކު ކަޓާނެއިރު، އެންމެ ހިތްކިޔާ ބައިވެރިޔަކު ޝޯގައި ބެހެއްޓުމުގެ ވަރަށް ބޮޑު ބާރެއް ބެލުންތެރިންގެ އަތުގައި އެބަ އޮތެވެ. ވޯޓު ދިނުމުގެ ބާރެވެ. އެންމެ ހިތްކިޔާ ބައިވެރިޔަކަށް އެސްެއެމްއެސް ކުރުމުގެ ފުރުސަތު މިރޭގެ ޝޯ ފެށުމާއެކު މާދަމާގެ މެންދުރުފަހު ތިނެއްގެ ނިޔަލަށް އޮންނާނެ އެވެ. އެސްއެމްއެސް ކުރަން ޖެހެނީ MI ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކޮށްލާ، އެ ބައިވެރިޔަކަށް ދީފައިވާ ކޯޑު ޖެހުމަށްފަހު 303 ކަށެވެ. ކޮންމެ ނަންބަރަކުން ވެސް ގިނަ ވެގެން 50 އެސްއެމްއެސް ކުރެވޭނެއިރު އެސްއެމްއެސްއަކަށް ތިން ރުފިޔާ ޗާޖްކުރާނެ އެވެ.

ދިރާގުން މިރޭ ފެށި ޕްރޮމޯޝަނަކީ ވޯޓު ދިނުމަށް އެސްެއެމްއެސް ކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތެއް ނަގައި، ނަސީބުވެރި ތިން ފަރާތަކަށް އަގުހުރި ސެމްސަންގު ގިއާ ވީއާރެއް ދިނުމަށް ފެށި ޕްރޮމޯޝަނެކެވެ. ކޮންމެ ހަފުތާއަކު ވޯޓު ދޭ ފަރާތްތަކުގެ މެދުގައި ނަސީބުވެރި ތިން ފަރާތެއް ހޮވައި އިނާމް ދޭން ނިންމާފައިވާއިރު ގިނައިން ވޯޓު ދޭ ފަރާތްތަކަށް ލަކީޑްރޯއިން ނަސީބު ހޯދުމަށް ފުރުސަތު ބޮޑުވާނެ އެވެ.

މި ޕްރޮމޯޝަންގެ އިތުރުން ވެސް ދިރާގުން ވަނީ އައިޑޮލްގެ ފޯރިއާ ދިމާކޮށް އެހެން ޕްރޮމޯޝަނެއް ފަށާފަ އެވެ. ދިރާގުން މިރޭ ވަނީ #ޖަޖްއެންޑްވިން ޕްރޮމޯޝަނެއް ފަށާފަ އެވެ. މި ސީޒަން ނިމެންދެން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި މޯލްޑިވިއަން އައިޑޮލް ދައްކަން ފެށުމާއެކު #ޖަޖްއެންޑްވިން ހޭޝް ޓެގާ އެކު ދިރާގު ޓެގުކޮށްފައި ޝޯއާ ގުޅޭ ގޮތުން އެމީހެއްގެ ހިޔާލުތައް ބަންޑުން ކުރަންވީ އެވެ. މޯލްޑިވިއަން އައިޑޮލް ދައްކާ ވަގުތު، ފޯރީގައި ޓްވީޓް ކުރަންވީ އެވެ. އެގޮތުން ގުރުއަތުން ހޮވާލާ ޓްވީޓުތަކުން ހޮވޭ ފަސް ފަރާތަަކަށް ދިރާގުން އެއް ޖީބީ ހިލޭ ޑޭޓާ ދޭނެ އެވެ. އެ ފަރާތަކީ އުރީދޫ ކަސްޓަމަރެއް ނަމަ އެހެން މީހަކަށް ހަދިޔާވެސް ކުރެވިދާނެ އެވެ. ނޫނީ ދިރާގު ކަސްޓަމަރަކަށް ބަދަލުވެ ދެ ޖީބީ ޑޭޓާ ހިލޭ ހޯދަން ވީ އެވެ.

އެހެން އިނާމެއްވެސް އެބައޮތެވެ. ހުކުރު ދުވަހުގެ ރޭ އަދި ހޮނިހިރު ދުވަހުގެ ރޭ ކުރާ ޓުވީޓުތައް އެއްކޮށް ގުރުއަތުލައިގެން ހޮވޭ އެއް ފަރާތަކަށް ސެމްސަންގު ވީއާރު ސެޓެއް، ދިރާގުން ވަނީ ދޭން ނިންމާފަ އެވެ. ޓުވީޓު ކުުރުމުގެ މުއްދަތަކީ ހުކުރު ދުވަހުގެ ރޭ 10:30 އިން ހޮނިހިރު ދުވަހުގެ ހެނދުނު 10:30 އަށެވެ. އަދި ހޮނިހިރު ދުވަހު ދޭ ޑޭޓާ ޕެކޭޖު ހޯދަން ޓުވީޓު ކުރަންވީ އެރޭ 10:30 އިން އާދިއްތަ ދުވަހު ހެނދުނު 10:30 އަށެވެ. އިނާމްތައް ލިބޭ ފަރާތް އިއުލާނުކުރުންވެސް އޮތީ ޓުވިޓާގަ އެވެ. އެކަމަށް ހާއްސަ ނޮޓިފިކޭޝަނެއްވެސް ދިރާގުން ފޮނުވާނެ އެވެ. އެކަމަކު އެކައުންޓު ވެރިފައި ނުކޮށެއް އިނާމެއް ނުލިބޭނެ އެވެ.