ފިނިޕޭޖް

އެންމެ ރީތި ޅެންތަކުން ހިތާ ކުޅެލީ ކޮން ބައިވެރިޔެއް؟

ރެއަކީ ގަދަ 11 ގެ ކުރިމަތިލުމެވެ. މޯލްޑިވިއަން އައިޑޮލްގެ ގަދަ 11 ގެ "ހަނގުރާމަ" ކުރިއަށް ގޮސްފައިވަނީ ދިވެހިންގެ މެދުގައި އެންމެ ހިނގި، އަދި ދިވެހިންގެ ހިތްތަކާ އެންމެ ކުޅެލި ޅެންވެރިންގެ ޅެންތަކާއެކު އެވެ. އެގޮތުން ރޭ ވަނީ އެންމެ ހިތްގައިމު ދިވެހި ލަވަތައް އައިޑޮލްގެ ހިތްގައިމު ސްޓޭޖުން އިވިގެން ގޮސްފަ އެވެ.

ހިތްގައިމު ރީތި ލަވަތައް ރޭ އަޑުއިވިގެން ދިޔައިރު ރޭގެ ޝޯ ފަށާފައިވަނީ އަބްދުﷲ ހިޝާން އެވެ. ހިޝާން ހުށަހަޅައިދީފައިވަނީ ވަރަށް ފާނަ ފުން ޅެމެއް ހިމެނޭ ލަވައެއް ކަމަށްވާ "ކާއިނާތޭ އެކީ އަންތަރީސް ވަނީ" އެ ލަވަ އެވެ. ހިޝާންގެ ހުށަހެޅުމަށް ޖަޖުންގެ ފަރާތުން ރަނގަޅު ކޮމެންޓްތަކެއް ލިބުނުއިރު ރަނގަޅު ކުރަން ޖެހޭ ބައެއް ކަންކަން ވެސް ޖަޖުން ވަނީ ފާހަގަކޮށްފަ އެވެ.

ދެވަނަ ފެނިގެން ދިޔައީ، އެންމެންގެ ބޮޑުބެ، އިބްރާހީމް ވަހީދުގެ ހުށަހެޅުމެވެ. ރޭ ފެނުނު އެންމެ ފޯރިގަދަ ހުށަހެޅުމަކީ ވެސް އެއީ އެވެ. ކުރީގެ ވަރަށް މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ ހުޒާމް ކިޔާފައިވާ "ލޯބި ލިބޭތޯ ޖެހީމެ ސަލާމް" އެ ލަވަ ހުށަހަޅައިދީގެން ބޮޑުބެއަށް ވެސް ވަނީ ރަނގަޅު ކޮމެންޓްތަކެއް ލިބިފަ އެވެ. އާދަމް ނަސީރުގެ ޅެމަކަށް ހަދާފައިވާ އެ ލަވަ ބޮޑުބެ ވަނީ އަމިއްލަވަންތަ ގޮތެއް ވެސް ގެނެސް އިތުރަށް ފުރިހަމަކޮށްފަ އެވެ.

އަލީ ރަމީޒުގެ އެންމެ ހިތްގައިމު އެއް ލަވަ ކަމަށްވާ "އޭ މިރޭގެ އުދާސްތަކުން" ހުށަހަޅައިދިނީ އަހްމަދު ފަރަޝް އެވެ. ފަރަޝްގެ ހުށަހެޅުމަށް ތިން ޖަޖުންގެ ފަރާތުން ވެސް ރަނގަޅު ކޮމެންޓްތަކެއް ލިބިފައިވެ އެވެ. ފަރަޝް ވަރަށް ބޮޑަށް އިންޕްރޫވްކޮށްފައިވާކަން ޖަޖުން ފާހަގަކުރި އެވެ. ފަރަޝްއަށްފަހު ލަވަ ހުށަހަޅައިދިނީ، ހަމޫދު އަހްމަދު އެވެ. އޭނާ ހުށަހަޅައިދިނީ، އީސާ ޝަރީފްގެ ޅެމަކަށް ހަދާފައިވާ "ލައްކަ އަސަރު" އެވެ.

ޝަޒާ އަބްދުﷲ ރަޝީދު ރޭ ހުށަހަޅައިދިނީ، އަހުމަދު ސަލީމްގެ ވަރަށް ހިތްގައިމު ޅެމެއްގެ މައްޗަށް ހަދާފައިވާ ލަވަ "ޖާދޫގައި ޖެހޭނޭ" އެވެ. ފަޒީލާ އާމިރުގެ އެ ލަވަ ޝަޒާ ވެސް ވަނީ ރީތިކޮށް ހުށަހަޅައިދީފަ އެވެ. ޝަޒާއަށްފަހު ރީތި ލަވައަކާއެކު ދެން ސްޓޭޖަށް އެރީ ޒަކިއްޓޭ، ހަސަން އިރުފާން އެވެ. އޭނަ ހުށަހަޅައިދިނީ ވެސް އީސާ ޝަރީފުގެ ޅެމެއްގެ މައްޗަށް ހަދާފައިވާ ލަވައެއް ކަމަށްވާ "އިންތިޒާރޭ އޮތީ ހިތް އެދޭތީ" އެވެ.

މުހައްމަދު ތަސްނީމް (ބޮބް) ރޭ ހުށަހަޅައިދިނީ، އަހުމަދު ސަލީމްގެ ޅެމެއް ކަމަށްވާ "ވައުދާ ހުވާ" އެވެ. ހުސެއިން އަލީގެ އެންމެ ފާހަގަކޮށްލެވޭ އެއް ލަވަ ކަމަށްވާ މި ލަވަ ބޮބް ވެސް ހުށަހަޅައިދިނީ ވަރަށް ތަފާތު އަމިއްލަ ގޮތަކަށެވެ.

އުމަރު ޒާހިރުގެ ލަވަތަކުގެ ތެރެއިން ގިނަ ބަޔަކަށް އެންމެ ރީތި "މޫނޭ ތީ ހިތް އެދޭ" ރޭ ހުށަހަޅައިދިނީ، އަހްމަދު ނަބީލް އެވެ. ނަބީލްގެ ލަވައަށް ޖަޖުން ވަނީ ތައުރީފްކޮށްފަ އެވެ. އާދަމް ހަލީމް އަދުނާނުގެ ރީތި ޅެމެއް ކަމަށްވާ "އޯ ނަދާ" ހުށަހަޅައިދީ ވަރަށް ތަފާތު ހުށަހެޅުމެއް ރޭ ދައްކާލީ ޝަމްވީލް މުހައްމަދު އެވެ.

އަލީ ރަމީޒު ކިޔާފައިވާ "ސާފު ދެ ހިތެއް" އެ ލަވަ ހުށަހަޅައިދީ ޝޯގެ ފޯރި އަނެއްކާވެސް ގަދަ ކޮށްލީ އައިޝަތު ޖައިޝާ އެވެ. ޖައިޝާއަށްފަހު ޝޯގެ ނިމުން އައީ، މުހައްމަދު ރީހާންއާއެކު އެވެ. ރީހާން ހުށަހަޅައިދީފައިވަނީ ޝިފާ ތައުފީގާއި އަލީ ރަމީޒު ކިޔާފައިވާ "ޔާރު ތިއޭ މި ހިތުގެ ޝިފާ" އެވެ. ޖައިޝާ އާއި ރީހާންގެ ލަވަ ވެސް ޖަޖުންނަށް ކަމުދިޔަ އެވެ.

ޖަޖުން މިހާރު ވަނީ 11 ބައިވެރިންނަށް ވެސް މާކްސް ދީފަ އެވެ. މިހާރު ބޯޅަ އޮތީ ބެލުންތެރިންގެ ކޮޅުގަ އެވެ. އެންމެ ހިތް ކިޔާ ބައިވެރިޔަކަށް އަވަހަށް ވޯޓު ކުރާށެވެ. ކޮންމެ ނަންބަރަކުން ވެސް މިއަދުގެ 3:00 އާ ހަމައަށް އެންމެ ގިނަވެގެން 50 އެސްއެމްއެސް ކުރެވޭނެ އެވެ. ކަމުދާ ބައިވެރިޔާ ގަދަ 10 އަކަށް ހޮވުމަށް ކުރަންޖެހޭ މަސައްކަތުގައި ބާރަށް ކުރިއަށް ދާށެވެ.