ލައިފްސްޓައިލް

ގުރުއާން ހިތުދަސްކޮށް ނަބީހު ހާފިޒަކަށް

އުމުރުން 14 އަހަރުގެ އަހުމަދު ނަބީހަކީ އާ ނަމެއް ނޫނެވެ. ނަބީހަކީ އޭނާގެ ހުނަރުން މުޅި ރާއްޖޭގެ ސަމާލުކަން ހޯދާފައިވާ ކުއްޖެކެވެ. އެގޮތުން މިފަހުން ޝަލަބީ އިބްރާހިމްއާ ގުޅިގެން ނެރެފައިވާ ނަބީހުގެ މަދަހަ ސީޑީއާއެކު ނަބީހަށް އެންމެންގެ ސަމާލުކަން ހުއްޓުނެވެ. އަދި ޗެނަލް 13 ގައި ޤުރުއާން ކިޔަވާ ގަޑިތަކުގައި ރީއްޗަށް ފަރިތަކަމާއެކު ޤުރުއާން ކިޔަވައި ނަބީހަށް އެކަމުން ވެސް ވަނީ މަގުބޫލުކަން ލިބިފަ އެވެ.

އެހާ ޅަ އުމުރުގައި އޭނާގެ އާދަޔާ ހިލާފު ހުނަރު އެންމެންނަށް ދައްކާލާފައިވީ ނަމަވެސް ނަބީހަކީ އޯޓިޒަމް ހުންނަ ކުއްޖެކެވެ. އެހެންނަމަވެސް އެތއް ހުނަރަކުން ފުރިފައިވާ ކުއްޖެކެވެ. ނަބީހުގެ ޤުރުއާން ކިޔުމުގެ ހުނަރަކީ ވަރަށް ވެސް ތަފާތު ހުނަރެކެވެ. ނަބީހަށް ޤުރުއާން ކިޔަވައިދިނުމުގެ ބުރަ މަސައްކަތް ކުރަމުން އަންނަ އަހުމަދު އަލި ދީދީ ބުނި ގޮތުގައި ނަބީހަކީ އަދާޔާ ހިލާފު ހުނަރެއް ލިބިފައިވާ ކުއްޖެކެވެ. އެކަހަލަ ކުއްޖެއްގެ ކިބައިން ނުފެންނާނެ ވަރުގެ ކުޅަދާނަ ހުނަރެއް ނަބީހުގެ ކިބައިން ފެންނަކަން އޭނާ ފާހަގަކުރި އެވެ. ހަތިމުން ތަންކޮޅެއް ދެއްކުމަށްފަހު އެއް ފަހަރު ކިޔަލައި، ދެވަނަ ފަހަރަށް ނުބަލާ ކިޔާލުމުގެ ހުނަރު ނަބީހުގެ އެބަ ހުއްޓެވެ. އަހުމަދު ބުނިގޮތުގައި އެއީ އޭނާގެ މަންމަ ކުރި ހަނގުރާމައިގެ ނަތީޖާ އެވެ. އެވަރުގެ ކެތްތެރި މަންމައެއް ނުދެކޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ނަބީހުގެ މަންމައަކީ ލ. މާވަށަށް އުފަން އައިމިނަތު މުހައްމަދެވެ. ނަބީހުގެ އެންމެ ޅަ ދުވަހުން ފެށިގެން ވެސް އައިމިނަތު ދެކެމުން އަންނަ ހުވަފެނަކީ އޭނާ ހާފިޒަކަށް ހެދުމެވެ. އެއީ، ޑޮކްޓަރުން ވެސް ނަބީހަށް ޤުރުއާން ކިޔެވޭނެ ކަމާއި އެ ރޮނގުން އޭނާ ކުރިއަށް ގެންދިޔުމަށް ލަފާ ދީފައިވާތީ އެވެ. ނަބީހު އެންމެ ކުޑައިރުންސުރެ ކުރަމުން އައި މަސައްކަތުގައި މިހާރު ވަނީ ކުލަ ޖެހިފަ އެވެ. އޭނާ ވަނީ ޤުރުއާން އެއްކޮށް ހިތު ދަސްކޮށް، ހާފިޒަކަށްވެފަ އެވެ.

އައިމިނަތުގެ ހުވަފެން ހަގީގަތަކަށްވެފައިވާއިރު ޤުރުއާން އެއްކޮށް ނަބީހަށް ހިތުދަސްކުރެވޭނެކަން އެނގި އެކަމަށް އަމާޒު ހިފިތާ އަދިވީ އެންމެ ތިން މަހެވެ. ނަބީހު އެއްކޮށް ޤުރުއާން ހިތު ދަސްކޮށްފައިވާއިރު އޭނާ ޤުރުއާން ކިޔަނީ ވެސް އެހާ ފަރިތަކާއެކު ރީއްޗަށެވެ. ކުށް ޖެހި އަޅައިގަންނަ ގޮތް އެއްވެސް ވަރަކަށް ނުވެ އެވެ. ޤުރުއާންއާ ބެހޭ މަރުކަޒުން ވެސް ވަނީ އެކަން ފާހަގަކޮށްފަ އެވެ. އެ މަރުކަޒުން ވެސް ދެކޭ ގޮތުގައި ނަބީހަކީ އެންމެ އަވަހަށް އަދި އެންމެ ފަރިތަކާއެކު ޤުރުއާން ހިތް ދަސްކުރި ކުއްޖާ އެވެ.

ނަބީހު މިހާރު ހާފިޒަކަށްވެފައިވީ ނަމަވެސް ނަބީހަށް ޤުރުއާން ކިޔަވައިދިނުމަށް އައިމިނަތު ކަޑަތުކުރީ ގޮންޖެހުން ނެތް މަގެއް ނޫނެވެ. މިހާރު ހެޔޮއެދޭ ފަރާތެއްގެ އެހީއާއެކު ނަބީހަށް ޤުރުއާން ކިޔަވައިދޭ ގޮތްވެފައިވީ ނަމަވެސް ނަބީހު އެންމެ ޅައިރު އޭނާ ގެންދިޔަ ޤުރުއާން ކްލާސްތަކުން ވަނީ ބޭރުކޮށްލާފަ އެވެ. އޭނާއަށް ކިޔަވައިނުދެވޭނެ ކަމަށް ބުނެ އެވެ. ނަބީހަށް ޤުރުއާން ކިޔަވައިދިނުމުގެ ހަރަދުތައް އުފުލާފައިވާ ހެޔޮ އެދޭ ފަރާތަށް އައިމިނަތު ވަނީ ޝުކުރުއަދާކޮށްފަ އެވެ.

އައިމިނަތުގެ މިހާރުގެ އަމާޒަކީ ނަބީހު މުދިމަކަށް ހެދުމެވެ. އެއީ އޭނާގެ ދެވަނަ ހުވަފެނެވެ. އެ ހުވަފެން ހަގީގަތަކަށް ހެދުމަށް މިހާރު ވެސް އައިމިނަތު ވަނީ މަސައްކަތް ފަށާފަ އެވެ.

"މިއީ މާތް ﷲގެ ވާގިފުޅާއެކު ހާސިލުވި ކަމެއް، ވަރަށް ގިނަ މަސައްކަތްތަކެއްގެ ނަތީޖާ މިއަދު ލިބިފައިމިވަނީ، ޑޮކްޓަރުން ބުނެފައިވާ ގޮތަށް މި ދާއިރާގައި އިނގިލިން ގުނާލެވޭ ވަރުގެ ކުއްޖަކަށް ނަބީހު ހަދަން އަޅުގަނޑު ބޭނުންވި،" އައިމިނަތު ބުންޏެވެ.

އައިމިނަތު ވަނީ އޭނާގެ މި ހަނގުރާމާ ގައި އެހީތެރިވާ އެންމެންނަށް ޝުކުރުއަދާކޮށްފަ އެވެ. އެ އާއިލާއަށް އެކި ގޮތްގޮތުން އެހީތެރިވި އަދި އެހީތެރިވަމުންދާ ހުރިހާ ފަރާތްތަކަށް ހިތުގެ އެންމެ ފުންމިނުން އައިމިނަތު ވަނީ ޝުކުރުއަދާކޮށްފަ އެވެ. އަދި ނަބީހަށް އެކި ގޮތްގޮތުން އެހީތެރިވެ އެހީތެރިވަމުންދާ ފަރާތްތަކަށް ވެސް ވަނީ ޝުކުރުއަދާކޮށްފަ އެވެ.

"މިފަދަ ކުދިންގެ މައިންބަފައިންނަށް އަޅުގަނޑު ބުނެލަން ބޭނުންވަނީ ހިތްވަރު ގެއްލުވާނުލާށޭ، ހިތްވަރާއެކު އެ ކުދިން ގޮވައިގެން މަސައްކަތް ކޮށްފިނަމަ އެއީ ވެސް ކާމިޔާބު ކުދިންތަކަކަށް ހެދޭނޭ، މިފަދަ ކުދިން ތިބޭ މައިންބަފައިން ވަކިނުވެ އެކުގައި އުޅުމުގައި އެ ކުދިންގެ މުސްތަގުބަލަށް ވަރަށް މުހިންމު ކަމެއް، ކެތްތެރިކަމާއެކު މަސައްކަތް ކުރުން ވަރަށް މުހިންމު،" އައިމިނަތު ބުންޏެވެ.