ރިޕޯޓް

ފ އަތޮޅު "ވިއްކާލާ" ވާހަކައިގެ ހަގީގަތް މި އޮތީ

Feb 23, 2017
39
  • ގާނޫނުތައް އޮތީ މުޅި ފ އަތޮޅު އެކީ ދެވޭގޮަތަކަށް ނޫން
  • ތަރައްގީ ކުރަން އުޅެނީ ތިން ނޯޓިކަލް މޭލް ހުންނަ ފަޅެއް
  • ފްރީހޯލްޑް އުސޫލަކީ ދުނިޔޭގައި ތަޖުރިބާ ކުރާ ކާމިޔާބު ނިޒާމެއް

މިހާރު މުޅި ރަށުތެރޭގައި އެންމެ ހޫނުގަދަ ވާހަކައަކީ ފ އަތޮޅުގެ މީހުން ބާލައި މުޅި އަތޮޅު އެކީ ހިބައިން ސައުދީގެ ޝާހީ އާއިލާއަށް ދޭ ވާހަކަ އެވެ. "ފ އަތޮޅަށް ހަދަން މި އުޅެނީ ކިހިނެތް؟" ކެމްޕޭންގެ ދަށުން ރާއްޖޭގައި ހަރަކާތްތެރިވާ، މަދަނީ ޖަމްއިއްޔާއެއް ކަމަށްވާ، ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވެސް ވަނީ ކެމްޕޭނެއް ފަށައިފަ އެވެ. ސޯޝަލް މީޑިއާޔާއި ސިޔާސީ ޕޯޑިއަމްތައް ކަށްކުވާލާފައި ވަނީ ފ އަތޮޅު ވިއްކާލާ ގޮވެލިފަތިންނެވެ. އެކަމަކު މިއީ ކިހާވަރެއްގެ ހަގީގަތެއް އޮތް ވާހަކައެއް ހެއްޔެވެ؟ ސަރުކާރަށް މިކަން މިހެން ކުރެވިދާނެ ހެއްޔެވެ؟

ރާއްޖޭގެ ރަށްތަކާއި ފަޅުތައް އަދި އެހެނިހެން ވެސް ބިންތައް އެތަނުގެ މިލްކްވެރިކަމާ އެކު ބޭރު ބަޔަކަށް ދިނުމުގެ ފުރުސަތެއް ސަރުކާރަކަށް ކިރިޔާ ވެސް ލިބެނީ، މަޖިލީހުން ގާނޫނު އަސާސީއަށް 2015 ވަނަ އަހަރުގެ ޖޫން މަހު ފާސްކޮށް، ގެނައި އިސްލާހަކުންނެވެ. އެމްޑީޕީގެ މެންބަރުންގެ ވޯޓާ އެކު ފާސްވި މި އިސްލާހާ އެކު ގާނޫނު އަސާސީއަށް މުޅިން އާ ބާބު، 15 ވަނަ ބާބު އިތުރުކޮށް ފްރީ ހޯލްޑިންގެ އުސޫލުން ބިމުގެ މިލްކްވެރިކަން ބޭރުގެ ފަރާތްތަކަށް ދެވޭނެ ހަރުކަށި އުސޫލުތަކެއް އެބައިގައި ވަނީ ކަނޑައަޅައިފަ އެވެ.

އެ ޝަރުތުތަކުގެ ކުރިން، ގާނޫނު އަސާސީގެ 251 ވަނަ މާއްދާއަށް ގެނައި އިސްލާހުގައި ވެސް އިންވެސްޓްމަންޓެއް ހިންގުމަށް ބިން ބޭރުގެ ފަރާތަކަށް ބިން މިލްކް ކޮށްދެވޭނީ، "ދިވެހިރާއްޖޭގެ ސަރަަހައްދުގެ މައްޗަށް އޮތް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު، އޭގެ ޒާތުގައި ބީވެ، ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް އުނިވުން ކަމުގައި ނުބެލެވޭ ގޮތަށް ކަމަށް" ސާފު ބަހުން އެ އިސްލާހުގައި ވަނީ ލިޔެފަ އެވެ. އެހެން ކަމުން ރާއްޖޭގެ ބިމެއްގެ މިލްކްވެރިކަން އިންވެސްޓަރަކަށް ދިން ނަމަވެސް ރާއްޖޭގެ ސަރުކާރުގެ ފުރިހަމަ ބާރާއި ގާނޫނުތައް އެތަނުގެ މައްޗަށް ހިނގަ އެވެ. އަދި ތިރީގައި މިހިރަ ޝަރުތުތައް ގާނޫނު އަސާސީގެ 15 ވަަނަ ބާބުގައި އޮންނަހާ ހިނދަކު، އެއީ ސިޔާސީ ގޮތުން ވާހަކަ ފަތުރާ ގޮތަށް، ގައުމުގެ މިނިވަންކަން ގެއްލޭ ގޮތަށް ކުރެވޭނެ ވެސް ކަމެއް ނޫނެވެ.

ގާނޫނު އަސާސީގެ މުހިންމު ނުގުތާތައް:

  • މަދުވެގެން އެއް ބިލިއަން ޑޮލަރު ޕްރޮޖެކްޓަށް އިންވެސްޓްކުރުން.
  • އެ ޕްރޮޖެކްޓް ހިންގާ ސަރަހައްދުގައި މެދު ދިޔައިގައި ފެންނަން އޮންނަ ބިމުގެ މަދުވެގެން 70 ޕަސެންޓް ބިމަކީ އެ ޕްރޮޖެކްޓަށް ހިއްކާފައިވާ ބިމަށްވުން.
  • ޕްރޮޖެކްޓް ހިންގަން މިލްކޮށްދޭ ސަރަހައްދުގައި ހުރި ޖުމްލަ ބިމުގެ ނިސްބަތް މުޅި ރާއްޖޭގައި ހުރި ބިމުގެ ޖުމްލައިގެ 10 ޕަސެންޓަށް ވުރެ ބޮޑުވެގެން ނުވާނެ.

އެހެން ކަމުން ފްރީހޯލްޑްގެ އުސޫލުން ބިމުގެ މިލްކްވެރިކަން ބޭރުގެ ފަރާތްތަކަށް ދޫކުރުމަށް ސަރުކާރުން އިސްނަގައިގެން 2015 ވަނަ އަހަރު ގާނޫނު އަސާސީއަށް ގެނައި އިސްލާހަކީ ބޭރުގެ މީހުންނަށް ބިންތައް ވިއްކުމަށް ގާނޫނު އަސާސީގެ އެންމެ މާއްދާއަކަށް ގެނައި ބަދަލެއް ނޫނެވެ.

ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި، ހަގީގަތުގައި އެ އިސްލާހުގެ ސަބަބުން ބިމުގެ މިލްކްވެރިކަމަށް ވުރެ ބޮޑަށް، އިންވެސްޓަރަށް ހޯދައިދޭ ޔަގީން ކަމަކީ، އެ ބިމުގެ ހަދާ އިންފްރާސްޓްރަކްޗާގެ މިލްކްވެރިކަމާއި، އެކި ފަރާތްތަކަށް ބަދަލު ކުރުމަށް ލިބިދެވޭ ހުއްދަ އެކެވެ. އަދި އެ ހުއްދަ ލިބިދީފައި ވަނީ އެތަނަށް ރާއްޖޭގެ ވެރިކަމުގެ ބާރު ނޫނީ ގާނޫނުތައް ނުހިނގާ ގޮތަކަށް ނޫންކަން އޭނާ ފާހަގަ ކުރެއްވި އެވެ. ބިމެއް އިންވެސްޓަރުގެ މިލްކްގައި އޮތަސް އެތަނުގައި ކުރެވޭ ހުރިހާ މުއާމަލާތެއް ހިންގަން ޖެހެނީ މި އިސްލާހުގެ ދަށުން ވެސް ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އެހެން ކަމުން ފ އަތޮޅު އެކީ ވިއްކާލައި، އެ އަތޮޅު ފަޅުކޮށް އެތަނުގެ މިލްކްވެރިކަން ސައުދީގެ ޝާހީ އާއިލާއަކަށް ދޭން ނިންމާފައިވާ ކަމަށް ބުނެ ބޮޑު ބިރެއްގެ ގޮތުގައި މިކަން ސިފަކުރަމުން އަންނަނީ ސިޔާސީ މަގުސަދެއްގައި ނޫންބާ އެވެ؟

ލޯޔަރު ވިދާޅުވި ގޮތުގައި މިލްކްވެރިކަން ލިބޭނީ ވެސް ޕްރޮޖެކްޓް ހިންގުމަށް ބިން ހިއްކުމުން އެ ހިއްކާ ބިމުގެ ސަރަހައްދުވެސް ހިމެނިގެންނެވެ. އެހެން ކަމުން ޕްރޮޖެކްޓް ހިންގާ ކުންފުންޏަށް ލިބޭ ބިމުގެ ބޮޑު ބަޔަކީ މުޅިން އަލަށް ހިއްކާ ބިމަށް ވާނެ އެވެ. އަދި ޕްރޮޖެކްޓް ހިންގަން މިލްކޮށްދޭ ސަރަހައްދުގައި ހުރި ޖުމްލަ ބިމުގެ ނިސްބަތް މުޅި ރާއްޖޭގައި ހުރި ބިމުގެ ޖުމްލައިގެ 10 ޕަސެންޓަށް ވުރެ ބޮޑުނުވާނެ ގޮތަށް ކަމަށް އޮންނަ އިރު ފ އަތޮޅު އެކީ ހިބައިން ދެވޭނެ އެއްވެސް ގާނޫނީ ހުއްޖަތެއް ފެންނާކަށް ނެތްކަން ލޯޔަރު ފާހަގަ ކުރެއްވި އެވެ.

އެމްޑީޕީގެ މެންބަރު، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިދިޔަ އަންގާރަ ދުވަހުގެ ރޭ، ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ބިމެއް ބޭރު ބަޔަކަށް "ވިއްކާލުން" ބޭނުން ކުރަނީ ރަނގަޅު މައުލޫމާތު ނެތުމުން ކަމަށާއި ފްރީ ހޯލްޑްގެ އުސޫލުން ބިން ދެވެނީ، ރިސޯޓް އިންވެސްޓްމަންޓެއް ކުރުމަށް 99 އަހަރަށް ރަށްތަކާއި ފަޅުތައް ދޭ އުސޫލުން ކަމަށެވެ. އަދި އެ ނޫން ގޮތަކަށް ސަރުކާރުން އަމަލެއް ކުރާނެ ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ. ޝަރީފް އެހެން ވިދާޅުވާ މައިގަނޑު ސަބަބަކީ އެވަރުގެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބަޔަކު ތަނެއް ކުއްޔަށް ހިފުމުގެ ކުރިން އެއީ ރާއްޖޭގެ ގާނޫނުތަކުގެ ތެރެއިން އެވޯޑް ކުރާ ޕްރޮޖެކްޓެއްތޯ ޔަގީން ކުރާނެ އެވެ. އެހެން ކަމުން ސައުދީގެ ޝާހީ އާއިލާއަށް ވެސް މުޅި ފ އަތޮޅު ދެވޭ ގޮތަށް ކަން ކުރަން ސަރުކާރުން އުޅޭ ކަމަށް ބުނުމަކީ މޮޔަ ވާހަކައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"ކޮންމެ އިންވެސްޓްމަންޓެއް ކުރާ ބަޔަކުވެސް އަޅުގަނޑަށް ޔަގީން ޑިއުޑިލިޖެންސް ހަދާނެ. މިވެރިކަމަށް ވެސް މި އޮތީ އެންމެ ދެ އަހަރު. އެހެންވީމާ މުޅި އަތޮޅު ގަނެ މިކަހަލަ ކަމެއް މިއީ ކުރެވޭ ގޮތަކަށް ނޫން ގާނޫނުތައް މި އޮތީ. ގާނޫނުތައް އޮތް ގޮތުން އެކަހަލަ ކަމަކަށް ތަންނުދެންޔާ އެބޭފުޅުންނެއް ވެސް އެކަހަލަ އެއްބަސްވުމެއް ނުހަދާނެ،" ޝަރީފް . ވިދާޅުވި އެވެ. "ދެން އަނެއް ކަމަކީ ރިސޯޓްތައް ވެސް މިހާރު މިދެނީ 99 އަހަރަށް. އެއީ އަޅުގަނޑަށް ގަބޫލު ނުކުރެވޭ އެހާ ގިނަ އަހަރަށް ދިނުމެއް. އެކަމަކު އެކަން މި އޮތީ މެޖޯރިޓީ އިން ނިންމާފައި. އެހެން ވީމާ ސަރުކާރަށް ހަމަ ރިސޯޓް ތަރައްގީ ކުރަން މިދޭ ގޮތަށް ތަންތަން ހަމަ ދެވޭނީ،"

އެހެން ވީމާ މުޅި ފ އަތޮޅު އެކީ ވިއްކާލުމުގެ ވާހަކަ އަކީ ސިޔާސީ ގޮތުން ކައްކާ ފޮލަޔަކަށް މި އޮތީވެފަ އެވެ. އެ ވާހަކަތަކާ ގުޅިގެން ފ އަތޮޅު ކައުންސިލްގެ ރައީސް، އަބްދުލް ހަމީދު މުހައްމަދު ވިދާޅުވީ، 2015 ވަނަ އަަހަރު ޓޫރިޒަމް މިނިސްޓްރީއާ އެކު ބޭއްވި ބައްދަލުވުމެއްގައި، ހިމިތި އާއި އެ ރަށާ ގުޅިފައިވާ ތިން ނޯޓިކަލް މޭލުގެ މާވަރު ފަޅުގެ ތަރައްގީ ކުރުމަށް ސައުދީގެ މިހާރުގެ ރަސްގެފާނު ޝައުގުވެރިވާކަމުގެ ވާހަކަ ވަނީ ހިއްސާކޮށްފަ އެވެ. އަދި މުޅި އަތޮޅުން މީހުން ބާލައި މުޅި އަތޮޅު ސައުދީ ރަސްގެފާނަށް ދިނުމުގެ ވާހަކައެއް ނުދެކެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އަތޮޅު ކައުންސިލްގެ އެހެން މެންބަރެއް ކަމަށްވާ، އަބްދުލް ޖަލީލު ވެސް ވިދާޅުވީ މުޅި އަތޮޅުން މީހުން ހުސްކޮށް އަތޮޅު ވިއްކާ ވާހަކަ އަކީ ތެދެއް ކަމަށް ގަބޫލު ކުރަން ދައްޗެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ނިލަންދޫގައި 12 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދިޔުމާއި އެ އަތޮޅުގެ ބައެއް ރަށްރަށުގައި ނަރުދަމާގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމެވެ. އަދި އެ އަތޮޅުގެ އެއާޕޯޓް މަޝްރޫއުގެ.ފެށުމުގެ ތައްޔާރީތައް ވެސް ވާކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެފަދަ ބޮޑު މަޝްރޫއުތަކެއް ފެށިފައި އޮއްވާ މުޅި އަތޮޅު ހުސްކުރާނެ ކަމަށް އޭނާ ގަބޫލު ނުކުރައްވަ އެވެ.

"ތި ފެތުރުގެން އުޅޭ ވާހަކައިގެ ސީދާ މައުލޫމާތެއް އަޅުގަނޑުމެންނަކަށް ނުލިބޭ. އެކަމަކު ދަންނަވާލައިގެން މިއުޅެނީ. އެކަމަކު އަޅުގަނޑަށް ހަމަ ވަރަށް ޔަގީން މުޅި އަތޮޅު ވިއްކާލާ ވާހަކަ އަކީ ދޮގެއްކަން. އެއީ ނިލަންދޫގެ ބިންހިއްކާ އެހެން ވެސް ތަރައްގީގެ ކަންކަން މި އަތޮޅުގައި ދައުލަތުގެ ބޮޑު ހޭދައެއްކޮށްގެން ހިންގާ. އެފަދަ ހޭދަތަކެއް ހިއެއް ނުވޭ ކޮށްފާނެހެނެއް މި އަތޮޅުން މީހުން ހުސްކުރަންޔާ،" ޖަލީލު ވިދާޅުވި އެވެ.

ސަރުކާރުން މި މަޝްރޫއާ ގުޅޭގޮތުން މާކަ ގިނަ މައުލޫމާތުތަކެއް އަދި ހާމަކޮށްފައި ނުވާ އިރު، މިވަގުތަށް ތިލަވާ މައުލޫމާތުތަކުން ވެސް މި އެނގެނީ ސައުދީ ރަސްގެފާނު ތަރައްގީ ކުރަން ބޭނުންފުޅުވެގެން ޝައުގުވެރިކަން ފާޅު ކުރީ، ފ އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކާ މާ ދުރުގައި އެކަހެރިކޮށް އޮތް ހިމިތި އަށެވެ. އެހެން ކަމަށްވާ، ނަމަ ފ އަތޮޅުގައި ތަރައްގީ ކުރާ ޕްރޮޖެކްޓަކީ މިއީ ކަމަށްވުން ވަރަށް ކައިރި އެވެ. އަދި އެފަދަ ޕްރޮޖެކްޓެއް އެތަނުގައި ތަރައްގީ ކުރާ ނަމަ ފަޅެއް 99 އަހަރަށް ނަގައިގެން ތަރައްގީ ކުރުމާއި މާކަބޮޑު ފަރަގު ތަކެއް ނުހުންނާނެ އެވެ. އެހެން ވީމާ މުޅި އަތޮޅު ވިއްކާލާ ވާހަކަ އަކީ ސިޔާސީ ގޮތުން ކައްކާ ބޮޑު ފޮލާއެއް ނޫން ހެއްޔެވެ؟ ރިސޯޓް ތަރައްގީ ކުރަން މިހާރު ވެސް ފަޅުތަކާއި ބިންތައް ވަނީ ބޭރުގެ އެކި ފަރާތްތަކަށް ދީފަ އެވެ. މާލެ އަތޮޅުގެ ގިނަ ފަޅުތަކާއި ރަށްތައް ޓޫރިޒަމްގެ އެކި ބޭނުންތަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ މިހާރު ވެސް ކުރިއަށެވެ. އޭގެ ސަބަބުން ރާއްޖޭގެ މިނިވަންކަން ގެއްލޭ ހެއްޔެވެ؟ އިސްތިގުލާލަށް މިހާތަނަށް ބުރޫއެރި ހެއްޔެވެ؟ އެތަންތަން އޮޕަރޭޓް ކުރަނީ ދިވެހިންނަށް ގިނަ ވަޒީފާތަކެއް ދީ އަދި ދައުލަތަށް ޓެކްސް ދައްކައިގެންނެވެ. އެހެން ވީމާ ހިމިތީގައި ޓޫރިޒަމްގެ ވިލެޖެއް ނޫނީ ރިޓްރީޓެއް ތަރައްގީ ކުރާނަމަ އެއީ އިގްތިސާދަށް އެތައް ފައިސާތަކެއް ވަންނާނެ އުފެއްދުންތެރިކަން އިތުރުކޮށްދޭނެ ކަމެކެވެ.

ދެން އޮތީ އެސްއީޒެޑްގެ ސަރަހައްދެއްގެ ގޮތުގައި ފ އަތޮޅުގެ ވަކި ބައެއް ހިމަނައި އެތަން ތަރައްގީ ކުރުމެވެ. އެކަމަކު އެސްއީޒެޑްގެ ގާނޫނަކީ ވެސް ވަރުގަދަ އުސޫލުތަކެއްގެ ތެރެއިން ބިޔަ މަޝްރޫއުތައް ހިންގުމަށް ހެދިފައި އޮތް ގާނުނެކެވެ. އަދި އެ ތަންތަނުގައި ކުރާ ވިޔަފާރިތަކުން ޓެކްސް ނެގޭނެ ހާއްސަ އުސޫލުތަކެއް ވެސް އެ ގާނޫނުގައި ވަނީ ބަޔާންކޮށްފަ އެވެ. އެހެން ވީމާ އެސްއީޒެޑްގެ ގާނޫނުގެ ދަށުން ވެސް އެ މަޝްރޫއު ހިންގެން އޮތްގޮތީ އުސޫލުތަކެއްގެ ތެރެއިންނެވެ. އެވެސް ހަރުކަށިކޮށް އުސޫލުތަކެއްގެ ތެރެއިން އެސްއީޒެޑްގެ ބޯޑުން ހުއްދަ ލިބިގެން ކުރެވެން އޮތްކަމެކެވެ. އެސްއީޒެޑްގެ މަޝްރޫއެއް ވިޔަސް ސަރުކާރުގެ ބާރު ނުހިނގާ ގޮތަކަށް އެ މަޝްރޫއު ހިންގުމަކަށް ޖާގައެއް ނުލިބެ އެވެ.

ފްރީހޯލްޑްގެ އުސޫލުން ބިން ދޫކުރުމަކީ ރާއްޖެއަށް އާ ފޯމިއުލާއަކަށް ވިޔަސް ދުނިޔޭގެ އެތައްގައުމަކުން މި މޮޑެލްގެ ދަށުން ތަރައްގީ ގެންނަމުން އެބަދެ އެވެ. މިސާލަކަށް ދުބާއީ އާއި އޮސްޓްރޭލިޔާ ތައިލެންޑް އަދި އަވަށްޓެރި ސްރީލަންކާގައިވެސް ފްރީ ހޯލްޑް އުސޫލުން އިންވެސްޓަރުންނަށް ބިން މިލްކްކޮށްދެވެ އެވެ. ބޭނުމަކީ އިންވެސްޓަރުންގެ އިތުބާރު ދަމަހައްޓައި ދިނުމެވެ. އެހެން ނަމަވެސް، ފްރީ ހޯލްޑް އުސޫލުން ހިންގޭ މަޝްރޫއެއްގެ ސަބަބުން އޭގެން އެއްވެސް ގައުމެއް ބޮޑެތި ހާޖާނުތަކެއްގެ ތެރެއަށް ވެއްޓިފައެއް ނެތެވެ. އޭގެ ބަދަލުގައި ދުބާއީ ފަދަ ތަންތަން ކުރިއަރައި ދުނިޔޭގެ ބޮޑެތި ވިޔަފާރީގެ ހަބްތަކަށް ބަދަލުވުމުގެ އަސްލަކީ ފްރީހޯލްޑް އުސޫލުން އިންވެސްޓަރުންނަށް ލިބިފައި އޮންނަ އުސޫލުތަކެވެ. އެހެން ވީމާ، ހަރުދަނާ އުސޫލުތަކަކުން ރާއްޖެ ވެސް މިކަން ތަޖުރިބާ ކުރުން ކިހިނެތް ވާނެތޯ އެވެ؟ އިދިކޮޅު އެމްޑީޕީ އިން ވެސް މި ސިޔާސަތު ތަންފީޒު ކުރުމަށް އެބޭފުޅުންގެ ސަރުކާރުގައި ވެސް މަސައްކަތް ކުރެއްވި އެވެ. އެހެން ނަމަވެސް އޭރު ސިޔާސީ ގޮތުން މަޖިލިސް އެތުރިފައި އޮތްގޮތުން އެކަން ކާމިޔާބު ނުކުރެވުނީ އެވެ.

އެކަމަކު އެއްބަސްވެވޭ އެއްކަމަކީ އެ ޕްރޮޖެކްޓްގެ މައުލޫމާތު ސަރުކާރުން އެހާބޮޑަށް ރައްޔިތުންނާ ހަމަޔަށް ތިލަނުކުރުމެވެ. ހަމައެކަނި އެ ޕްރޮޖެކްޓާ ބެހޭ ގޮތުން ވާހަކަދެއްކެވީ، ރައީސް އަބްދުﷲ ޔާމީން ދާދިފަހުން ފ އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގަ އެވެ. ވިދާޅުވެފައި ވަނީ ފ އަތޮޅުގައި އިންޑަސްޓްރިއަލް ޝަހަރެއް ބިނާ ކުރުމަށް، ދުނިޔޭގެ ފެންވަރުގެ ބިޔަ މަޝްރޫއެއް ހިންގުމަށް ސައުދީގެ ވެރިކަމުގެ އިސް ފަރާތްތަކުން ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް، އެ މަޝްރޫއު މަޑުޖެހުނީ ސިޔާސީ ހަލަބޮލިކަމެއް އޮތުމުން ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެން ނަމަވެސް މިފަދަ ބޮޑު މަޝްރޫއެއްގެ މައުލޫމާތު އެއަށް ވުރެ ބޮޑަށް ކަމާ ގުޅޭ މުއައްސަސާތަކުން ރައްޔިތުންނަަށް ތިލަކޮށްދޭން ޖެހެ އެވެ. މިފަދަ މަޝްރޫއެއްގެ މައުލޫމާތު ވަރަށް ބޮޑަށް އާންމު ކުރަން ޖެހެ އެވެ. އެެއީ މަޝްރޫއެއްގެ ހަ ފުށް ރަނގަޅަށް ފެންނާނީ އެހެންކަމަށް ވާތީ އެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުން ގިނަ ވާހަކަތައް ދެއްކި ނަމަވެސް، ސަރުކާރުން އެ ޕްރޮޖެކްޓްގެ މައުލޫމާތު އާންމު ކުރުން ލަސްކުރަނީ އެ މަޝްރޫއު އެކީ ފައިނަލް ވުމުން މައުލޫމާތު އާންމު ކުރުމަށެވެ. އަދި އެއީ 100 ޕަސެންޓް އިގްތިސާދީ ޕްރޮޖެކްޓަކަށް ވާއިރު ސިޔާސީ ގޮތުން މީހުން ދައްކާ ކޮންމެ ވާހަކައަށް ރައްދު ދިނުމަކީ މަޝްރޫއު ސަރުކާރުން ވެސް ސިޔާސީ ކޮށްލުން ކަމަށް ވެދާނެތީ އަދި މަޑުކޮށްލައިގެން ތިބީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިހާރު ލިބިފައި ހުރި މަދު މައުލޫމާތުތަކާ އެކު، ސިޔާސީ އިދިކޮޅު ފަރާތްތަކަށް ވެސް މި މަޝްރޫއުގެ ވާހަކަ މުޅިން އޮޅުވާލައިގެން ދެއްކުމަށް ވަރަށް ބޮޑަށް ފުރުސަތު ލިބެ އެވެ. އެކަން އެބޭފުޅުން މިހާރު ވެސް ވަރަށް ރަނގަޅަށް އެބަ ކުރެ އެވެ.

ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް، ވިދާޅުވެފައިވާ ގޮތުގައި ފ އަތޮޅަށް އަންނަނީ ރާއްޖެ ނުދެކޭވަރުގެ މުޅި އަތޮޅު ތަރައްގީ ވާނެ ބިޔަ މަޝްރޫއެކެވެ. އަދި އެ މަޝްރޫއު ހިންގި ނަމަވެސް އަތޮޅުން މީހުން ބޭލުމަކީ ކުރާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި އެ މަޝްރޫއުގެ ސަބަބުން ފ އަތޮޅުގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފ އަތޮޅުގެ މަޝްރޫއާ މެދު ދައްކާ ސިޔާސީ ވާހަކަތަކުން ކުރަހައިދޭ މަންޒަރާއި މި މަޝްރޫއުގެ ހަގީގީ ބޮޑު މަންޒަރު މި އޮތީ މުޅިން ތަފާތު ކޮށެވެ. ސިޔާސީ މީހުންގެ ސިޔާސަ ވާހަކަތަކަށް ވުރެ މި މަޝްރޫއުގެ ހަގީގީ މަންޒަރަށް ފީނުމަށް އަމާޒު އަނބުރާލަން ޖެހެ އެވެ. ސިޔާސީ ވިސްނުމުން ދުރުވެ ހަމަ ބުއްދީގެ ވިސްނުމުން، މި މަޝްރޫއު އަޅާ ކިޔާލުން ކިހިނެތްވާނެ ހެއްޔެވެ؟