މާރާމާރީ ހިންގުން

ނުކުޅެދޭ މީހަކަށް ބިދޭސީއަކު ޖެއްސުންކޮށް މާރާމާރީ ހިންގައިފި

ގަވައިދާ ހިލާފަށް ގއ. ކޮލަމާފުށީގައި އުޅެމުންދާ ބިދޭސީއަކު އެ ރަށުގެ މީހަކަށް ހަމަލާދީ ހިންގި މާރާމާރީއެއްގައި ދިވެހި މީހާ ޒަހަމްކޮށްލައިފި އެވެ. ބަންގްލަދޭޝްގެ އެމީހާ މިދިއަ ބުދަ ދުވަހު ހަމާލާދީ ޒަހަމްކޮށްލާފައި ވަނީ ކޮލަމާފުށީގެ މީހެކެވެ. އޭނާއަކީ އޯޓިޒަމް ހުންނަ މީހެކެވެ.

ބިދޭސީ މީހާގެ ހަމަލާއިން ޒަހަމްވި އުމުރުން 24 އަހަރުގެ އަލްހަމް ވަހީދުގެ މަންމަ އަވަސް އަށް މައުލޫމާތު ދެމުން ބުނީ ބިދޭސީ މީހާގެ ފަރާތުން އަލްހަމްއަށް ޖެއްސުން ކުރުންތައް އައިސް މާރާމާރީ ހިންގީ ކޮލާގައި ހުންނަ ފެނަކައިގެ އޮފީހަށް އަލްހަމް ވަޒީފާއަށް ދިޔަ މަގުމަތީގައި ކަމަށެވެ.

ފެނަކައިން އަލްހަމަށް ވަޒީފާ ހަމަޖެހުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ސަރުކާރުން ވަޒީފާ ދޭން ފެށި ޕްރޮގްރާމްގެ ތެރެއިންނެވެ. އޭނާގެ ގެ ހުންނަނީ ކޮލަމާފުށީގަ އެވެ. ކޮލާއަށް ދިޔުމަށް ކޮންމެ ދުވަހަކު އޭނާ ހިނގާފައި ދުުރު ރާސްތާއަކަށް ދެ އެވެ. -- ކޮލާއަކީ ކޮލަމާފުއްޓާ އެއް ފަހުން ގުޅާލާފައިވާ ކުޑަ ރަށެކެވެ.

އެ ރަށުގެ ބައެއް މީހުން ބުނީ އަލްހަމް ވަޒީފާއަށް ދާ ކޮންމެ ދުވަހަކު ބަންގްލަދޭޝްގެ އެ މީހާ މަގުމަތިން ދިމާކޮށް ޖެއްސުންކުރާ ކަމަށާއި މިދިޔަ ބުދަ ދުވަހު ކުރި މައްޗަށް އަރައި ހުރަސް އަޅައި އުދަނގޫ ކުރަން ފެށުމުން ހިތްހަމަ ނުޖެހިގެން އަލްހަމް އެމީހާ ކޮށްޕާލި ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަންގްލަދޭޝް މީހާ ރުޅިއައިސް މާރާމާރީ ހިންގީ ކަމަށެވެ.

މި މާރާމާރީގެ މަންޒަަރު ދުށް އެ ރަށުގެ ކައުންސިލްސިލްގެ މެންބަރަކާ ހަވާލާދީ އަލްހަމްގެ މަންމަ ބުނީ ބިދޭސީ މީހާ އަލްހަމްގެ އަތް އަނބުރާލައި އަތުގައި ވަރަށް ބާރަށް ދަތް އެޅުމުގެ އިތުރުން ގަލަކުން ޖަހަން ވެސް މަސައްކަތް ކުރި ކަމަށާއި އޭނާ ފިލައިގެން ދިޔައީ ގަލުން ޖަހަން އުޅެނިކޮށް ކައުންސިލްގެ މެންބަރަށް ފެނި ހުރަސް އެޅުމުން ކަމަށެވެ. އަލްހަމްގެ މަންމައަކީ ވެސް ކޮލަމާފުށީ ކައުންސިލްގެ އިދާރާގައި މަސައްކަތް ކުރާ މީހެކެވެ.

މާރާމާރީއާ ގުޅިގެން ކޮލަމާފުށީ ސިއްހީ މަރުކަޒުގައި އަލްހަމަށް ފަރުވާ ދިނުމަށްފަހު އެ މައްސަލަ ވަނީ ފުލުހަށް ހުށަހަޅާފަ އެވެ. މި މާރާމާރީއާ ގުޅިގެން ބިދޭސީ މީހާ ހައްޔަރު ކުރި އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އިދާރީ މައްސަލަތަކެއް ކުރިމަތިވެގެން އޭނާގެ ބަންދުގެ މުއްދަތު ޖެހޭ ގޮތް ނުވެ ވަނީ ވީއްލިފަ އެވެ.

މި މާރާމާރީއާ ގުޅިގެން ފުލުހުން ވެސް އަދި ކޮލަމާފުށީ ކައުންސިލްގެ އިދާރާއިން ވެސް މައުލޫމާތު ސާފުވާ ގޮތެއް ނުވި އެވެ. ނަމަވެސް މާރާމާރީގެ މައުލޫމާތު ކޮލަމާފުށީގެ އެކި ފަރާތްތަކުން ވަނީ އަވަސް އާ ހިއްސާކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ބުނީ އެފަދަ މާރާމާރީއެއް ހިންގި މީހަކު ދޫވެ، ކޮލަމާފުށީގައި ހުުރުމުން އާންމުން ކަންބޮޑޫވެފައިވާ ކަމަށެވެ.