ފިނިޕޭޖް

އައިޑޮލްއާ މިރޭ ވަކިވާން ޖެހުނީ ޝަނީޒާ އަދި ސައްޔާހު

މޯލްޑިވިއަން އައިޑޮލް ސީޒަން ދެއެއްގެ ފުރަތަމަ އެލިމިނޭޝަންގެ ޝިކާރައަކަށް ޝަނީޒާ ޝަރީފް އަދި އަހްމަދު ސައްޔާހު ވެއްޖެ އެވެ.

ޕިއާނޯ ރައުންޑްގެ ފުރަތަމަ ބުރުން ސައްޔާހު އަދި ޝަނީޒާ ކަޓާފައިވަނީ ރޭ ލަވަ ހުށަހަޅައިދިން އަށް ބައިވެރިންނަށް ލިބުނު ޖަޖުންގެ މާކްހާއި ބެލުންތެރިންގެ ވޯޓު އެއްކޮށްލުމުން އެންމެ ދަށް މާކްސް ލިބުމުންނެވެ.

ޝަނީޒާ ޝަރީފް ރޭ "ދުރުވާން ޖެހުނަސް" ހުށަހަޅަދިން އިރު އަހްމަދު ސައްޔާހު ހުށަހަޅައިދީފައިވަނީ "ހިތް ބޭނުމޭ ދުލުން" އެވެ.

އެލިމިނޭޝަނުން ސަލާމަތްވެ، ގަދަ 12 އިން ވަނީ ހަ ބައިވެރިޔަކު ޖާގަ މިރޭ ކަށަވަރުކޮށްފަ އެވެ. އެއީ، މުހައްމަދު ރީހާން، އިބްރާހިމް ވަހީދު، މުހައްމަދު ތަސްނީމް (ބޮބް)، މުހައްމަދު ހަމްދާން، ޝަޒާ އަބްދުﷲ ރަޝީދު އަދި ޝަމްވީލް މުހައްމަދު އެވެ.

އަންނަ ހަފުތާ ޕިއާނޯ ރައުންޑްގެ ދެވަނަ ޝޯ ދައްކާނެއިރު ބާކީ ތިބި އަށް ބައިވެރިން ލަވަ ހުށަހަޅައިދޭނެ އެވެ. އެ އަށް ބައިވެރިންނަކީ އަހްމަދު ނަބީލް، ހަމޫދު އަހްމަދު، ހަސަން އިރުފާން، އަހްމަދު ފަރަޝް، އައިޝަތު ޖައިޝާ، އަހްމަދު މާއިޝް، އަބްދުﷲ ހިޝާން، ހުސެން ސަމާހު އެވެ.

އެ އަށް ބައިވެރިންގެ ތެރެއިން ވެސް ދެ ބައިވެރިން ޝޯއިން ވަކިވެގެންދާނެ އެވެ. އަދި ގަދަ 12 ޔަގީންވެގެން ދާނެ އެވެ.