ފިނިޕޭޖް

ސަމާހުގެ އަމިއްލަ ލަވަތަކެއް، މާއިޝް އާ ހިތްވަރަކާއެކު!

ފޯރި ހިފާފައިވާ މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދެއެއްގެ އެންމެ މުހިންމު އަދަދު، ގަދަ 12 ރޭ ވަނީ ޔަގީންވެފަ އެވެ. ގަދަ 12 އާއެކު ގާލާ ރައުންޑް ފެށުމަށް ތައްޔާރުވީ، މިފަހަރުގެ ސީޒަންގައި އިވިގެން ދިޔަ އަޑުތަކުގެ ތެރެއިން އެންމެ ހިތްގައިމު އެއް ދެ އަޑު އެކަހެރިކޮށްފަ އެވެ.

އެންމެ މަދުން މާކްސް ލިބިގެން ރޭ ޝޯއާ ވަކިވާން ޖެހުނީ އަހްމަދު މާއިޝް އާއި ހުސެން ސަމާހަށެވެ. އެ ދެ ބައިވެރިންނަކީ ވެސް ތަފާތު ހިތްގައިމު އަޑެއް ލިބިފައިވާ ދެ ބައިވެރިންނެވެ. އަދި ލަވަ ކިޔުމުގައި އަމިއްލަ ގޮތްތަކެއް ގެންގުޅޭ ވަރަށް ކުޅަދާނަ ދެ ބައިވެރިންނެވެ. ނަމަވެސް ދެ ބައިވެރިންގެ ދަތުރު ވެސް އައިޑޮލްގައި ވަރަށް ކުރެ އެވެ.

އައިޑޮލްގެ ދަތުރު ނިންމާލަން ޖެހުނު ނަމަވެސް މިޔުޒިކީ ދާއިރާގައި ސަމާހު އަދި މާއިޝްގެ އޮޑި އަދި ދަތުރުކުރަން ފެށީ އެވެ. އެ އޮޑި ފަރަކަށް ނާރުވާ ގެންދެވުނު އެންމެ ކުރިއަކަށް ގެންދިޔުމަށް ދެ ބައިވެރިން ވެސް ވަނީ ހިތުގައި އަޒުމު ކަނޑައަޅާފަ އެވެ.

"މިއީ މުބާރާތެއް ކޮންމެވެސް އެއް ކުއްޖަކަށް މި ލިބޭނީ، އަޅުގަނޑަށް އާދެވެން އޮތް ހިސާބު ކަންނޭނގެ މިއީ، ދެން ރަނގަޅުވާނެ، ހަމަ ގައިމު ވެސް އަޅުގަނޑު ފެންނާނެ، އަޅުގަނޑު އުޅޭ ދާއިރާ މިއީ، މިޔުޒިކް ދާއިރާއިން އަޅުގަނޑު ފެންނާނެ،" އަވަސްއަށް ދިން އިންޓަވިއުގައި ސަމާހު ބުންޏެވެ.

ގަދަ 12 ގައި ނުހިމެނު ނަމަވެސް މިޔުޒިކްގައި ކުރިއަށް ދާން އަޒުމު އާކޮށްގެން ހުރި ސަމާހު ވަނީ ރޭ ރޮއްވާލި އޭނާގެ ސަޕޯޓަރުން އުފާވާ ކަހަލަ ވަރަށް ބޮޑު ހަބަރެއް ދީފަ އެވެ. އެއީ، ސަމާހުގެ ރީތި އަޑުން އޭނާގެ އަމިއްލަ ލަވަތަކެއް ވަރަށް އަވަހަށް އިވުގެންދާނެ ކަމުގެ ހަބަރެވެ.

"މި ވިސްނަނީ ހަމަ އަދިވެސް މިޔުޒިކުން ކުރިއަށް ދާނަމޭ، ކުރިއަށް އޮތްތާ ހަމަ ލަވަތައް ވެސް އިވިގެން ދާނެ، ސަމާހުގެ އަމިއްލަ ލަވަތައް އިވެމުންދާނެ،" ސަމާހު ބުންޏެވެ.

ސަމާހުއެކޭ އެއްފަދައިން މާއިޝްގެ ކުރިމަގު ވެސް މި ދާއިރާގައި ބަންޓަންކޮށްފައިވާއިރު އޭނާ ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި އެނބުރި ސަޕޯޓަރުންނާ ހަމައަށް އަންނާނީ މިހާރަށްވުރެ ވަރުގަދަ އަދި މޮޅު މީހެއްގެ ގޮތުގަ ކަމަށެވެ.

އައިޑޮލްގެ ޓޮޕް 16 އިން ކެޓި ކަމަށްވީ ނަމަވެސް އިރާދަކުރެއްވިއްޔާ މިއަށްވުރެ ވަރުގަދަކޮށް އަދި ރަނގަޅަށް ތަންކޮޅެއް ގަޓްގަ ފެންނާނެ މާއިޝް، ކުޑަކުޑަ ދުވަސްކޮޅެއްގެ ތެރޭގަ،" މާއިޝް ބުންޏެވެ.

ސަމާހު ފާހަގަކުރި ގޮތުގައި އައިޑޮލްއަކީ އޭނާގެ ހަޔާތަށް ވަރަށް ބޮޑު ބަދަލެއް ގެނައި ޝޯއެކެވެ. އެތައް ބައެއްގެ ލޯބި އޭނާއަށް ލިބިފައިވާއިރު އެކަމާ އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ. އައިޑޮލްއިން ގިނަ ކަންތައްތަކެއް އޭނާ ދަސްވެފައިވާއިރު ސަމާހު ބުނީ، އައިޑޮލްއަކީ ވަރަށް ހިތްވަރާއެކު ކުރިމަތިލައިގެން ނޫނީ ކާމިޔާބު ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.

"އައިޑޮލް މިއީ ވަރަށް އުނދަގޫ ކަމެއް ކުރަން އަސްލު، ވަރަށް ހިތްވަރު ވެސް ކުރަން ޖެހޭނެ، ހިތްހަމަ ނުޖެހޭ ކަންކަން ވެސް ވާނެ، އެ ކަންކަމާ ކުރިމަތިލާން ޖެހޭނެ، ވަރަށް ކަންތައްތައް މިޔުޒިކްގެ ލަވަ ކިޔުމުގެ ވަރަށް ގިނަ ކަންތައްތައް ދަސްވެއްޖެ މި ހިސާބަށް އައިއިރު ވެސް،" ސަމާހު ބުންޏެވެ.

"މީހުން ލޯބިވާވަރު ފެނޭ މިހާރު، މީހުން ދެކޭ ގޮތާއި ލޯބިވާ ވަރާއި ވަރަށް އުފާވި މީހުންގެ ފަރާތުން އެހާ ސަޕޯޓް ލިބުނީމަ، އެހެން ކަހަލަ ހިތްހަމަ ޖެހުމެއް ލިބުނީ،"

މާއިޝްގެ އައިޑޮލްގެ ކުރު ދަތުރަކީ މިޔުޒިކްގެ ގިނަ ކަންތައްތަކެއް ދަސްވެ، ރީތި ދިރިއުޅުމެއް އުޅުމަށް ދަސްވެގެން ދިޔަ ދަތުރެކެވެ. އެއީ އެހާ އުނދަގޫ ދަތުރެއް ނަމަވެސް މާއިޝް ބުނީ އެއީ ކުރިއަރަން ލިބުނު އެންމެ ބޮޑު ފުރުސަތު ކަމަށެވެ.

"އައިޑޮލްއަކީ އަޅުގަނޑަށް ކުރިއަރަން ލިބުނު އެންމެ ބޮޑު ފުރުސަތު، މިކަހަލަ އެއްޗެއްގަ ބައިވެރިވެލީމަ މި އެނގެނީ އަސްލު މިއީ ކިހާ ބޮޑު ކިހާ ވަރެއްގެ ކަމެއްކަން،" މާއިޝް ބުންޏެވެ.

"އައިޑޮލްއިން ދަސްވީ ހަމައެކަނި ލަވަ ކިޔުމެއް ނޫން، ނޯމަލް ލައިފެއްގަ ޕްރޮފެޝަނަލް މީހެއްގެ ގައިގާ ހުންނަން ޖެހޭ ސިފަތަކާއި މިކަހަލަ ބައިވަރު އެއްޗެހި ހަމަ އައިޑޮލްއިން ދަސްވި، މި ފުރުސަތު ހަމަ ޝުކުރު ވެސް އަދާކުރަން ބޭނުންވޭ ޕީއެސްއެމްއަށް މިކަހަލަ އެއްޗެއް މިކޮޅުގަ ބޭއްވީތީ، އެއީ މި އުޅޭ ޒުވާނުންނަށް ހަމަ ވަރަށް ބޮޑު ފުރުސަތަކަށް ވެގެންދާނެ،"

ގަދަ 16 ގައި ހިމެނުނު ބައިވެރިންގެ ތެރެއިން ސަމާހު އަދި މާއިޝް ކަޓާފައިވާއިރު މިދިޔަ ހަފުތާ ޝަނީޒާ ޝަރީފް އަދި އަހްމަދު ސައްޔާހު ވެސް ކަޓާފަ އެވެ. އެހެންކަމުން ގަދަ 16 ގައިގެ ތެރެއިން ގަދަ 12 ޔަގީންކޮށްފައިވަނީ މުހައްމަދު ރީހާން، އިބްރާހިމް ވަހީދު، މުހައްމަދު ތަސްނީމް (ބޮބް)، މުހައްމަދު ހަމްދާން، ޝަޒާ އަބްދުﷲ ރަޝީދު އަދި ޝަމްވީލް މުހައްމަދު އެވެ. އަދި، އަހްމަދު ނަބީލް، ހަމޫދު އަހްމަދު، ހަސަން އިރުފާން، އަހްމަދު ފަރަޝް، އައިޝަތު ޖައިޝާ، އަބްދުﷲ ހިޝާން އެވެ.