ރިޕޯޓް

ފައިމަގުގައި މާލެއިން-ހުޅުލެއަށް، މިއީ ތަފާތު އިހުސާސެއް!

  • ސަސްޕެންޝަން ބްރިޖަކުން މާލެ-ހުޅުލެ ވަނީ ގުޅާލާފައި
  • ހިނގާފައި ދެވޭތީ މަސައްކަތް ވަނީ ހަލުއިވެފައި
  • އެތައް ދުވަހެއްގެ އުންމީދު ފުރިހަމަވި ކަހަލަ

ބްރިޖެއްގައި ހިނގާލަން ގިނަ ދިވެހިންއަށް އަދި ފުރުސަތު ލިބިފައިނުވި، ނަމަވެސް ބްރިޖަކީ މިހާރު ދިވެހިންގެ ދޫ މައްޗަށް އެންމެ ފަސޭހަ ބަހެވެ. އިރުއޮއްސޭ ގަޑި އާއި އިރުއަރާ ގަޑީގައި ވެސް ބްރިޖްގައި ދުއްވާލެވޭނެ ކަމުގެ އިންތިޒާރުގައި، ލޮނު ޒިޔާރަތް ކޮޅަށް އެއްވެ ތިބޭ ދިވެހިން ވެސް ވަނީ އިތުރުވެފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ، މާލެ އާއި ހުޅުލެ ގުޅާލާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ މިހާރު ދިވެހިންގެ އެންމެ ބޮޑު އުއްމީދެވެ. އެ ބްރިޖްގެ ސަބަބުން މާލޭ ސަރަހައްދަށް ބޮޑު ބަދަލެއް އައިސް، ސަރަހައްދުގައި ތަރައްގީ މެކުހަށް ވެސް ޖަހާނެ އެވެ. އެ ބްރިޖްގެ މަސައްކަތް ޝެޑިއުލްއަށްވުރެ ބާރަށް ދަނީ ކުރިއަށެވެ. މާލޭ ރެސްޓޯރެންޓްތަކުގައި ކޮފީ ބޯން ތިބެ ބްރިޖް އަޅާ ސަރަހައްދަށް ބަލާލުމުން މާގިނަ މަސައްކަތްތަކެއް ކުރާތަން ނުފެނިދާނެ އެވެ. މަސައްކަތް ހުއްޓި، ލަސްވެފައިވާ ކަމަށް ވެސް ހީވެދާނެ އެވެ.

އެކަމަކު އެއީ އަސްލު މަންޒަރެއް ނޫނެވެ. އަސްލު ބޮޑު މަންޒަރު ފެންނަނީ ބްރިޖްގެ މަސައްކަތް ކުރުމަށް އަޅާފައިވާ ޕްލެޓްފޯމަށް އަރާލައި މަންޒަރު ބަލާލުމުންނެވެ. އެތަނުން ފެނިގެންދަނީ ތިހީކުރާވަރަށް ވުރެ ވެސް ބޮޑު މަންޒަރެކެވެ. އަވަދިނެތި އެތައް ބިޔަ މަސައްކަތްތަކެއް ކުރެވޭ ތަނެވެ. އަންދާޒާނުކޮށްލެވެހާ ބުރަ ބޮޑެތި މަސައްކަތްތައް އެތާ ދަނީ ކުރަމުންނެވެ. އެވެސް އެހާ ހަލުވިކަމާއެކު އެވެ. އަދި އެހާމެ ބޮޑެތި ބަދަލުތައް ކޮންމެ ދުވަހަކު ވެސް އެތަނަށް ދަނީ އަންނަމުންނެވެ.

ޝެޑިއުލްއަށްވުރެ މާ އަވަހަށް ބްރިޖްގެ މަސައްކަތްތައް ކުރަމުންދާއިރު، މިހާރު ވަނީ މާލެ އާއި ހުޅުލެއަށް ހިނގާފައި ދެވޭ ގޮތަށް ވަގުތީ ބްރިޖަކުން އެދެމެދު ގުޅާލާފަ އެވެ. މާލެއިން ފެށިގެން ވަކި ހިސާބަކަށް އަޅާފައިވާ ޕްލެޓްފޯމްގައި ހިނގާފައި ގޮސް، ވަކިން ހަދާފައިވާ ސަސްޕެންޝަން ބްރިޖަކަށް މިހާރު އެރޭ ގޮތް ވަނީ ހަދާފަ އެވެ. އެ ސަސްޕެންޝަން ބްރިޖްގެ އަނެއް ކޮޅު ގުޅެނީ ހުޅުލެއިން ފެށިގެން އަޅާފައިވާ ޕްލެޓްފޯމާ އެވެ.

މީގެކުރިން މި ދެ ޕްލެޓްފޯމް އޮންނަނީ ނުގުޅި އެވެ. އެހެންކަމުން ހިނގާފައިވާ މާލެއިން ހުޅުލެއަށް ދެވޭ ގޮތެއް ނުވެ އެވެ. ނަމަވެސް ވަރަށް ފަހުން ދެ ޕްލެޓްފޯމް ގުޅުވާލުމަށް ހަދާފައިވާ ސަސްޕެންޝަން ބްރިޖާއެކު ހުޅުލެ އާއި މާލެ މިވަނީ ފައިމަގުން ދެވޭ ގޮތަށް ފުރަތަމަ ފަހަރަށް ގުޅާލެވިފަ އެވެ. މިއީ ވަރަށް ތާރީހީ ކަމެކެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ހިނގާފައި ކަނޑު ހުރަސްކޮށް ބްރިޖެއްގައި އެ ރަށުން އަނެއް ރަށަށް ދެވުނު ފުރަތަމަ ފަހަރެވެ. އެފަދަ ފުރަތަމަ ބުރިޖެވެ.

ހަގީގީ ބިޔަ ބްރިޖް އަންނަން އަދި ދުވަސްތަކެއް އޮތްއިރު ހިނގާފައި މިގޮތަށް މާލެއިން ހުޅުލެއަށް ދާން ފުރުސަތު ލިބުމަކީ ހަމަ ވަރަށް އެހެން ކަހަލަ އިހުސާސެކެވެ. އިއްޔެ ނޫސްވެރިންނަށް ވަނީ މި ފުރުސަތު ލިބިފަ އެވެ. ނޫސްވެރިން ވަނީ ސަސްޕެންޝަން ބްރިޖަށް އަރައި، އެ ތަޖުރިބާކޮށްފަ އެވެ.

"މިއީ ވަރަށް އެހެން ކަހަލަ ތަޖުރިބާއެއް، މީގެކުރިން މިކަހަލަ ސަސްޕެންޝަން ބްރިޖެއްގަ ހިނގައެއް ނުލަން، އަބަދުވެސް ފެނޭ ގައުމުތަކުގައި ވަރަށް ހާލުގައި ސަސްޕެންޝަން ބްރިޖް މީހުން ހުރަސްކުރާތަން، އަބަދުވެސް އެކަހަލަ ބްރިޖަކަށް އަރާލައި، ހިނގާލާ ހިތްވެފަ ހުރީ، މިއީ ހަމަ ވަރަށް ތަފާތު ސަޅި ކަމެއް،" ސަސްޕެންޝަން ބްރިޖަށް އެރި ނޫސްވެރިޔަކު ބުންޏެވެ.

މި ސަސްޕެންޝަން ބްރިޖްގެ މައިގަނޑު ހަދާފައިވަނީ ދަގަނޑު ވަލަކާއި ދަގަނޑު ފަތިތަކެއް ގުޅުވައިގެންނެވެ. ހިނގާފައި ދެވޭނެ ގޮތަށް މައިގަނޑުގައި ދަގަނޑު ދާގަނޑެއް އަޅާފައިވާއިރު ސަލާމަތަށްޓަކައި ދެ އަރި މަތީ ވެސް ވަނީ ދާ ޖަހާފަ އެވެ.

އެ ބްރިޖް މަތީ ހުރެ ވަށައި ބަލާލާއިރު ފެންނަނީ މާސިންގާ ކަނޑެވެ. ތިރިއަށް ބަލާލިއަސް ފެންނަނީ ކަނޑެވެ. އެތަނުގައި ގުދުރަތީ އެ ރީތިކަމާއެކު ފެނިގެން ދަނީ ތަރައްގީ އެވެ. މާލެ އާއި ހުޅުލެ ގުޅިގެންދާ މަންޒަރެވެ. މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ އެ ބްރިޖްގައި މަޑުކޮށްލައި، އެ ބްރިޖުން ހުރަސްކޮށްލުމަކީ ވަރަށް ތަފާތު ތަޖުރިބާއަކަށްވި އެވެ. އިހުސާސްކުރެވުނީ ބުނަން ނޭނގޭ ފަދަ އުފާވެރިކަމެކެވެ.

ސަސްޕެންޝަން ބްރިޖެއް އަޅައި، ދެ ޕްލެޓްފޯމް ގުޅާލުމުގެ ސަބަބުން ބްރިޖްގެ މަސައްކަތަށް ވެސް ވަނީ އިތުރު ހަލުވިކަން އައިސްފަ އެވެ. އެއީ، މިހާރު ސައިޓްގައި މަސައްކަތްކުރާ މުވައްޒަފުން ފެރީއެއްގައި ނުވަތަ އެނޫން އެހެން އުޅަނދެއްގައި ހުޅުލެއަށް ދާން ނުޖެހޭތީ އެވެ. ހުޅުލެ ސައިޓްގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިހާރު ހިނގާލާފައި މާލެއިން ހުޅުލެއަށްދެވެ އެވެ. މިކަމުގެ ސަބަބުން ވަރަށް ގިނަ ވަގުތުތަކެއް ސަލާމަތްކުރެވެ އެވެ.

ދެ ޕްލެޓްފޯމާއި ސަސްޕެންޝަން ބްރިޖާއެކު ވެސް މިހާ އުފާވެރިކަމާއި ޝައުގުވެރިކަން ގެނެސްދިންއިރު ހަގީގީ ބްރިޖް އެޅި، އެ ބްރިޖަށް އަރަން ފުރުސަތު ލިބުމުން އަދި ކިހާ ބޮޑު އުފަލަކަށްވާނެ ހެއްޔެވެ؟ ދެން އިންތިޒާރުކުރެވެނީ އެ ދުވަހަކަށެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ބްރިޖްގެ މަސައްކަތް ކުރިއަށް ދަނީ ވަރަށް ބާރުމިނުގަ ކަމަށެވެ. ޝެޑިއުލްކޮށްފައިވާ ގޮތަށް ހުރިހާ މަސައްކަތްތަކެއް ވެސް ނިންމާލެވެމުންދާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ބްރިޖްގެ މަސައްކަތް ނިންމަން ތާވަލުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ކަމަށެވެ. ނަމަވެސް އެ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ބްރިޖް ނިންމައި، ހުޅުވޭތޯ ވެސް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.