މޯލްޑިވިއަން އައިޑޮލް 2

މިރޭ ޝޯ ބަލަންވާނެ، ޅެންވެރިކަމަށް ހާއްސަ

މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަންގެ އެންމެ ފޯރިގަދަ ހިސާބަށް މިހާރު އައިސްފައިވާއިރު މިރޭ އޮންނަ ޝޯއަކީ ގަދަ 11 ގެ ހުށަހެޅުންތައް ފެނިގެންދާނެ ޝޯއެވެ. ގަދަ 10 ގައި ވާދަކުރުމަށް މިރޭ 11 ބައިވެރިން ވަރުގަދަ "ހަނގުރާމަ"އަކަށް ދާނެ އެވެ.

ބެލުންތެރިންނާއި ޖަޖުންގެ އާ ބަސް ލިބިގެން ގަދަ 11 އަށް ހޮވުނު ބައިވެރިންގެ ހުށަހެޅުންތައް މިރޭ ވަރަށް ރީތިވެފައި ފުރިހަމަވެގެންދާނެ އެވެ. ހިތާ ކުޅެލައި، ފުން ހިޔާލުތަކަށް ގަންބުވާލާފަދަ ލަވަތައް އިވިގެން ދާނެ އެވެ. ސަބަބަކީ މިރޭގެ ތީމްގެ ގޮތުންނެވެ.

ގަދަ 11 އަށް އައިޑޮލްގެ ޓީމުން ކަނޑައަޅާފައިވާ ތީމަކީ ޅެންވެރިކަމެވެ. މިރޭގެ ޝޯގައި މޮޅެތި ޅެންތަކަށް ހިމެނޭ ލަވަތައް އިވިގެންދާނެއިރު އެ މޮޅެތި ޅެންވެރިންނަށް އިހްތިރާމް ވެސް އަދާކުރާނެ އެވެ. އިންތިޒާރުކޮށްލާށެވެ.

މިރޭ ހުށަހެޅުންތަކަށްފަހު ވެސް ބެލުންތެރިންނަށް ވޯޓު ދިނުމުގެ ފުރުސަތު ހުޅުވިގެންދާނެ އެވެ. ވޯޓު ދިނުމަށް މިރޭ ހާއްސަ ސަމާލުކަމެއް ދޭން ވާނެ އެވެ. އެންމެ ލޯބިކުރާ ބައިވެރިޔަކު ގަދަ 10 އަކަށް ހޮވުމުގެ ވަރަށް ބޮޑު ބާރެއް ބެލުންތެރިންގެ އަތްމަތީގައިވެ އެވެ.

ގަދަ 11

  • މުހައްމަދު ރީހާން
  • މުހައްމަދު ތަސްނީމް (ބޮބް)
  • ޝަޒާ އަބްދުﷲ ރަޝީދު
  • އިބްރާހީމް ވަހީދު (ބޮޑުބެ)
  • ޝަމްވީލް މުހައްމަދު
  • އަހްމަދު ނަބީލް
  • ހަމޫދު އަހްމަދު
  • ހަސަން އިރުފާން
  • އަހްމަދު ފަރަޝް
  • އައިޝަތު ޖައިޝާ
  • އަބްދުﷲ ހިޝާން

މިރޭގެ ޝޯގެ ހުށަހެޅުންތަކާ ބަލައި، މާދަމާ ރޭގެ ޝޯގައި އެއް ބައިވެރިޔަކު ކައިޓައިގެން ގޮސް ގަދަ 10 ޔަގީންވެގެންދާއިރު މާދަމާގެ ޝޯގައި ހާއްސަ މެހެމާނެއް ވެސް ފެނިގެންދާނެ އެވެ. ގަދަ 10 ބައިވެރިން ޔަގީންކުރުމުގައި ހިއްސާއެއްވުމަށް މިރޭގެ ޝޯ ކޮންމެހެން ވެސް ބަލަންވާނެ އެވެ.