އަވަސް އެހީ

އުއްމީދީ ޒުވާނާ ކުއްލިއަކަށް ނުރައްކާތެރި ބައްޔެއްގެ ޝިކާރައަކަށް

ކިޔެވުމާއި ފުޓްބޯޅައަކީ އޭނާގެ ކުޅިވަރެވެ. އަވަށްޓެރި ސްރީލަންކާގައި އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އެކައުންޓިން ކިޔަވަމުންދާއިރު އޭނާގެ ހަޔާތުގެ އެއް ބައި ކަމަށްވާ ފުޓްބޯޅަ ކުޅުމަށް ހާއްސަ ސަމާލު ކަމެއްދެ އެވެ. ކޮންމެ ދުވަހަކުހެން ކުޅެންދެ އެވެ. އުއްމީދީ ކުޅުންތެރިއެކެވެ. އުއްމީދީ ޒުވާނެކެވެ. އެއީ، އުމުރުން 18 އަހަރުގެ އަލީ ރިޝްވާން (ރިއްޓު) އެވެ.

ރަނގަޅު ސިއްހަތެއްގައި ޒުވާން އުމުރަށް އެރި ރިއްޓުގެ ދުނިޔެ ކުރިން ފުޓްބޯޅަ އާއި ކިޔެވުމުގައި އެނބުރު ނަމަވެސް މިހާރު އޭނާގެ މުޅި ހަޔާތް ވަނީ ބަދަލުވެފަ އެވެ. ކުއްލިއަކަށެވެ. ކުރިން އެއްވެސް އިންޒާރެއް ލިބުމަކާ ނެތި އެވެ. ފުޓްބޯޅައިގައި ބާރަށް ޖެހި އެ ދެ ފައިގައި މިހާރު ބޯޅައެއްގަ ޖަހާނެ ވަރެއް ނެތެވެ. ތެދުވެ ދުވެލާނެ ވަރެއް ނެތެވެ. ކުއްލިއަކަށް ބަލި އެނދަށް ވެއްޓުނީ އެވެ.

ލަންކާގައި ތައުލީމް ހާސިލުކުރަމުންދާ، ރިއްޓު އެންމެ ފުރަތަމަ އައީ ހުމެވެ. ވަރުގަދަ ހުމެކެވެ. އެތައް ފަހަރަކު ހޮސްޕިޓަލަށް ވެސް ދެއްކި އެވެ. އެކަމަކު ހުމެއް މައިތިރިއެއް ނުވި އެވެ. ހޮސްޕިޓަލްގެ ޓެސްޓްތަކުން ބޮޑު ކަމެއް ފާހަގައެއް ވެސް ނުވެ އެވެ. ލޭގެ ޓެސްޓްތަކެއް ވެސް ހެދި އެވެ.

ހުން މައިތިރި ނުވެ އުޅެނިކޮށް މި މަހުގެ 17 ވަނަ ދުވަހު، އޭނާގެ ހުން ކުއްލިއަކަށް މައިތިރިވި އެވެ. އެކަމަކު އިތުރު ގޮތްތަކެއް އޭނާއަށް ވާން ފެށި އެވެ. ރިއްޓުއަށް ވާންނުވާއެއް ނޭނގެ އެވެ.

"އެ ރޭ ދަންވަރު އަޅުގަނޑަށް އައީ އެކޮޅުން ކޯލެއް، ބުނީ ރިއްޓު ހުއްޓިއްޖެއޭ، އެ ކުއްޖާއަކަށް ނޭނގޭ ވާހަކަ ދައްކާ މީހުން ވެސް، އެއްގޮތަކަށް ވެސް އޭނާއަށް ނޭނގެ ވާއެއް ނުވާއެއް،" މާލޭގައި ހުރި ރިއްޓުގެ ދައްތަ ސުދާ ބުންޏެވެ.

އެ ރޭ ވަގުރުން ރިއްޓު ކޮލަންބޯގެ ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާ ދޭން ފެށި އެވެ. ޓެސްޓްތަކެއް ހެދުމަށްފަހު އެންމެ ފުރަތަމަ ވެސް ހޮސްޕިޓަލުން އާއިލާއަށް ދިން ޖަވާބަކީ ރިއްޓުގެ ސިކުނޑީގެ ބޭރު ފަށަލަ ދުޅަވެފައިވާ ކަމެވެ.

"އެ ހިސާބުން ދެން ނޭނގެ އަޅުގަނޑުމެންނަށް ވެސް ވީ ގޮތެއް، ވަރަށް ދެރަވި، ވާހަކައެއް ނުދެއްކޭ ކޮއްކޮއަކަށް، އައިސީޔޫގައި ބާއްވައިގެން ޓްރީޓްމެންޓް ދެވޭނީ، ޑޮކްޓަރު ބުނީ ބައްޔަކީ ބަދައަށާއި ސިކުނޑިއަށް ޖެހޭ ބައްޔެއް ކަމަށް،" ސުދާ ބުންޏެވެ.

ރިއްޓުއަށް ޖެހިފައިވާ ކަމަށް ޑޮކްޓަރުން ބުނާ ބައްޔަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. އެ ބަލީގެ މާބޮޑު މައުލޫމާތެއް އާއިލާއަށް ވެސް ލިބިފައެއް ނެތެވެ. އެނގެނީ އެއީ ވަރަށް ސީރިއަސް، ނުރައްކާތެރި ނާރުގެ ބައްޔެއް ކަމެވެ. ބަލީގެ ނަމަކީ އެކިއުޓް ޑިސްސެމިނޭޓެޑް އެންސެސޮލަމައިޓިސް (އޭޑީއީއެމް) އެވެ.

ބައްޔަށް ވަރަށް ފަހުން ފަރުވާއެއް ހޯދިފައިވާއިރު މިހާރު ރިއްޓުއަށް ދަނީ އެ ފަރުވާދެމުންނެވެ. ނަމަވެސް އެއީ އަގުބޮޑު ފަރުވާއެކެވެ. އެ ފަރުވާއަށް އެކަނި ވެސް 10 ލައްކައަށްވުރެ ގިނަ ރުޕީސް ހަރަދުވާއިރު އައިސީޔޫގައި ފަރުވާދޭން ޖެހޭތީ ބޮޑު އަދަދެއްގެ ފައިސާ ދައްކަން ޖެހެ އެވެ. އަދި އެތައް ޓެސްޓްތަކެއް ހަދަންޖެހިފައިވާތީ އެކަމަށް ވެސް ގިނަ ފަައިސާތަކެއް ހަރަދުވެ އެވެ. ސިކުނޑީގެ ޓެސްޓްތައް ވެސް ހަދަން ޖެހިފައިވާއިރު އެއީ އަގުބޮޑު ޓެސްޓްތަކެކެވެ.

"ފަރުވާ ދޭން ފެށި ދުވަހަށްވުރެ އިންޕްރޫވްވެފަ މިހާރު ވަނީ، އެކަމަކު އޭނާއަށް ވާހަކަ ދައްކަން އަދިވެސް ވަރަށް ދަތި، މީހުން ވަކިކުރަން މިހާރު އެނގޭ، އެކަމަކު އިއްޔެ ދެއްކި ވާހަކައެއް މިއަދު ހަނދާނެއް ނުހުރޭ، އޭނާ ބޭނުންވާ ވާހަކައެއް ދައްކަނީ، މީހަކު ދައްކާ ވާހަކައަކަށް ސަމާލު ކަމެއް ނުދޭ، ޑޮކްޓަރުން ވެސް އިރުޝާދު ދީފަ ވަނީ އޭނާ ދައްކާ ވާހަކައަށް އަޅުގަނޑުމެން ވެސް ވާހަކަ ދައްކަން، ސިކުނޑިއަށް އިތުރު ޕްރެޝަރު ނުކުރަން،" ރިއްޓުގެ ދައްތަ ބުންޏެވެ.

އުއްމީދީ މި ޒުވާނާއަށް އާ ހަޔާތެއް ހޯދައިދިނުމަށް އެ އާއިލާއިން ވަނީ ދީލަތި ފަރާތްތަކުގެ އެހީއަށް ބޭނުންވެފަ އެވެ. ހެޔޮއެދޭ ފަރާތްތަކުން ރިއްޓުއަށް އެހީވެ ދެއްވުމަކީ އެ އާއިލާގެ މިހާރުގެ އެންމެ ބޮޑު އެދުމެވެ.

ރިއްޓުއަށް އެހީތެރިވުމަށް

އެކައުންޓް ނަންބަރު: 7711430726101
ގުޅޭނެ ފޯނު ނަންބަރު: 7779436 (ސުދާ)
94750129331 (ނައުޝާ މަޖީދު)