ވިޔަފާރި

"ޔޫރަޕު ޓޫރިސްޓުން އިތުރުވުމުން އެނގެނީ އިދިކޮޅު ކެމްޕޭން ބަލިވާކަން"

  • މާކެޓިންގެ ފައިދާ ފެންނަމުންދޭ
  • ޔޫރަޕުން ބޮޑު ކުރިއެރުން ފެނޭ
  • އެންޓި ކެމްޕޭންތައް ދަނީ ބަލިވަމުން

(ޖަރުމަނުން: މުހައްމަދު އަފްރާހު) -- ރާއްޖެއާ ދެކޮޅަށް ކުރަމުން ގެންދާ އިނދިކޮޅު ކެމްޕޭންތައް ބަލިވާކަމުގެ ހެއްކަކީ ޔޫރަޕުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވުން ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ޖަރުމަނުގައި ކުރިއަށްދާ އައިޓީބީ ބާލިން ފެއާގެ ހަވާސާގައި "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ޔޫރަޕުން އަންނަ ޓޫރިސްޓުންގެ އަދަދު ހަލުވިކަމާއެކު ކުރިއަރައިގެން ދިއުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަނީ އެންޓި-ކެމްޕޭން ބަލިވަމުންދާކަން. އެހެން ނޫނަމަ ޔޫރަޕުން މި ގްރޯތެއް ނުލިބޭނެ. މިސާލަކަށް ޖެނުއަރީއަށް ބަލާނަމަ ރަނގަޅު ގްރޯތެއް މި އުޅެނީ. ހަގީގަތުގައި މި ކުރާ ކަމަކީ ޕޮލިޓިކަލް އަދި ޕީއާރު ކުންފުނިތައް ގުޅިގެން މި މަސައްކަތް ކުރަނީ،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިން ރާއްޖޭގެ ޓާގެޓަކީ އަހަރެއްގެ ތެރޭގައި މިލިއަނެއްހާ ޓޫރިސްޓުން ގެނައުން ކަމަށާއި ނަމަވެސް މިހާރު ޓާގެޓަކީ ދެ އަހަރެއްހާ ދުވަސްތެރޭގައި އެއަށްވުރެ ގިނަ ޓޫރިސްޓުން ގެނައުން ކަމަށެވެ. އަދި މި ލަނޑުދަނޑި ހާސިލް ކުރުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"ފެއާތަކުގައި ބައިވެރިވުމަކީ ކޮންމެހެންވެސް ކުރަން ޖެހޭކަމެއް. ހާއްސަކޮށް ބިޒްނަސް ޓު ބިޒްނަސްތަކަށް. އެހެން ނަަމަވެސް އޮންލައިންކޮށް އަދި ނެގެޓިވް ކެމްޕޭން ހުއްޓުވުން. މީގެ އިތުރުން ރާއްޖެއަށް ބޭނުންވާ ސެގްމަންޓް ތަކަށް ފޯކަސް ކުރުން ހިމެނޭ. މިސާލަކަށް އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އަންނަ އޭޖް ގްރޫޕުތަކަށް ޓާގެޓްކޮށްގެން ޓޫރިސްޓުން އިތުރު ކުރުމަށް މަސައްކަތް ކުރަމުން މިދަނީ،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ބަދަލުގެ ސަބަބުން ދުރު މުސްތަގުބަލަށް ބަލާއިރު ރާއްޖެއަށް ފައިދާ ބޮޑުވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕީއާރު ކުންފުނިތަކާ ވާހަކަ ދައްކައިގެން އެނަލަސިސް ހަދައިގެން މި ނަތީޖާ ނެރެވެނީ،" ޒަމީރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޔޫރަޕުން ރާއްޖެއަށް ޖެނުއަރީ މަހު 64،030 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މި އަދަދަކީ އޭގެ ކުރީ އަހަރު ޒިޔާރަތް ކުރި 55،382 ޓޫރިސްޓުންނާ އަޅާބަލާއިރު 15 ޕަސެންޓުގެ އިތުރުވުމެކެވެ.