ހަބަރު

ރާއްޖޭގެ އިގްތިސާދުގެ ބިންގާ ފުޅާކުރަން އިންވެސްޓް ކުރާނަން: ޑީޕީ ވޯލްޑް

Mar 22, 2015
1

ރާއްޖޭގެ އިގްތިސާދުގެ ބިންގާފުޅާ ކުރުމަށް ތަފާތު މަޝްރޫއުތަކަށް އިންވެސްޓްކުރުމަށް ތައްޔާރަށް އޮތް ކަމަށް، ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް އެތަނުގައި ފްރީޓްރޭޑް ޒޯނެއް ހެދުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ދުބާއީގެ، ޕޯޓްސް ވޯލްޑް(ޑީޕީ-ވޯލްޑް) އިން ބުނެފި އެވެ.

އެއް މަސް ދުވަހުގެ ތެރޭގައި ރަސްމީ އެގްރިމަންޓްގައި ސޮއި ކުރާ ގޮތަށް ދިވެހި ސަރުކާރާ އެކު މިދިޔަ ހަފްތާ ސޮއި ކުރި އެމްއޯޔޫއާ ގުޅޭ ގޮތުން، ޑީޕީ ވޯލްޑްގެ ޗެއާމަން ސުލްތޯން އަހުމަދު ބިން ސުލެއިމާން މީޑިއާތަކަށް ވިދާޅުވެފައި ވަނީ ރާއްޖޭގެ ޓޫރިޒަމް އިތުރަށް ފުޅާވަމުން ދިޔުމާ އެކު ރާއްޖެ އަންނަނީ ވަރަށް ބާރަށް ކުރިއަރަމުން ކަމަށެވެ. އަދި މި ތަރައްގީ އެކު، އިގްތިސާދު ފުޅާ ކުރުމަށް ހިންގަން ޖެހޭ ދަތުރުފަތުރާއި އެހެނިހެން ވެސް ލޮޖިސްޓިކްސް މަޝްރޫއުތައް ހިންގުމުގައި އެ ކުންފުނިން ރާއްޖެއަށް އެހީވާނެ ކަމަށް ސުލެއިމާން ވިދާޅުވި އެވެ.

"ރާއްޖެ އިން ދުނިޔޭގެ ސަޕްލައި ޗެއިން އިންޑަސްޓްރީއަށް ވަންނަން މަސައްކަތް ކުރަމުން އަންނަ އިރު، އަދި އެ ދާއިރާ ވަރުގަދަ ކުރުމަށް މަސައްކަތްތަކެއް ކުރާއިރު އެކަމުގައި ރާއްޖެއަށް އެހީތެރިވެ، އަހަރުމެންގެ ތަޖުރިބާ ހިއްސާ ކުރުމަކީ ލިބޭ ފަހުރެއް. އަދި ރާއްޖޭގެ ކެޕޭސިޓީ އިތުރުކޮށް އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް އެހީވާން އަޅުގަނޑުމެން މި އޮތީ ތައްޔާރަށް،" ސެލެއިމާން ވިދާޅުވި އެވެ.

އެ މަޝްރޫއަށް ދުބާއީ ވޯލްޑުން 300 މިލިއަން ޑޮލަރަށް ވުރެ ގިނައިން އިންވެސްޓް ކުރަން ނިންމާފައިވެ އެވެ. އެ މަޝްރޫއުގެ ރަސްމީ އެގްރިމަންޓްގައި ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ސޮއިކުރާއިރު، އެ މަޝްރޫއު ކުރިއަށް ގެންދާނީ އެމްޕީއެލްއާ ޖޮއިންޓް ވެންޗާއެއްގެ ދަށުންނެވެ. އަދި އެ މަޝްރޫއު ހިންގާ އިރު، އެމްޕީއެލްގައި ވަޒީފާގައި ތިބި އެއްވެސް މުވައްޒަފަކު ވަކި ނުކުރުމާއި ވަކި މިންވަރަކަށް ދިވެހި މުވައްޒަފުން ވަޒީފާތަކަށް ނެގުމަށް ސަރުކާރާއި ޑީޕީ ވޯލްޑުން އެއްބަސްވާން ނިންމާފައިވެ އެވެ.

އެ މަޝްރޫއާ ގުޅޭ ގޮތުން ޓުއަރިޒަމް މިނިސްޓަރު އަދި އިންވެސްޓްމަންޓް ބޯޑްގެ ޗެއާ އަހުމަދު އަދީބު ވިދާޅުވީ އެ މަޝްރޫއުގެ ސަަަބަބުން ގިނަ ވަޒީފާތައް އުފެދި ރާއްޖޭގެ އިގްތިސާދަށް އާރޯކަން އަންނާނެ ކަމަށެވެ. އެގޮތުން ވަޒީފާގެ ފުރުސަތުތައް އިތުރުވެ ޖީޑީޕީ ޑަބަލްވާނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ. ޑީޕީ ވޯލްޑުން ރާއްޖެއަށް އިންވެސްޓް ކުރުމަކީ މި ސަރުކާރަށާއި ރާއްޖެއަށް އިންވެސްޓަރުންގެ އިތުބާރު އޮތްކަން ހާމަވާ ކަމެއް ކަމަށް އަދީބު ވިދާޅުވެފައިވެ އެވެ.

ދުބާއީ ސަރުކާރުގެ މައި އިންވެސްޓްމަންޓް ކުންފުނި، ދުބާއީ ވޯލްޑްގެ ސަބްސިޑަރީއެއް ކަމަށްވާ ޑީޕީ ވޯލްޑުން އަންނަނީ ދުނިޔޭގެ އެކި ބައްރުތަކުގައި 60 އަށް ވުރެ ގިނަ ބަނދަރު އޮޕަރޭޓް ކުރަމުންނެވެ. މި ސަރަހައްދުން އިންޑިއާގެ ކޮޗިންގައި ވެސް އެ ކުންފުނިން ބަނދަރެއް އޮޕަރޭޓް ކުރެ އެވެ. އަދި ދުބާއީގެ އެންމެ ބޮޑު ފްރީ ޒޯން ޖަބަލް އަލީ ވެސް ތަރައްގީކޮށް އޮޕަރޭޓް ކުރަނީ އެ ކުންފުނިންނެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއު ސަރުކާރުން އިއުލާން ކުރީ ސިންގަޕޫރުގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްގަ އެވެ. އަދި އެއާޕޯޓް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއެއް ވެސް ސަރުކާރުން ވަނީ ދާދިފަހުން އިއުލާންކޮށްފަ އެވެ.