ރިޕޯޓް

މަސް ކުންފުނިތައް އިތުރު މާކެޓުތަކާ ދިމާލަށް؛ ހެޔޮފާލެއް!

Mar 23, 2015

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ރާއްޖޭން ބޭރުކުރާ މަހަށް ދެމުން ދިޔަ ޑިއުޓީގެ އިނާޔަތް ކަނޑައިލީ މިދިޔަ އަހަރެވެ. މިކަމުގައި ލައްކަ ގިނަ އުޒުރުތަކެއް އެ ޖަމާއަތުން ދެއްކި އެވެ. އޭގެ ތެރޭގައި ރާއްޖޭގައި "ދީނީ މިނިވަންކަން" ނެތް ކަމަށް ވެސް އެމީހުން ބުންޏެވެ. އެ ހުރިހާ "ޝަކުވާ ފުނި" ޖެހުމަށް ފަހު، ދިވެހިން ނަށް ބޮޑު ނަފާއެއް ލިބެމުން ދިޔަ މާކެޓަށް ދެމުން އައި ޑިއުޓީގެ އިނާޔަތް އެ ޖަމާއަތުން އަނބުރާ ގެންދިޔަ އެވެ. މިކަން ވެގެން ދިޔައީ ރާއްޖޭގެ މަސް ކުންފުނިތަކުގެ ރިހޭ ފައި މައްޗަށް ފޮއެ ވެއްޓުން ކަހަލަ ކަމަކަށެވެ. މިއާއެކު ސަރުކާރާއި ކުންފުނިތައް އަތުގުޅާލީ މި ދަތިން އަރައި ގަތުމަށެވެ؛ އޭގެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟

އީޔޫގެ ޑިއުޓީގެ އިނާޔަތް ކެނޑިގެން ދިޔަތާ އެއް އަހަރުވެފައިވާ އިރު ދިވެހި މަސް ކުންފުނިތަކުގެ މަސައްކަތް ވަނީ މެކުހަށް ޖަހާފަ އެވެ. މަޑުމަޑުންދަނީ އެ މާކެޓްތަކާ ދިމާލަށް ޖެހެމުންނެވެ. އެ ކަމަށް ކުންފުނިތައް ދަނީ ފައްކާވަމުންނެވެ.

"އަޅުގަނޑުމެންނަށް މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. މިހާރު މިވަނީ އިތުރު މާކެޓުތައް ލިބެން ފަށާފައި،" ރާއްޖޭގެ އެންމެ ބޮޑު އެއް މަސް ކުންފުނިކަމަށް ވާ އެންސިސް ފިޝަރީޒްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް ވިދާޅުވި އެވެ.

 

ރާއްޖޭގެ މަހުގެ 40 ޕަސެންޓް ބޭރުކުރާ އީޔޫ އިން ރާއްޖެ އަށް ދީފައިވާ ޑިއުޓީގެ ލުއިތަކަށް ނިމުމެއް ގެނައުމާއި އެކު ޔޫރަޕަށް ގެންދާ މަހުގެ ބާވަތްތަކަށް 14 ޕަސެންޓާއި 20 ޕަސެންޓާ ދެމެދުގެ ޑިއުޓީއެއް ދަނީ ނަގަމުންނެވެ. މިއީ ޔޫރަޕަށް ބޭރުކުރާ ކޮންމެ މަސް ކިލޯއަކުން ގާތްގަނޑަކަށް 1.66 ޑޮލަރުގެ ގެއްލުމެކެވެ. ނަމަވެސް ޑިއުޓީ ނެގުމުގެ ކުރިން މަސް ކިލޯ އަކުން 50 ސެންޓުގެ ފައިދާއެއް ލިބުނެވެ.

މި ގެއްލުމުން ސަލާމަތްވުމަށް، ސަރުކާރާއި މަސް ކުންފުނިތައް ގުޅިގެން ފިޝަރީޒް ޕްރޮމޯޝަން ބޯޑެއް އުފެއްދި އެވެ. މި ބޯޑުން އެންމެ ފުރަތަމަ ބައިވެރިވީ މިދިޔަ އަހަރު ބްރަސަލްސްގައި ބޭއްވި "ސީފުޑް ފެއާ" ގަ އެވެ. ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ އެމްއެމްޕީއާރުސީއާ ދާދި އެއް "މޮޑެލް އަށް" އުފެއްދި ފިޝަރީޒް ޕްރޮމޯޝަން ބޯޑު އުފެއްދުމަށްފަހު، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ޔޫރަޕުން ޑިއުޓީގެ އިނާޔަތް ކަނޑައިލި ނަމަވެސް ކުންފުނިތައް ގުޅިގެން އިތުރު މާކެޓުތައް ހޯދާނެ ކަމަށެވެ. އަދި މަސްވެރިކަން ޕްރޮމޯޓް ކުރުމަށް ބޭރުގެ ގިނަ ފެއާތަކުގައި ބައިވެރިވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އީޔޫގެ ޑިއުޓީގެ އިނާޔަތް ދިނުން ހުއްޓާލިތާ، އަހަރެއް ވެގެން ދާއިރު، ރާއްޖޭން މިވަނީ ރާއްޖެއަށް ކުރިން މާބޮޑު ސަމާލުކަމެއް ނުލިބޭ އެމެރިކާ މާކެޓު "ފަތަހަ" ކޮށްފަ އެވެ. މީގެ އިތުރުން މެލޭޝިޔާ ފަދަ މާކެޓުތައް ވެސް ދަނީ ހޯދަމުންނެވެ. އެކަމަށްޓަކައި މަސް ކުންފުނިތަކަށް ވަނީ "ހަލާލް" ސެޓްފިކެޓް ދޫކޮށްފަ އެވެ.

އެންސިސް ވަސީމް ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭން ބޭރުކުރާ މަހުގެ 20 ޕަސެންޓު އެމެރިކާ ބާޒާރުން ބަލައިގެން ފައިވާ ކަމަށެވެ.

"އަޅުގަނޑުމެން (އެންސިން ކުންފުނިން) މިހާރު ބޭރުކުރާ މަހުގެ 30 ޕަސެންޓް މި ފޮނުވަނީ އެމެރިކާއަށް. މިއީ ލިބިގެން ދިޔަ ބޮޑު ކާމިޔާބީއެއް،" ވަސީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭން އެކްސްޕޯޓްކުރާ މަހުގެ ފެންވަރު ރަނގަޅު ކޮށްފިނަމަ މި މާކެޓު ވަރަށް ބޮޑަށް ފުޅާ ކުރެވޭނެ އެވެ.

"އެމެރިކާއަށް އެކްސްޕޯޓްކުރާ މަސް ޖަޕާނަށް ފޮނުވާ މަހަށް ވުރެ ވެސް ކޮލިޓީ ހުންނަން ޖެހެނީ. އެހެންވެ ކޮލިޓީއަށް އިސްކަން ދޭން ޖެހޭ،" ވަސީމް ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މަސް ކުންފުނި ކަމަށްވާ މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއިލް ވިދާޅުވީ ރާއްޖޭން އެހެން މާކެޓުތައް ހޯދަމުންދާ ކަމަށެވެ. މި އަހަރު ނިމިގެން ދިޔަ ބޮސްޓަން ފެއާއަކީ ވަރަށް ކާމިޔާބު ފެއާއެއް ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ސަބަބުން އިތުރު މާކެޓްތަކަށް ފީނައިގަތުމަށް ރާއްޖެއަށް ފުރުސަތު ލިބުނު ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"މަސައްކަތް ކުރަމުން މިދަނީ ގިނަ މާކެޓުތައް ހޯދުމަށް. އެ މަސައްކަތުން ބޮސްޓަން ފެއާގައި ބައިވެރިވެ ގިނަ ބަޔަކާ ބައްދަލު ވެވުނު. ބައްދަލުވި މީހުންގެ ސީރިއަސްނަސް އަށް ބަލާއިރު ބެލެވެނީ މުސްތަގުބަލު ވަރަށް ރަނގަޅު ކަމަށް. މި ގޮތަށް ބައިވެރިވާ ފެއާއަކުން ހައެއްކަ ނޫނީ އަށް ވަރަކަށް ބަޔަކުން ލިބުނަސް އެއީ ވަރަށް ބޮޑު ކާމިޔާބީއެއް،" އަދްލީ ވިދާޅުވި އެވެ.

އީޔޫގެ ޑިއުޓީގެ އިނާޔަތް ކެނޑިގެން ދިއުމާއެކު މިހާރު ކުރަން ޖެހިފައިވާ އެންމެ ބޮޑު މަސައްކަތަކީ ރާއްޖޭން ރޯމަހުގެ ގޮތުގައި ބޭރުކުރާ މަސް މަދުކޮށް، އުފެއްދުންތެރިކަން މަތި ކުރުމެވެ. އެ މަސައްކަތް ކުރުމުގެ ގޮތުން މިފްކޯއިން ވަނީ ފެލިވަރު މަސް ބަންދުކުރާ ކާރުހާނާ ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފަ އެވެ. މިހާރު ދުވާލަކު 50 ޓަނު ކިރިޔާ ބަންދުކުރެވޭ ކާރުހާނާގެ ފެންވަރު މަތިކޮށް، 100 ޓަނަށް ބަދަލު ކުރުމަކީ އެ ކުންފުނީގެ އަމާޒެކެވެ.

އަދްލީ ވިދާޅުވީ ފެލިވަރު އަޕްގްރޭޓް ކުރުމުގެ މަސައްކަތް މި އަހަރުގެ އޮކްޓޫބަރު މަސް ހިސާބު ނިންމާލެވޭނެ ކަމަށެވެ.

"އަޕްގްރޭޑިންގެ މަސައްކަތް ނިމުމުން އެކި ގޮތް ގޮތަށް ވެލިއުއެޑްކޮށްގެން މަހުގެ އުފެއްދުންތައް ބޭރު ކުރެވޭ. އޭރުން މީގެ ފައިދާ ބޮޑުވާނެ،" އަދްލީ ވިދާޅުވި އެވެ.

މަސްވެރިކަމަކީ ރާއްޖޭގެ ލޭނާރެވެ. މި ދާއިރާއަށް އަންނަ ތަރައްގީއަކީ ހުރިހާ ރައްޔިތުންނަށްވެސް ލިބޭ ކުރިއެރުމެކެވެ. މަސް ކުންފުނިތަކުން އިތުރު މާކެޓުތައް ހޯދުމަށް ފީނައިގަތުމަކީ މަސްވެރިކަމުގެ ސިނާއަތަށް ލިބުނު ހެޔޮފާލެކެވެ. އެންމެ މާކެޓަކަށް ބަރޯސާވެގެން ތިބުމަށް ވުރެ އެތައް މާކެޓަކަށް ސަމާލުވުމުގެ ފައިދާ ދިވެހި މަސްކުންފުނިތަކަށް މި ވަނީ ވިސްނިފަ އެވެ. އޮތީ ކުރިއަށް ދިޔުމެވެ. ފަސްއެނބުރި ބެލުމެއް ނެތެވެ.