ވިޔަފާރި

ކުލަގަދަ ހަފުލާއެއްގައި ރާއްޖޭގެ "ގޯލްޑް 100" ކުންފުނި އިއުލާންކޮށްފި

ރާއްޖޭގެ ވިޔަފާރީގެ އެކި ދާއިރާތަކުގައި ހަރަކާތްތެެރިވާ، އެންމެ ބޮޑެތި ކުންފުނިތަކުގެ އިސް ފަރާތްތައް އެއްތަންކޮށް، ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި އެންމެ ވާދަކުރާ، "ރަން 100 ކުންފުނި" ނޫނީ "ގޯލްޑް 100" މިރޭ ހޮވައިފި އެވެ. މިއީ ރާއްޖޭގައި މިފަދަ ލިސްޓެއް އެކުލަވާލި ފުރަތަމަ ފަހަރެވެ.

އެ 100 ކުންފުނި އިއުލާންކޮށް އެ ފަރާތްތަކަށް އެވޯޑް ދީފައިވަނީ މިރޭ ކުރުނބާ ރިސޯޓްގައި ބޭއްވި "ގޯލްޑް 100" ގާލާ އިވެންޓްގަ އެވެ. އެ އިވެންޓްގައި ރާއްޖޭގެ ބޮޑެތި ހުރިހާ ކުންފުނިތަކަކުންހެން ވަނީ ބައިވެރިވެފަ އެވެ. އެ އިވެންޓް ޝަރަފުވެރިކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމެވެ.

މި 100 ކުންފުނީގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކާއި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާއި އިންޝުއަރެންސް ކުންފުނިތަކާއި ފަރްނީޗަރު ފަދަ ތަކެތި ވިއްކާ ބޮޑެތި ކުންފުނިތައް ވަނީ ހިމެނިފަ އެވެ. އެ ލިސްޓްގައި ހިމެނޭ ފާހަގަކޮށްލެވޭ އަމިއްލަ ކުންފުނިތަކުގެ ތެރޭގައި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އާއި ޔުނިވާސަލް އެންޓަޕްރައިޒަޒް އާއި ވިލާ ޝިޕިން އާއި އުރީދޫ، ދިރާގު، ކޯސްޓްލައިން ހާޑްވެއާ އާއި ޝަންސިޔާމް ކުންފުންޏާއި ރެއިންބޯ ފަދަ ކުންފުނިތައް ހިމެނެ އެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ބީއެމްއެލް، އެސްޓީއޯ، އެމްޓީސީސީ އެލައިޑް އިންޝްއަރެންސް، މޯލްޑިވްސް ގޭސް އަދި ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ އަދި އެއާޕޯޓްސް ކޮމްޕެނީ މި ލިސްޓްގައި ހިމެނެ އެވެ.

ގޯލްޑް 100 ކުންފުނީގެ ގޮތުގައި ހޮވި ކުންފުނިތަކަށް ވަނީ ހާއްސަ ޕްލާކެއް ވަނީ ދީފަ އެވެ. އަދި މިރޭގެ ހަފްލާގައި ނެރުނު "ގޯލްޑް 100" މެގަޒިންގައި އެ ކުންފުނިތަކުގެ ތަފްސީލް ޕްރޮފައިލްއެއް ވަނީ ހިމަނައިފަ އެވެ. ކޯޕަރޭޓް މޯލްޑިވްސް އިން ކޮންމެ އަހަރެއްގެ ފަހު ކުއާޓާގައި އާންމު ކުރަން ނިންމާފައިވާ މި ލިސްޓަށް ކުންފުނިތައް ހޮވާފައިވަނީ ހާއްސަ ކޮންސަލްޓަންޓް ކޮމިޓީއަކުން އިންސާފުކޮށްގެންނެވެ.

ކޯޕަރޭޓް މޯލްޑިވްސްގެ ސީއޯއޯ ޑރ. ހުސެއިން ސަނީ އުމަރު ވިދާޅުވީ، މި ލިސްޓް އެކުލަވާލުންވީ ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވި ކަމަކަށް ކަމަށެވެ. ލިސްޓްގައި ހިމަނާފައިވާ 100 ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 10،000 ކުންފުނީގެ ތެރެއިން ޖަޖުންގެ ޕެނަލުން ރަނގަޅަށް އިންސާފުކުރުމަށް ފަހު ހޮވި ކުންފުނިތައް ކަމަށް ވެސް ސަނީ ވިދާޅުވި އެވެ.

ގޯލްޑް 100 ގާލާ ހަފްލާގެ މައި ސްޕޮންސަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. އިތުރު ސްޕޮންސަރުންގެ ތެރޭގައި އެލައިޑް، އެމްޑަބްލިޔުއެސްސީ، އެމްޓީސީސީ އަދި ދިރާގު ހިމެނެ އެވެ. މި ހަފްލާއަކީ މިނިސްޓްރީ އޮފް ފިނޭންސާއި މަރުކަޒީ ބޭންކް އެމްއެމްއޭގެ އިތުރަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އަދި ކެޕިޓަލް މާކެޓް ޑިވޮލޮޕްމަންޓް އޮތޯރިޓީގެ ވަރަށް ބޮޑު ބައިވެރިވުމަކާ ވެސް އެކު ބާއްވާ ހަފްލާ އެކެވެ.