ވިޔަފާރި

އައިޓީބީ ފެއާ އާއްމުންނަށް ހުޅުވާލުމުން ރާއްޖެއަށް ބޮޑު ތަރުހީބެއް!

(ޖަރުމަނުން: މުހައްމަދު އަފްރާހު) -- ޖަރުމަނުގައި މިހާރު ކުރިއަށްދާ އައިޓީބީ ފެއާގައި އާއްމުންނަށް ހުޅުވާލުމުން ރާއްޖޭގެ ސްޓޯލަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ، އައިޓީބީ މިއަދު އޮތީ އާއްމުން ޒިޔާރަތް ކުރުމަށް ހުޅުވާލާފަ އެވެ. އާއްމުންނަށް ހުޅުވާލުމާއެކު ރާއްޖޭގެ ސްޓޯލަށް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ.

ހާއްސަކޮށް ރާއްޖޭގެ ސްޓޯލުގައި ކުރިއަށް ގެންދާ ދިވެހި ނެށުންތަކާއި ދިވެހި މިއުޒިކަށް ޖަރުމަނު މީހުންގެ ތައުރީފު އޮއްސާލިއެވެ. މީގެ އިތުރުން ރާއްޖޭގެ ސްޓޯލްގައި ހުރި ދިވެހި އުފެއްދުންތަކުގެ ރަހަ ބެލުމަށް ގިނަ ބަޔަކު ޝައުގުވެރިވި އެވެ.

ރާއްޖޭގެ ސްޓޯލަށް ތަރުހީބު ލިބިގެން ދިޔަ އެންމެ ބޮޑު ސަބަބަކީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިންތިޒާމު ކޮށްފައިވާ ތަފާތު ކޮންސެޕްޓެވެ.

މިގޮތުން ރާއްޖޭގެ ރާއްޖޭގެ ސްޓޯލުގައި ދިވެހި ހެދުމާއެކު ދިޔައީ ހިދުމަތް ދެމުންނެވެ. އަދި ބޭންޑާއި ޑާންސް ގްރޫޕުގެ ހަރަކާތްތަކަށް ދިޔައީ ހޫނު ތަރުހީބެއް ލިބެމުންނެވެ.

އައިޓީބީ ފެއާއަކީ ދުނިޔޭގެ 187 ގައުމަކުން 10،000 އަށް ވުރެ ގިނަ އެކްޒިބިޓަރުން ބައިވެރިވާ ފެއާއެކެވެ. އަދި މި ފެއާ ބާއްވަނީ ސަރަހައްދުގެ ބޮޑު މިނުގައި 160.000 އަކަ މީޓަރު ހުރެ އެވެ. މި އަހަރުގެ ފެއާގައި ރާއްޖޭގެ 88 ކުންފުންޏަކުން ބައިވެރިވެފައިވެ އެވެ.