ރިޕޯޓް

ލީ ކުއާން ޔޫ: ތަރައްގީގެ އަސްލަކީ ޑިމޮކްރަސީއެއް ނޫން

ޑިމޮކްރަސީ އަކީ ގައުމަކަށް ލިބޭނެ ހުރިހާ މޮޅެއްގެ އަސްލު ކަމަށް ބުނާ ވާހަކަ އަހަރެމެންގެ ސިކުނޑީގައި މި ވަނީ ބިންވަޅު ކަނޑައިފަ އެވެ. އެއީ އަހަރެމެން ގަބޫލުކުރި ގޮތަށްވުރެ ބޮޑަށް، ބަޔަކު އަހަރަމެންނަށް ގަބޫލުކުރަން މަޖުބޫރުކޮށްފައިވާ ގޮތޭ ބުންޏަސް ގޯހަކަށް ނުވާނެ އެވެ. ޑިމޮކްރަސީ އަށް އެންމެ ބޮޑަށް ވަކާލާތުކުރާ މީހުން ވެސް ޑިމޮކްރަސީ ތަންފީޒުކުރަންޖެހޭ ހިސާބުން އޮންނަނީ ހުދުމުހުތާރުކަން އިސްކޮށްފަ އެވެ. ޑިމޮކްރަސީއާ ދެކޮޅަށް ވާހަކަ ދައްކައިފި މީހަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫން ކަމަށް ވެސް ހަދާނެ އެވެ.

ސިންގަޕޫރުގެ ބާނީ ލީ ކުއާން ޔޫ އަވަހާރަވެގެން އެ ދިޔައީ ހުސް ބަނދަރެއްގެ ގޮތުގައި އޮތް ސިންގަޕޫރު ދުނިޔޭގެ އެންމެ މުއްސަނދި އެންމެ ތަހުޒީބު އެއް ގައުމުގެ ގޮތުގައި މި ޖީލާ ހިސާބަށް ގެނެސްދެއްވައިފަ އެވެ. ރައްޔިތުންގެ ލޯބި ލިބިގެންވާ ބަތަލެއްގެ ގޮތުގަ އެވެ. ލީ ކުއާން އޭނާގެ ގައުމަށް ތަރައްގީ ގެނެސްދެއްވީ އަދި ރައްޔިތުންގެ ލޯބި ހޯއްދެވީ ނަމޫނާ ޑިމޮކްރަސީއެއްގެ ތެެރެއިން ހެއްޔެވެ؟ މިކަމާ އޭނާ ވިދާޅުވެފައިވާ ވާހަކަތަކަށް ބަލައިލަން ހިނގާށެވެ.

• "އެންމެ އުނދަގޫ ވެރިކަމުގެ ނިޒާމަކީ ކޮންމެ މީހަކު ވޯޓެއް ދޭ ނިޒާމު. މި ނިޒާމުގައި ނިކުންނަ ނަތީޖާ ކޮންމެ ފަހަރަކު ތަފާތު ވާނެ. ކޮންމެ ކަމެއް ވެސް ބަދަލުކޮށްލުމަކީ އިންސާނުންގެ ހުންނަ ވިސްނުމެއް. ކަންކަން އަބަދު އެއް ގޮތަކަށް އޮވެ މަޑުމަޑުން ކުރިއަށް ދަންޏާ ވެސް ފޫހިވާނެ. އެހެންވެ ބައެއް ފަހަރު މާބޮޑު ފަރުވާލެއް ނެތި ހަމަ ބަދަލެއްގެ ބޭނުމުގައި ވެސް ވޯޓު ދީފާނެ.

• ޑިމޮކްރަސީ މަސައްކަތްކޮށް ނަތީޖާ ނެރެވިފައިވާ އާ ގައުމުތަކުގައި އެކަން ވެފައި ވަނީ އިހްލާސްތެރި ރަނގަޅު ސަރުކާރެއް ގާއިމުވި ގައުމުތަކުގައި. މާނަ އަކީ އެފަދަ ގާބިލް ސަރުކާރެއް ހޮވަން އެނގޭ ފަދަ ވިސްނުންތެރި ރައްޔިތުން ތިބުން. ރައްޔިތުން ހޮވާ ސަރުކާރެއް ވާނީ އެ ސަރުކާރެއް ހޮވި ފަދަ ބަޔަކާ.

• ތަރައްގީ އަށް ވާސިލުވާން ކޮންމެހެން ޑިމޮކްރަސީ ބޭނުންވާ ކަމަކަށް އަޅުގަނޑު ނުދެކެން. އަޅުގަނޑު ގަބޫލުކުރަނީ ގައުމެއްގައި ޑިމޮކްރަސީ އަށް ވުރެ ރަނގަޅު އަޚުލާގު އަށަގެންނެވުން މާ މުހިންމު ކަމަށް. ޑިމޮކްރަސީގެ ފޯރީގައި އަންނަ ކަންކަމުން މަގު ފަހިވަނީ އުޅުން ގޯސްވެ ކަންކަން ހަމައިން ނެއްޓިގެން ދިއުމަށް. ނެތިގެން އެ ދަނީ ތަރައްގީ ހާސިލްކުރަން އެންމެ ބޮޑަށް ބޭނުންވާ ކަންކަން. ބަލަންވީ ކަމަކީ އެ ވެރިކަމެއްގެ ނިޒާމުން ރައްޔިތުންނަށް ފައިދާވެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ ރައްޔިތުންގެ ގިނަ މީހުންނަށް ހެޔޮ އަސަރު ކުރޭތޯ. ހަމަ އެއާ އެކު ގައުމުގެ އެހެން މީހުންގެ ފަރުދީ ހައްގުތަަކަށް ވެސް އުނިކަން ނާންނަ ގޮތަށް އެހެން މީހުންގެ މިނިވަންކަން ބޭނުންކުރެވެނީ ކިހާ ވަރަކަށްތޯ.

• އިދިކޮޅު ފަރާތްތަކުން ވޯޓުގައި ކާމިޔާބު ހޯދުމަށް ފުރުސަތު ދީގެން އޮންނާނެ އެއްވެސް ސަރުކާރެއް ނޯންނާނެ.

"އަޅުގަނޑު އަބަދުވެސް ބަލަނީ އެކަމެއް ކުރަން އޮންނަ ރަނގަޅު ގޮތަށް ކުރެވޭތޯ. ސިޔާސީ ގޮތުން އެކަން ރަނގަޅަށް ކުރެވޭތޯއެއް ނޫން."