(ޖަރުމަނުން: މުހައްމަދު އަފްރާހު) -- ޖަރުމަނަށް ދާ ދިވެހިންނަށް ވިސާ ހޯދަން ފަސޭހަ ގޮތް ތަކެއް ހަމަޖައްސައި ދިނުމަށް ޖަރުމަނު ސަރުކާރާއެކު ވާހަކަ ދައްކަން ފަށާފައިވާ ކަމަށް ރާއްޖޭގެ ސަފީރު ޖަމީލާ އަލީ ވިދާޅުވެއްޖެ އެވެ.
ޖަރުމަނުގައި އަލަށް ގާއިމް ކުރި ރާއްޖޭގެ އެމްބަސީގައި "އަވަސް" އާ ވާހަކަފުޅު ދައްކަވަމުން ޖަމީލާ ވިދާޅުވީ ޖަރުމަނަށް ދަތުރުކުރާ ދިވެހިންނަށް ކުރިމަތިވާ ވިސާގެ މައްސަލަ ހައްލު ކުރުމަށް ޖަރުމަނު ސަރުކާރުގެ ސަމާލު ކަމަށް އެކަން ގެނެސްފައިވާނެ ކަމަށެވެ. އަދި އެކަމުގައި ވަރަށް ގާތުން މަސައްކަތް ކޮށްދެއްވާނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފައިވާ ކަމަށެވެ.
"އަޅުގަނޑު މިކޮޅަށް [ޖަރުމަނަށް] އަންނަން އުޅުނު އިރުވެސް ޓޫރިޒަމް ދާއިރާގެ ބޭފުޅުން ވެސް ވިދާޅުވި ވިސާ ވާހަކަ. އެ މަސައްކަތް ކުރިން ވެސް ފޮރިން މިނިސްޓްރީން ކުރަމުން ގެންދިޔައީ. އެހެންނަމަވެސް ކުޑަކުޑަ ތާއްޓެއް، ހުއްޓުމެއް އެބަ އުޅޭ. މިކަން މުޅިން ހުއްޓުނީއެއް ނޫން،" ކުރިން ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަ ކުރެއްވި އާ ސަފީރު ވިދާޅުވި އެވެ.
"މިހާރު އައިޓީބީ ބާލިން ފެއާ ހިނގަމުންދާއިރު އަތަށް ބައިވަރު ދިވެހިން އައިސް އެބަ އުޅޭ. ބައެއް މީހުންނަށް ނާދެވި ވެސް އުޅެފާނެ. އެހެންވެ މިކަމަށް އެއްވެސް ދިވެހި ރައްޔިތަކަށް ހުރަކަށްވާކަށް އެއްވެސް ދިވެހި ރައްޔިތަކަށް ބޭނުމެއް ނޫން. ހާއްސަކޮށް މި ދާއިރާގެ،" ޖަމީލާ ވިދާޅުވި އެވެ.
ޖަމީލާ ވިދާޅުވީ މިކަމުގައި ތަފާތު ގޮތްތަކެއް ހުށަހަޅާފައިވާނެ ކަމަށާއި، އޭގެތެރޭގައި އައިޓީބީ ފަދަ ބޮޑެތި ފެއާތަކާ ދިމާކޮށް ވިސާ ލުއިކޮށް ދިނުންވެސް ހިމެނޭ ކަމަށެވެ.
"އާއްމު ގޮތެއްގައި ތިން މަހެއްގައި ދިނުން. ނޫނީ އެހެން ގޮތްތަކެއް. އެހެންވެ ދެ ފަރާތުން ބޭނުންވާ އެންމެ ރަނގަޅު ގޮތެއްގައި ބަލާނީ. އަޅުގަނޑުމެން ދަންވާފަ އޮންނާނީ އެ ބޭފުޅުން [ޖަރުމަނު ސަރުކާރު] މި މަސައްކަތް ކުރުމަށް ރާއްޖެ ގޮސް ތިބޭނެ ތަންވެސް ހަމަޖައްސައި ދޭނެ ކަމަށް. އެކަން ފޮލޯއަޕް ކުރާނީ،" ޖަމީލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިވެހިންނަށް ވިސާ ފަސޭހަކޮށް ދިނުމުގައި ޖަރުމަނުން ވަރަށް ޕޮޒިޓިވްކޮށް ތިބި ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
ޖަރުމަނަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރާ އެއް ގައުމެވެ. އަދި އެގައުމަށް ވިޔަފާރީގެ ބޭނުންތަކުގައި ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރެ އެވެ.