ފިނިޕޭޖް

ޝޫޓިންގަައި އަނެއްކާވެސް ސީޒަންއަށް އަނިޔާވެއްޖެ

މި އަހަރުގެ އެންމެ ބޮޑު ފިލްމަށްވާނެ ކަމަށް ބުނެ މިހާރު ށ. މިލަންދޫގައި ޝޫޓްކުރަމުން އަންނަ "ނޯޓީ ފޯޓީ"ގެ ސެޓްގައި މަޝްހޫރު އެކްޓަރު، އަލީ ސީޒަންއަށް އަނިޔާވެއްޖެ އެވެ.

މިހާރު ލަންކާގައި ދިރިއުޅެމުންދާ ސީޒަން ރާއްޖެ އައިސްފައިވަނީ ގިނަ މަޝްހޫރު ތަރިންތަކެއް ފެނިގެންދާ މި ފިލްމްގެ ޝޫޓިންނަށެވެ. ފިލްމްގައި ސީޒަން ފެނިގެންދަނީ ފުލުހެއްގެ ރޯލުންނެވެ. އެ ވަރުގަދަ ރޯލު ދައްކާލުމަށް ފިލްމްގެ ޝޫޓިން ވަރަށް ބާރަށް ކުރިއަށް ދަނިކޮށް ސީޒަންއަށް އަނިޔާވެ ޝޫޓިން ވަނީ މަޑު ޖައްސާލަން ޖެހިފަ އެވެ.

ސީޒަންއަށް އަނިޔާވެފައިވަނީ ފިލްމްގައި ވަރުގަދަ ސްޓަންޓެއް ޖެއްސުމަށް ފިލްމީ ތަރި އިބްރާހިމް ޖިހާދު (ޖިމީ)އާއެކު ހަދަމުންދާ އިމާރާތަކަށް އަރަނިކޮށް އަތް ކައްސާލައިގެން ވެއްޓުމުގެ ސަބަބުންނެވެ. އެ ހާދިސާގައި ޖިމީއަށް އަނިޔާއެއް ނުވެ އެވެ.

ސީޒަން ވެއްޓުމުގެ ސަބަބުން އޭނާގެ މައިބަދައަށާއި އަތަށް ވަނީ އަނިޔާވެފަ އެވެ. ސީޒަން ބުނީ، އޭނާއަށް ލިބިފައިވަނީ އެހާ ސީރިއަސް އަނިޔާތަކެއް ނޫން ކަމަށާއި ނަމަވެސް އަނިޔާއިން ރިކަވާ ވާން ދެތިން ދުވަސް ނަގާނެ ކަމަށެވެ.

މީގެކުރިން ވެސް ޝޫޓިންއެއްގެ ތެރޭގައި ސީޒަންއާ މިފަދަ ހާދިސާއަކާ ކުރިމަތިވި އެވެ. އެއީ ވެސް ފުލުހެއްގެ ރޯލުން ސީޒަން ފެނިގެން ދިޔަ "އަހްޝާމް"ގެ ޝޫޓިންގެ ތެރޭގަ އެވެ. އެ ފަހަރު ސީޒަންއަށް އަނިޔާވީ ދެ ބުރީގެ އިމާރާތަކުން ފުންމާލުމުގެ ތެރޭގަ އެވެ.

ފިލްމް "ނޯޓީ ފޯޓީ"އަކީ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާ ފިލްމެކެވެ. އެގޮތުން ފިލްމް އިންޑަސްޓްރީގެ އެންމެ މަގުބޫލް ތިން މޫނު ކަމަށްވާ އަލީ ސީޒަން އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) އަދި ނިއުމާ މުހައްމަދު މި ފިލްމްގެ މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ. އޭގެ އިތުރުން ވެސް މިހާރު މަޝްހޫރުކަން ހޯދާފައިވާ ފާތިމަތު އާޒިފާ (އަޒޫ) އާއި މަރިޔަމް އައްޒަ އާއި އަލީ އާޒިމް (ދޮން އައްޔަ) ވެސް ފެނިގެންދާނެ އެވެ. އަދި އަހުމަދު ސައީދުގެ މުހިންމު ރޯލެއް ވެސް ފެނިގެންދާނެ އެވެ.

ށ. މިލަންދޫ އަދި މާލޭގައި ޝޫޓުކުރާ މި ފިލްމުގައި ފެނިގެންދާނީ އުމުރުން 40 އަހަރުން މަތިވެފައިވާ ބަޔަކަށް ދިމާވާ ކަންތައްތަކެކެވެ. އުމުރުން 40 އަހަރުން މަތީގެ ރޯލު ކުޅޭ ސީޒަން، ޔޫއްޕެ އަދި ސައީދުގެ ދެ ރޯލެއް ފެނިގެންދާނެ އެވެ. އެއީ އެމީހުންގެ އުމުރުން 19 ވަރަކަށް އަހަރުގެ މަންޒަރުތަކެކެވެ. އެބައިތައް ނަގާނީ މާލޭގަ އެވެ. ފިލްމުގައި ހަ ލަވައެއް ހިމެނޭނެ އެވެ.