މީގެ ކުރިން އަހަރެމެންނަށް ހަވާގެ އަޑުފައްގަނޑާ އެކު އޭގެ ކުލަތައް ފެންނާނީ ވަރަށް ހާއްސަ މުނާސަބަތެއްގައި އެކަންޏެވެ. ރިސޯޓްތަކުގައި އާ އަަހަރު ފާހަގަކުރުން ފަދަ ކަންކަމުގައި މިކަން ކޮށް އުޅުނަސް މާލެ ނުވަތަ ރާއްޖޭގެ އެހެން ރަށްރަށުގައި އާ އަހަރަކަށް ވެސް ހަވައެއް އަރުވާނީ މަދު ފަހަރަކު އެވެ. އެހެންވެ ހަވާ އެރުވުމަކީ ސަހަލު ކަމެއް ނޫނެވެ. ހަވާ އަރުވާނެ ކަމަށް އިއުލާނުކޮށްލައިފި ނަމަ އެ ވަގުތަކަށް އިންތިޒާރުކުރި ޒަމާން ހަވައެއްހެން ގޮވައިގެން ގޮސް ގެއްލިއްޖެ އެވެ.
މީގެ ދެތިން އަހަރެއް ކުރިން ފެށިގެން ހަވާގެ ކުޅިވަރު ރާއްޖޭގައި ގަދަވާން ފެށި އެވެ. މިނިވަން ފަދަ ހާއްސަ މުނާސަބަތުތައް ނޫނަސް އާދައިގެ މުނާސަބަތުތަކުގައި ވެސް ހަވާ އަރުވާން ފެށި އެވެ. އެކަމަކު މިއީ ހަމަ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއްކަން އެންމެންނަށް އެނގުނު ހިސާބަކީ މިދިޔަ އަހަރުުގެ އޯގަސްޓް މަހުގެ ފަހުކޮޅު މާލޭގައި ބޭއްވި ކައިވެނި ޕާޓީއެއްގައި ވެސް ހަވާގެ އަޑުން ގުގުމާލައި އެތައް ބަޔަކު ބިރުގަތް ހިސާބުންނެވެ. ހިރިޔާ ސްކޫލްގައި އޮތް އެ ޕާޓީގައި ހަވާ އެރުވީ ކުރިން އެންގުމަކާ ނުލައި ކަމަށް ވުމުން އެ އަޑުން ބިރުގަނެ، ވާނުވާ ނޭނގިގެން އުޅުނު މީހުން ގިނަ އެވެ. އެކަމަކު ޖެހިގެން އައި ދުވަހު ނޫސްތަކުގައި އެ ވާހަކަ އޮތުމުންނާއި އަމިއްލަ ފަރާތްތަކުން އެދުމުން ވެސް ސިފައިން ހަވާގެ ކުޅިވަރު ހަމަޖައްސައިދޭކަން އެނގުނު ހިސާބުން ހަވާގެ ފޯރި އާންމުންގެ މެދުގައި ގަދަވާން ފެށިހެން ހީވި އެވެ.
ރާއްޖެ އަށް ހަވާ އެތެރެކުރެވެނީ ޑިފެންސް މިނިސްޓްރީގެ ހާއްސަ ހުއްދައެއް ލިބިގެންނެވެ. މިނިސްޓްރީގެ ގަވާއިދުގެ ދަށުން ހަވާ އެތެރެކުރާ ފަރާތަކުން ވެސް ހަވާ ރައްކާކޮށްފައި ބަހައްޓަން ޖެހޭނީ އަދި ބޭނުންކުރަން ޖެހޭނީ ވެސް އެ ތަކެތި ބޭނުންކުރުމުގެ ހުއްދަ ލިިބިފައިވާ ސިފައިންގެ ބެލުމުގެ ދަށުންނެވެ. އެހެންވެ މިއީ ކޮންމެ މީހަކަށް ވެސް ހުއްދަ ނަގައިގެން ކުރެވޭނެ ކަމެކެވެ. ކައިވެނިކޮށްގެން ވެސް ދަރިންނަށް ނަން ކިޔައިގެން ވެސް ހަވާ އަރުވަންވީ އެވެ! އެކަމަކު މިހާރު މި ވަނީ ހަވާ އަރުވާ ހިތްވިޔަސް އެކަން ކުރަން ލަދު ގަންނަ ހިސާބަށް އެކަން އާންމުވެފަ އެވެ.
އެކަމަކު މިކަން އެންމެ ބޮޑަށް މި ގަދަވީ ސިޔާސީ މައިދާނުގަ އެވެ. އެކަން ސަރުކާރަށް ހާއްސަވެއްޖެ އެވެ. ސަރުކާރަށް ލިބޭ ކިތަންމެ ކުޑަ ކާމިޔާބީއަކާ ގުޅުވައިގެން ވެސް ހަވާ އަރުވާން ފެށުމުން "ހަވާ ސަރުކާރު" އޭ ކިޔައި ޖޯކު ޖަހަން ވެސް ފެށީ އެވެ. ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްވިޔަސް ކައުންސިލަކުން ގޮނޑިއެއް ލިބުނަސް ހަވާ އަރުވަނީ އެވެ. އެންމެ ފަހުން މި ހަފުތާގައި ހަވާ އެރުވީ އަލިފާނުގެ ބޮޑު ހާދިސާއަކާއި އަނިޔާވެރި ދެ މަރަށް ފަހު ޖެހިގެން އައި ރޭ ކަމަށް ވުމުން ފާޑުކިޔުން މި ވަނީ ވަރަށް ބޮޑުވެފަ އެވެ.
"ކައުންސިލަކުން ގޮނޑިއެއް ލިބުމުން ހަވާ އެރުވުމުން ސަރުކާރުގެ ކާމިޔާބީ އަށް ވުރެ ބޮޑަށް ސިފަވަނީ ކަމެއް ނުވެގެން އުޅުުނު ބަޔަކަށް މާބޮޑު ކަމެއް ވެގެން އުޅޭ ކަމަށް. އަނެއްކާ އެކަން އެ ކުރި ވަގުތު ވަރަށް ގޯސް،" ސިޔާސީ ކަންކަމާ ނަފުރަތުކުރާ ޒުވާން އަންހެނެއްގެ ހިޔާލަކީ މިއީ އެވެ.
ހަވާ އެރުވުމަކީ ގޯސްކަމެއް ނޫނެވެ. އެކަަމަކު މިހާރު އެކަން ގޮސް އޮތް ހިސާބުން ހަމަ ހަގީގަތުގައި ވެސް އެކަން ޖެއްސުމެއްގެ ގޮތުގައި ދެކޭ މީހުން މިހާރު މަދެއް ނޫނެވެ. ހަވާގެ ވާހަަކަ ވެސް ދައްކަނީ ޖެއްސުމަށެވެ. އެކުވެރިންގެ ތެރޭގައި ވެސް މީހަަކަށް މޮޅުކަމެއް ދިމާވެއްޖެ ނަމަ "ދެން ހަވާ އަރުވަންވީނުން" ހޭ ބުނަނީ އެވެ. ގައުމުގައި ކިރިޔާ ވެސް ބޮޑު ކަމެއް ހިނގާއިރަށް ވެސް "މިރޭ ހަވާ އެރުވުން އޮންނާނެ" ހެއްޔޭ އަހަނީ އެވެ. އެހެންވެ މީގެ ކުރިން ހަވާ އަރުވާއިރު ކަމާ ކަންފަށާ އެތަން ބަލަން ދާ މީހުންނާއި ފޮޓޯ ނަގަންދާ މީހުންނަށް ވެސް މިއީ ބޮޑު ކަމަކަށް ނުވެ އެވެ. އެހާވެސް އެކަން އާންމުވީ އެވެ.
ހަވާގެ ކުޅިވަރާ މެދު ސަރުކާރުން ނުވަތަ ސަރުކާރު ހިންގާ ޕާޓީން ވިސްނާލަން އެބަޖެހެ އެވެ. މި ހުރިހާ ދުވަހު އަހަރެމެންގެ ތެރޭގައި ވަރަށް ހާއްސަ ކަމެއްގެ ގޮތުގައި އޮތް މި ހަރަކާތް ސިޔާސީ ވީމަ އެވެ. އެހެންވީ ސިޔާސީ ކަންކަމާ ގުޅުވައިގެން މާގިނައިން އެކަން ކުރާތީ އެވެ. ދެން އެކަމަކު ހަވާގެ ހާއްސަކަން އަނބުރާ ގެނެވިދާނެ ހެއްޔެވެ؟އެކަން ކުރެވެން އޮތީ ހަވާއެރުވުމަކީ ވަކި ހާއްސަ މުނާސަބަތުތަކެއްގައި ކުރާ ކަމަކަށް ހަދައިގެންނެވެ.