ވިޔަފާރި

އައިޓީބީގައި ރާއްޖެއާބެހޭ ގޮތުން ބޭރުގެ ނޫސްވެރިންގެ ސުވާލުތައް "ހުސްވެއްޖެ"

(ޖަރުމަނުން: މުހައްމަދު އަފްރާހު) -- އައިޓީބީގައި އޮންނަ އެންމެ ހާއްސަ އެއް އިވެންޓަކީ ރަސްމީކޮށް ގައުމުތަކުން ބާއްވާ ބޮޑު ނިއުސް ބްރީފިންނެވެ. މި ނިއުސް ކޮންފަރެންސުގައި ދުނިޔޭގެ އެކި ހިސާބުގެ ނޫސްތަކުން ބައިވެރިވެ އެވެ. މިއަދު ވަނީ މި ނިއުސް ކޮންފަރެންސް ބާއްވާފަ އެވެ. ނަމަވެސް މި އަހަރުގެ ނިއުސް ކޮންފަރެންސް ފެނުނީ މުޅިން ތަފާތު ކޮށެވެ. ނިއުސް ކޮންފަރެންސް ނިންމާލަން ޖެހުނީ ނޫސްވެރިންގެ ސުވާލެއް ނެތިގެންނެވެ.

އައިޓީބީގެ ނިއުސް ސެންޓަރުގައި ބޭއްވި މި ނިއުސް ކޮންފަރެންސުގައި ގިނަ އަދަދެއްގެ ނޫސްތަކުން ބައިވެރިވި އެވެ. ނިއުސް ކޮންފަރެންސުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން ސަން ސިޔާމް ގްރޫޕުގެ ވެރިޔާ، އަހުމަދު ސިޔާމް (ސަން ޓްރެވަލް ސިޔާމް) އާއި ޗަމްޕާ ހުސެއިން އަފީފުގެ އިތުރުން ރާއްޖޭން ޔޫރަޕަށް ކަނޑަ އަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ޝާންގެ އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ފަރާތުން ވިޝާ މާހިރު އެވެ.

ނިއުސް ކޮންފަރެންސު ކުރިއަށް ގެންގޮސްފައިވަނީ ޖަރުމަނު ބަހުން ތަރުޖަމާއާއެކުގަ އެވެ. މިގޮތުން ފުރަތަމަ ބްރީފިން ފެށުމުގެ ގޮތުން ޖަރުމަނު ބަހުން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މައުލޫމާތު ވަނީ ދީފަ އެވެ. އަދި އެއަށްފަހު ސުވާލު ތަކަށް ފްލޯ ހުޅުވައިލީ އެވެ. ނަމަވެސް ހީކުރި ގޮތާ ހިލާފަށް ކުރީއެންމެ ސުވާލެކެވެ. އެ ސުވާލަކީ ޖަރުމަނު ޓޫރިސްޓުން އިތުރު ކުރުމަށް ރާވާފައިވަނީ ކޮންކަމެއްތޯ ކުރި ސުވާލެވެ.

ކޮންމެއަކަސް މި އަހަރުގެ ނިއުސް ކޮންފަރެންސް ފެނުނީ ތަފާތު ގޮތަކަށެވެ. މީގެ ސަބަބެއް ނޭނގެއެވެ. ނަމަވެސް އެނގޭ ކަމަކީ ނޫސްވެރިންގެ ނޯޓު ފޮތްތަކުގައި ރާއްޖެ އަށް ސުވާލެއް ނެތް ކަމެވެ.