ވިޔަފާރި

ޓާޓާގެ ބާކީ ފްލެޓްތަކުގެ މަސައްކަތް އެންމެ ފަހުން ފަށައިފި

  • 128 ލަގްޒަރީ ފްލެޓް ޓާޓާއިން އަޅާނެ
  • ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލި
  • 2-3 އަހަރުގެ ތެރޭގައި މަޝްރޫއު ނިންމާނެ

އިންޑިއާގެ ޓާޓާ ހައުސިންއަށް ފްލެޓް އެޅުމަށް މާލެއިން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން މަސައްކަތް ނުފެށި އޮތް ދެ ބިމުގައި ފްލެޓް އިމާރާތް އެޅުމަށް މިއަދު ބިންގާ އަޅައިފި އެވެ. މުޅިން ވެސް ލަގްޒަރީ ފްލެޓްތަކެއް އަޅަނީ، މަޖީދީ މަގު އޯޑިއޯން އާއި ކުރީގެ ނާދީ ހުރި ބިމުގަ އެވެ.

އެދެ ބިމުގައި ވަކިވަކިން ބޭއްވި ރަސްމިއްޔާތެއްގައި ދެ ފްލެޓް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވަވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ އެވެ.

ގާކޮށި އަދި އަރަބިއްޔާ ހުރި ބިމުގައި ސޯޝަލް ހައުސިން ދަށުން ފްލެޓް އެޅުމުގެ ބަދަލެއްގެ ގޮތުން، ޓާޓާއާ ހަވާލުކޮށްފައިވާ ނާދީ ބިމުގައި ޖުމްލަ 74 ފްލެޓް އެޅުމަށް ވަނީ ނިންމާފަ އެވެ. އެއީ، 76،000 އަކަ ފޫޓްގެ ބިމެކެވެ. ފްލެޓެއްގެ ބޮޑުމިން އުޅެނީ 12،000 އަކަފޫޓާއި 14،00 އަކަފޫޓާ ދެމެދުގަ އެވެ. ވިއްކަން ހަމަޖެހިފައިވަނީ ފަސް މިލިއަނާއި ހަތް މިލިއަނާ ދެމެދުގެ އަގެއްގަ އެވެ.

ގާތްގަނޑަަކަށް، 173،000 އަކަފޫޓްގެ އޯޑިއޯން ބިމުގައި އަޅަނީ 54 ލަގްޒަރީ ފްލެޓެވެ. ފްލެޓެއްގެ ބޮޑުމިން އުޅެނީ 850 އަކަފޫޓާއި 1،200 އަކަފޫޓު އަދި 1،300 އަކަފޫޓާ ދެމެދުގަ އެވެ. ވިއްކަން ނިންމާފައިވަނީ 4.5 މިލިއަނާއި ހަ މިލިއަނާ ދެމެދުގެ އަގެއްގަ އެވެ. އެ ދެ އިމާރާތް ހަދަނީ 12 ބުރިއަށެވެ.

ލަގްޒަރީ ފެންވަރުގައި މާލޭގެ ދެ ސަރަހައްދެއްގައި މި ފްލެޓްތައް އަޅާއިރު ކޮންމެ ފްލެޓަކަށް ހާއްސަ ޕާކިން ސަރަހައްދުތަކެއް ހެދުމަށް ވަނީ ނިންމާފަ އެވެ. އަދި އެ އިމާރާތުގައި ސްވިމިން ޕޫލާއި ޖިމާއި ސްޕާ އާއި ބާބާކިއު އޭރިޔާ ފަދަ ތަންތަން ހެދުމަށް ވަނީ ނިންމާފަ އެވެ.

ދެ އިމާރާތުގެ މަސައްކަތް ދެ އަހާރާއި ތިން އަހަރާ ދެމެދުގެ މުއްދަތެއްގައި ނިންމަން ވަނީ ހަމަޖެހިފަ އެވެ. އޯޑިއޯންގައި އަޅާ ފްލެޓްތައް ގަތުމަށް ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ވަނީ ހުޅުވާފަ އެވެ. ނާދީގައި އަޅާ ފްލެޓްތަކަށް އަންނަ އޭޕްރީލް މަހު ހުޅުވާލާނެ އެވެ.

ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓާޓާގެ އިންޓަނޭޝަނަލް ބިޒްނަސް ހެޑް ސަންޖީވާ ސިންހް ވިދާޅުވީ، ޓާޓާއިން ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގައި ހައުސިން ޔުނިޓްތައް އެޅުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ކަމަށެވެ. އެގޮތުން ސޯޝަލް ހައުސިންނަށް އިސްކަންދޭ ކަމަށް ވިދާޅުވި އެވެ.

އޭގެއިތުރުން އިންޑިއާގައި ޓާޓާއިން ތައާރަފްކޮށްފައިވާ ސީނިއާ ސިޓިޒެން ސްކީމްގެ ހައުސިން ޔުނިޓްތައް އެޅުމަށް ވެސް ޓާޓާ ޝައުގުވެރިވާ ކަމަށް ވިދާޅިވި އެވެ. އެކަމަށް ސަރުކާރުން ހުއްދަދީފިނަމަ ރާއްޖެއަށް އެފަދަ ސްކީމެއް ތައާރަފްކުރާނެ ކަމަށް ސަންޖީވާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ސްކީމަކީ ރިޓަޔާކުރާ މީހުންނަށް ހާއްސަކޮށް އަޅާ ހައުސިން ޔުނިޓްތަކެކެވެ. އެ ޔުނިޓްތަކުގައި ހޮސްޕިޓަލްފަދަ ތަންތަން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަފީރު އަކިލޭޝް ވިދާޅުވީ، މާލޭގެ ވަރަށް މުހިންމު ދެ ސަރަހައްދަކުން ބިމެއް ޓާޓާއަށް ދިވެހި ސަރުކާރުން ދިނުމަކީ ވަރަށް ބޮޑު ކަމެއް ކަމަށެވެ. އެކަމުން އެނގެނީ ޓާޓާއަށް އޮތް އިތުބާރު ކަމަށާއި، އެ އިތުބާރު ގެއްލުވާނުލުމަށް ސަފީރު އެދިލެއްވި އެވެ. އަދި ފްލެޓްތައް ވާން ޖެހެނީ ދިވެހިން އުއްމީދުކުރާ އެ ފެންވަރުގެ ފްލެޓްތަކެއް ކަމަށާއި ދެ އިމާރާތަކީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ރަމްޒްކޮށްދޭ ފަދަ އިމާރާތްތަކަށް ހެދުމަށް ވެސް ސަފީރު ޓާޓާގައި އެދިލެއްވި އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ) ވިދާޅުވީ، މި ދެ މަޝްރޫއު ފެށިގެން ދިޔައީ ވަރަށް ގިނަ މަސައްކަތްތަކަށްފަހު ކަމަށެވެ. ޓާޓާއާއެކު މަސައްކަތް ކުރުމަކީ ލިބޭ އުފަލެއް ކަމަށާއި ކުރިއަށް އޮތްތާ ވެސް ރާއްޖޭގައި ޓާޓާ ހައުސިންއިން އިތުރު މަޝްރޫއުތައް ހިންގުމަކީ އެދޭ އެދުމެއް ކަމަށް ޖަނާ ވިދާޅުވި އެވެ.

ޖަނާ ވިދާޅުވީ، ސޯޝަލް ހައުސިންގެ މަޝްރޫއުތަކަކީ ވަރަށް މުހިންމު މަޝްރޫއުތަކެއް ކަމަށާއި ލަގްޒަރީ މި ދެ އިމާރާތުގެ މަޝްރޫއު ނިމުމުން ސޯޝަލް ހައުސިން މަޝްރޫއުތަކެއް ފެށުމަށް އަމާޒު ހިފައި، އެކަމަށް ސަރުކާރަށް ހުށަހަޅަންޖެހޭ ކަމަށެވެ.

ނާދީ އާއި އޯޑިއޯން ގައި ފްލެޓް އެޅުމަށް ޓާޓާ ހައުސިންއަށް ހަވާލުކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެ އެއްބަސްވުމުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށާއި އޭގެ ސަބަބުން ގެއްލުންވަމުންދާ ކަމަށް ސަރުކާރުން ވަރަށް ފަހުން ވެސް ބުނެފައިވެ އެވެ.

ނަމަވެސް އެ އެއްބަސްވުން ބާތިލުނުކޮށް ވަނީ އެ މަޝްރޫއަކީ ގިނަ ބައެއްގެ ދިރިއުޅުމާ ގުޅިފައިވާ މަޝްރޫއަކަށް ވާތީ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް މަސައްކަތް ނުފެށި، އެތައް މައްސަލަތަކެއް ޖެހި، އެންމެފަހުން ވަކި މުއްދަތެއްގެ ތެރޭގައި މަސައްކަތް ނުފަށައިފިނަމަ އެއްބަސްވުން ބާތިލުކުރާނެ ކަމަށް ބުނެ ސަރުކާރުން ޓާޓާއަށް ނޯޓިސް ވެސް މިފަހުން ފޮނުވި އެވެ.

ގާކޮށި އަދި އަރަބިއްޔާ ހުރި ބިމުގައި ޓާޓާ ހައުސިންއިން އިމާރާތް ކުރި ފްލެޓްތަކުގެ ފެންވަރު ދަށް ކަމުގެ ޝަކުވާތައް ވެސް އެ ފްލެޓްތައް ލިބުނު މީހުން ދަނީ ކުރަމުންނެވެ.