އަވަސް އެހީ

ސިކުންތަކު އެއް ފަހަރު ފިޓްޖެހޭ: ކެތްތެރިކަމުގެ އިންތިހާ!

"ދަރިފުޅު ދަރިފުޅު އޭ އޭ ދަރިފުޅު..." މިހެން އެ ބައްޕަ ގޮވާލީ ލޯބިނެއް ނޫނެވެ. ހާސްވެގެންނެވެ. ދަރިފުޅުގެ ކޮނޑުގައި ހިފާ ތަޅުވާލީ ދަރިފުޅުގެ ހަށިގަނޑަށް ދިރުން ގެންނާށެވެ. ތެޅިތެޅި އޮތް ދަރިފުޅު ހަމައަކަށް އެޅުވުމަށެވެ. ނޭވާ ކޮޅުން ލާފައިވާ ދަރިފުޅު މަތަ ކުރުމަށެވެ. ކިތަންމެ ހާސްވެފައި އެ ބައްޕަ އެ ވަގުތު ހުރި ނަމަވެސް މިއީ އޭނާއަށް އާ ކަމެއް ނޫނެވެ. އަބަދުމެ ހާލެވެ.

މިހާރު އުމުރުން އަށް އަހަރުވެފައިވާ ހަސަން އަނޫފަކީ ދުނިޔެއަށް އުފަންވިއިރު ވެސް ނުކުޅެދޭ ކުއްޖެކެވެ. ހިނގާ ބިނގާވެ ނޫޅެވޭއިރު ވާހަކައެއް ވެސް ނުދެއްކެ އެވެ. ކަނދުރާގައި ވާތްގެއް ނުހުރެ އެވެ. ފިޓް ޖެހޭ ކުއްޖެކެވެ. ކޮންމެ ސިކުންތަކު އެއް ފަހަރު ފިޓް ޖެހޭ ކުއްޖެކެވެ. ކޮންމެ ސިކުންތަކު އެއް ފަހަރު އޭނާއަށް ފިޓް ޖެހޭ ކަމަށް ޓެސްޓްތަކުން ދައްކާއިރު ފިޓް ޖެހޭކަން އެނގެނީ އޭނާގެ އަތްފައި ފިނިވެ ގަޔަށް ވާންގަނޑެއް އެރުމުންނެވެ. ދުވާލަކު އެތައް ފަހަރަކު އެ ތުއްތު ކުއްޖާ އެކަން ތަހަންމަލުކުރެ އެވެ.

ހިތުގައި ތިން ލޯވަޅު ވެސް ހުންނަ އަނޫފްގެ މަންމަ އާއި ބައްޕަ އަބަދުމެ ތިބެން ޖެހެނީ ދަރިފުޅަށް ބަލަހައްޓައިގެންނެވެ. ފިޓް ޖެހި ދަރިފުޅު ތެޅެން ފަށާނީ ކޮން އިރަކު ކަމެއް ނޭނގެ އެވެ. ރެއެއް ދުވާލެއް ނެތި އަބަދުމެ ތިބެން ޖެހެނީ އެ ދަރިފުޅު ލޯ މައްޗަށް ފެންނަ ހިސާބުގަ އެވެ. ޑޮކްޓަރުން ވެސް ވަނީ އޭނާ އެކަނި ނުކޮށްލުމަށް އަންގާފަ އެވެ. އެއީ ފިޓް ޖެހޭ ވަގުތު ނޭވާ ހާސްވެ ދަރިފުޅަށް ދެރަ ގޮތެއް ވެދާނެތީ އެވެ.

އެފަދަ ދަރިއެއްގެ މައިންބަފައިން އުޅެމުންދާނެ ހާލު ހިޔާލަށް ގެނެވޭ ހެއްޔެވެ؟ ނޫނީ އެމީހުންގެ ހިތުގައި އަޅާނެ ވޭން އިހުސާސްކޮށްލެވޭ ހެއްޔެވެ؟

ށ. ނޫމަރާއަށް އުފަން މިހާރު އެ އަތޮޅު ފުނަދޫގައި ދިރިއުޅެމުންދާ ފާރޫގު ހުސެއިނާއި އޭނާގެ އަންހެނުންގެ ދިރިއުޅުން ހަގީގަތު ވެސް ވަރަށް ހިތްދައްޗެވެ. ދެމަފިރިންނަކީ މާލީ ގޮތުން ތަނަވަސް ބައެއް ނޫނެވެ. އެ ދެމަފިރިންގެ ލޮލުން ފެނިގެން ދަނީ ހިތްދަތިކަމުގެ މަންޒަރެވެ. ނަމަވެސް ދަރިފުޅަށްޓަކައި އިންތިހާއަށް ކެތްކުރަމުންދާ މަންޒަރެވެ.

ފާރޫގަކީ ށ. ފުނަދޫގެ މިސްކިތުގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަމުންދާ މީހެކެވެ. ފަސް ދަރިން ތިބިއިރު އަނޫފަކީ އެންމެ ހަގު ދަރި އެވެ. އާއިލާގެ އޭނާ ނޫނީ އާމްދަނީއެއް ލިބޭނެ މީހެއް ނެތެވެ.

ފުދުންތެރި ދިރިއުޅުމަކަށް ގަދަ އަޅައި މަސައްކަތް ކުރަމުންދާއިރު ލޯބިވާ ދަރިފުޅު، އަނޫފަށް ބޮޑެތި ހަރަދުތަކެއް ކުރަން ޖެހެ އެވެ. އަނޫފްގެ ހިތުގައި ތިން ލޯވަޅު ހުންނައިރު މޭގައި ދަވަ ހެދި އަބަދުވެސް އާވި އަރުވަން ޖެހެ އެވެ. ނޭވާ ނުލެވޭ ވަރަށް ދަވަ އުފެދުމުން ޖެހެނީ އާވި އަރުވާށެވެ. ކޮންމެ ހަފުތާއަކު އެކަމަށް އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހެ އެވެ.

އަނޫފަށް އެއްގޮތަކަށް ވެސް އަމިއްލައަށް ބޮޑުކަމު ވެސް ނުދެވެ އެވެ. އެކަން ކުރަން ޖެހެނީ ބޭސް ދީގެންނެވެ. އެކަމަށް ބޭސްތަކެއް ގަންނަން ޖެހިފައިވާއިރު ފިޓް ޖެހޭތީ އިންޑިއާގެ ހޮސްޕިޓަލަކަށް ދެއްކުމުން އެ ޑޮކްޓަރު ވެސް ވަނީ ބޭސްތަކެއް ދީފަ އެވެ. އެ ބޭސްތައް ދިން ނަމަވެސް އޭނާއަށް ފިޓް ޖެހުނަސް ގަވާއިދުން ދަނީ ބޭސް ދެމުންނެވެ. އެ ބޭހަކީ ރާއްޖެއިން ލިބޭ ބޭހެއް ނޫނެވެ. ޖެހެނީ ބޭރުން ގަންނާށެވެ. އެބޭހަކީ އާސަންދައިން ވެސް ލިބޭ ބޭހަކަށް ނުވެ އެވެ. ބޭސް ގެނައުމުގައި ކުރީގެ ނައިބު ރައީސް ވަހީދުއްދީންގެ އެހީތެރިކަން އެ އާއިލާއަށް ލިބޭއިރު ދެ ފަހަރެއްގެ މަތިން އިންޑިއާއަށް ގޮސް ހޮސްޕިޓަލަށް ދެއްކީ ވެސް ވަހީދުއްދީން ދެއްވި އެހީއެއްގަ އެވެ.

ދަރިފުޅުގެ ހާލު އިންތިހާއަށް ގޯސްވެގެން މާލެ އައީ މީގެ 15 ދުވަސް ކުރިންނެވެ. އެ ހުރިހާ ދުވަހު ކޮޓަރިއެއް ކުއްޔަށް ހިފައިގެން އެ ދެމަފިރިން އަނޫފު ގޮވައިގެން ތިބިއިރު ދަރިފުޅަށް އެދެވޭ އެއްވެސް ފަރުވާއެއް ވަނީ ނުދެވިފަ އެވެ. ޑޮކްޓަރުން އެންގީ އާވި އަރުވާ މެޝިނެއް ގަތުމަށެވެ. އަމިއްލައަށް ގޭގައި އެކަން ކުރެވޭ ގޮތް ހޯދުމަށެވެ. އެ މެޝިނު ގަންނަން ފާރޫގު އަތުގައި ފައިސާއެއް ނެތެވެ. އާސަންދައިން އެ މެޝިނެއް ނުލިބެ އެވެ.

މާޔޫސްވެ ކަރު އެރުވާލައިގެން ފާރޫގު ނިންމީ އެނބުރި ރަށަށް ދާށެވެ. އެހީގެ އަތެއް އަދި އުއްމީދުގެ އެއްވެސް އަލިކަމެއް އޭނާއަށް ނުފެނުމުންނެވެ.

މީހުންގެ ގާތުން އެހީއަށް އެދި އޭނާ ވަނީ މިވީ އަށް އަހަރު ތެރޭގައި ވަރަށް ސަލާން ޖަހާފަ އެވެ. ދާއިރާގެ މެންބަރުގެ އަރިހުގައި އެހީއަށް އެދި ސަލާން ޖަހަމުން ހިނގިއިރު، ރާއްޖޭގެ ނަން މަޝްހޫރު ބޮޑެތި ވިޔަފާރިވެރިންގެ އަރިހުގައި ވެސް ފާރޫގު ވަނީ އެހީއަށް އެދި އާދޭސްކޮށްފަ އެވެ. ނަމަވެސް އެ ބޭފުޅުންގެ ފަރާތުން އޭނާއަށް ލިބުނީ މުޅިން ވެސް ހިތް ކުދިކުދި ވެގެންދާ ފަދަ ޖަވާބުތަކެވެ. "ބަލިވާ ކޮންމެ ފަހަރަކު ސަލާން ޖަހާކަށް ނުޖެހޭ،" މަޝްހޫރު ވިޔަފާރިއެއްގެ ފަހަތުގައި ހިނގަމުން އެހީއަށް އެދެން ފެށުމުން އެ ބޭފުޅާ ދިން ޖަވާބަކީ މިއީ އެވެ. އެތައް ދުވަހަކު އާދޭސްކޮށްގެން މެންބަރުން ދެއްވީ އެންމެ 1،000 ރުފިޔާ އެވެ. އެ ދުވަސްތަކަކީ އޭނާގެ ހަޔާތުގައި އައި އެންމެ ހިތްދަތިވި ދުވަސްތަކެކެވެ. އެ ވާހަކަތައް ހިއްސާކުރާއިރު އަދިވެސް ފާރޫގުގެ ފެންކަޅިވެ އެވެ.

އެ ދުވަސްތަކަކީ ފާރޫގު ހަނދާނުން ދުވަހަކު ވެސް ފިލައިގެން ދާނެ ދުވަސްތަކެއް ނޫނެވެ. ދަރިފުޅަށްޓަކައި ދެކޭ ހުވަފެންތައް އެއިން ކޮންމެ ދުވަހަކު ވެސް ވަނީ ފުނޑުފުނޑުވެފަ އެވެ. އުއްމީދު ގެއްލުވާލައި، ބިކަކޮށްލާފަ އެވެ. އެފަދަ މާޔޫސްކަމާއެކު މިފަހަރު ވެސް ފާރޫގު މާލެއިން ފުރައިގެން ދާން ވިސްނާފައި ހުއްޓާ އޭނާއާ ދިމާވީ ކުރީގެ ޑިސްއޭބިލިޓީ އެމްބެސެޑާ ހިސާންއާއެވެ. ވަރަށް ޖެހިލުންވެހުރެ ހިސާން ގާތު އެހީއަކަށް އޭނާ އެދުނެވެ. އެހެން ހަމަ އެއްވެސް ގިތެއް ނެތިގެންނެވެ. އޭގެ ފަހުން 24 ގަޑިއިރު ނުވަނީސް ހިސާން ވަނީ އަމިއްލަ ހަރަދުގައި އަނޫފަށް އަވީ އަރުވާ މެޝިނެއް ގަނެދީފަ އެވެ. އަދި، އަނޫފް ޑޮކްޓަރަށް ދެއްކުމާއި އެ ނޫން ކަންކަމުގައި އެ އާއިލާއަށް އެހީތެރިވާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

އާވި މެޝިނެއް އަނޫފަށް މިހާރު ލިބިފައިވާއިރު އޭނާގެ ބައްޕަގެ މިހާރުގެ އުއްމީދަކީ އިންޑިއާއިން ލަފާދީފައިވާ ގޮތަށް އަނޫފްގެ ހިތުގެ އޮޕަރޭޝަން ކުރުމެވެ. އިންޑިއާގެ ޑޮކްޓަރުން ވަނީ އަނޫފްގެ ހިތުގައިވާ ތިން ލޯވަޅު އޮޕަރޭޝަން ކޮށްގެން ރަނގަޅުވާނެ ކަމަށް ބުނެފަ އެވެ. އަނޫފްގެ ހިތް ރަނގަޅު ކުރެވިއްޖެނަމަ މިހާރު އޭނާ އުފުލަމުންދާ ތަކުލީފުތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ. އޮއްޓަރު ހުރި އެއްޗެއް އަނޫފަށް ނުކުވޭއިރު ފެން ކޮޅެއް ޖައްސާލިޔަސް އަރަނީ ކޮއްޓެވެ. މޭގައި ދަވަ އުފެދި ނޭވާ ހާސްވާއިރު ހިތުގެ އޮޕަރޭޝަނަށްފަހު އެކަންކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިދާނެ ކަމުގެ އުއްމީދު އެބަ އޮތެވެ.

އިންޑިއާގެ ޑޮކްޓަރުން ވަނީ އަނޫފް އެއްކޮށް ރަނގަޅު ނުކުރެވުނަސް އޭނާއަށް އަމިއްލައަށް އުޅެވޭނެ ވަރު ކުރެވޭނެ ކަމުގެ ޔަގީންކަން ފާރޫގު އަށް ދީފަ އެވެ. އެކަމަށް ބޭނުން ވަނީ ރަނގަޅު ފަރުވާ އެވެ. އެ ފަރުވާ ކުރެވެން އޮތީ އިންޑިއާގަ އެވެ. ހިތުގެ އޮޕަރޭޝަނަށް އެކަނި ވެސް އެއްލައްކަ ސަތާރަ ހާސް ރުޕީސް ހަރަދުވާނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

ދަރިފުޅުގެ ތަކުލީފުތަކާއެކު ގޮސް ހުސްވެފައިވާ ފާރޫގު ގެ ހިތް ފަޅައިގެން ގޮސްފައިވަނީ ލޯބިވާ އަންހެނުންގެ ބަލި ހާލު ވެސް ހުރި ގޮތުންނެވެ. އަނޫފްގެ ހިތްވަރުގަދަ މަންމައަށް ވެސް ވަނީ އޮޕަރޭޝަނެއް ކުރަން ޖެހިފަ އެވެ. އަނޫފް އުފުލައިގެން އަބަދު ގެންގުޅެން ޖެހުމުގެ ސަބަބުން އެ މަންމަގެ ބޮލުގެ ނާރެއް ވަނީ ވަރަށް ބޮޑަށް ދުޅަވެފަ އެވެ. އޭގެ ސަބަބުން އޭނާގެ އެއް ފަޅި އައްސިވެ، މޫނު މައްޗަށް އަނދިރިވާ ގޮތްވެ އެވެ. އޭޑީކޭ ހޮސްޕިޓަލްގައި އެކަމަށް އޮޕަރޭޝަނެއް ކުރަން މަޖުބޫރު ކަމަށް ބުނެފައިވާއިރު، އެކަމަށް ވެސް ނޮޑު ހަރަދެއް ހިނގަ އެވެ.

ދަރިފުޅަށްޓަކައި ރެއާއި ދުވާލު ގުރުބާން ކުރަމުން އަމިއްލަ ބަލި ހާލަށް ފަރުވާ ހޯދަމުން އެ ދެ މީހުން އުޅެމުން ދަނީ ވަރަށް ވަރަށް ހިތްދަތިކަމާއެކު އެވެ. އެ ދެމަފިރިންގެ ލޮލުން ކަރުނަ ނުހިކުމަކީ އެކަމުގެ އެންމެ ބޮޑު ނިޝާނެވެ. ހެޔޮ ހިނިތުންވެލިޔަސް އެ ދެމަފިރިން ތިބެނީ އެމީހަކަށް ހެޔޮ ދުއާކޮށްލަކޮށްލަ އެވެ. އެ ދެމަފިރުން އުޅެމުންދާ ހާލު ފެނި އަތުން ހިފިޔަސް އެ ދެމަފިރިންގެ ހިތުގައި އަޅާ ވޭން ކުޑަކޮށް ވެސް އިހުސާސް ނުކޮށްލެވޭނެ އެވެ.

އެ ދިރިއުޅުމަކީ ކިތަންމެ ވޭނާއި ހިތްދަތިކަމުގެ ހަޔާތެއް ނަމަވެސް ދަރިފުޅަށް އަމިއްލަ ހާލައިގެން ދިރިއުޅެވޭނެ ވަރު ކޮށްދިނުމަށް އެ ދެ މަފިރިން ކުރަމުން އަންނަ އުއްމީދު މަރެއް ނުވެ އެވެ. އެ އުއްމީދު އެ ދެމަފިރިން ހާސިލުވާން އޮތީ ގިނަ ބައެއްގެ އެހީ ވެސް ލިބިގެންނެވެ. އަނޫފަށް ދިރިއުޅެމެއް ހޯދައިދިނުމަށް އެ އާއިލާއަށް އެހީއެއް ފޯރުކޮށްދިނުމަކީ އުފަލަކަށް ހަދާށެވެ.

އަނޫފަށް އެހީއެއް ދޭން ބޭނުންނަމަ:

ފޯނު ނަންބަރު: 7789941
އެކައުންޓް ނަންބަރު: Faroog Hussain) 7724253862001)