ފިނިޕޭޖް

ޝަޒާ ހުރީ ލަވައިގެ ދުނިޔޭގައި ފިޔަ ޖަހަން ތައްޔާރަށް

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދެއެއްގެ އެންމެ ފޯރިގަދަ ހިސާބަށް އައިއިރު ޝޯއާ ވަކިވާން ޖެހި، ހިތް ކުދިކުދި ވެފައިމިވަނީ ޝަޒާ އަބްދުﷲ ރަޝީދަށެވެ.

ފަޒީލާ އާމިރުގެ "ޖާދޫގައި ޖެހޭނޭ" ރޭ ޝަޒާ ހުށަހަޅައިދިންއިރު ބެލުންތެރިންނާއި ޖަޖުންގެ ފަރާތުން އެންމެ ދަށް މާކުހެއް ލިބިގެން ޝަޒާއަށް ޝޯއާ ވަކިވާޖެހުނު ނަމަވެސް އޭނާގެ ޖާދޫ މިޔުޒިކީ ދާއިރާގައި ޖައްސަން ހުރީ ތައްޔާރަށެވެ. ޝަޒާގެ އުއްމީދަކީ މިޔުޒިކީ ދާއިރާގައި އެންމެ ކުރިއަކަށް ދިޔުމެވެ. އެކަމަށް އޭނާ ހުރީ ވަރަށް ތައްޔާރަށެވެ.

"ދާއިރާއިން ހަމަ ފެންނާނެ، އަޅުގަނޑު ބޭނުން ފެންނަން، އެހެންވީމަ ފެންނާނެ، ލިބޭ ފުރުސަތުތަކުގެ ބޭނުން ވެސް ހިފާނަން، އެއީ މިތަނަށް އައުމުގެ ބޭނުމަކީ، ދެވެން އޮތް އެންމެ ކުރިއަކަށް ދާން އުއްމީދުކުރަނީ،" "އަވަސް"އަށް ދިން އިންޓަވިއުއެއްގައި ޝަޒާ ބުންޏެވެ.

މޯލްޑިވިއަން އައިޑޮލްގައި ޝަޒާގެ ދަތުރު ކުރު ނަމަވެސް އެ ދަތުރުން އޭނާއަށް ވަނީ ގިނަ ކަންތައްތަކެއް ދަސްވެފަ އެވެ. ހަޔާތުގައި މިހާތަނަށް އޭނާކުރި އެންމެ ވަރުގަދަ ދަތުރަކީ އެއީ އެވެ.

"ވަރަށް ވޮންޑަފުލް ޖާނީއެއް މި، ވަރަށް މަޖާ، ބައިވަރު އެކްސްޕީރިއެންސްތަކެއް ކުރެވުނު،" ޝަޒާ ބުންޏެވެ.

"މިތަނަށް އައިސްގެން ވަރަށް ބައިވަރު އެއްޗެހި ދަސްވި، އެންމެ ބޮޑަށް ދަސްވީ ހަމަ ނަމާދަށް ފަރުވާތެރިވާން، އެންޑް ޕަންޗުއަލިޓީ، ދެން ސިންގިންއިން ބުނަންޏާ އަޅުގަނޑު މިތަނަށް އައިއިރު ނޭނގޭ އެއްވެސް އެއްޗެއް، މިތަނަށް އައިސްގެން ވޯކަލްގެ ހުރިހާ އެއްޗެއް ދަސްވިން، ޓްރެއިނިންތައް ވެސް ލިބުން،"

މިޔުޒިކީ ދުނިޔޭގައި ފިޔަޖަހަން ތައްޔާރަށް ހުރި ޝަޒާއަށް މޯލްޑިވިއަން އައިޑޮލްގައި ދިމާވި އޭނާގެ ވާދަވެރިންނަކީ އޭނާއަށް މިހާރު އެންމެ ހާއްސަ މީހުންނެވެ. ތިން މަހެއްހާ ދުވަހު އެކުގައި އުޅެ، އެ ބައިވެރިންނަކީ ޝަޒާގެ ހަޔާތުގެ ވަރަށް މުހިންމު ބަޔަކަށް ވަނީ ވެފަ އެވެ. ޝޯއިން އޭނާ އެންމެ ހަނދާންވާނެ ކަމަކީ ވެސް އެއީ އެވެ.

"އަޅުގަނޑު އެންމެ މިސް ވާނީ އަޅުގަނޑުގެ ރައްޓެހިން، އެކި ތަންތަނުން ދިމާވެގެން ޓޮޕް 16 ގައި ތިބި ބައިވެރިންނާއެކު އައިޑޮލް ހޯމްގައި މިވީ ތްރީ މަންތްސް ތެރޭގައި އެ ކުދިން ހަމަ ވަރަށް ގާތް، އަޅުގަނޑުގެ ލައިފްގަ ވަރަށް ގާތް ބަޔަކަށްވެފައި ވަނީ، އެމީހުން ވަރަށް މިސް ވާނެ،" ޝަޒާ ބުންޏެވެ.

ޝަޒާއަށް މޯލްޑިވިއަން އައިޑޮލްގެ ދަތުރުގައި މިހާ ހިސާބަށް އާދެވުނު ކަމަށްޓަކައި އެކަމުގައި އޭނާއަށް އެއްބާރުލުން ދިން އެންމެންނަށް އޭނާގެ ހާއްސަ ޝުކުރެއް ވަނީ އަދާކޮށްފަ އެވެ. އޭނާގެ ސަޕޯޓަރުންނާއި އޭނާގެ ރަށް ކަމަށްވާ ރ. އަލިފުށީގެ ރައްޔިތުންނަށް އޭނާ އަދާކުރީ ވަކިން ހާއްސަ ޝުކުރެކެވެ.