ސްވައިން ފްލޫ

ވޯކް ސައިޓްތަކުގައި މަސައްކަތް ކުރާއިރު އާއި މުވައްޒަފުންގެ އެކޮމަޑޭޝަންތަކުގައި ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން އިލްތިމާސްކޮށްފި އެވެ.

މި ވަގުތު ރާއްޖޭގައި ފެތުރެމުންދާ އެޗް1އެން1އާ ގުޅިގެން ރާއްޖޭގެ ލެވެލް ތިނަކަށް ގޮސްފައިވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ އިއުލާންކޮށްފަ އެވެ. އެގޮތަށް އިއުލާން ކުރީ އެބަލި ފެތުރެނީ އެއް ސަރަހައްދަށްވުރެ ގިނަ ސަރަހައްދުތަކުގައި ކަމަށްވުމާއި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ އެވެ.

މަސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ އެސޯސިއޭޝަންފެ މެންބަރު ކުންފުނިތަކުން ވޯކް ސައިޓްތަކުގައި މަސައްކަތް ކުރަމުންދާއިރުގައި އާއި މުވައްޒަފުންގެ އެކޮމަޑޭޝަންތަކުގައި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޗްޕީއޭއިން ނެރެފައިވާ އިންސްޓްރަކްޝަންތަކާ އެއްގޮތަށް އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެޗްޕީއޭއިން ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ. އެޗްޕީއޭއިން ބުނީ، ރޯގާ ފެތުރެމުންދާތީ މި ދުވަސްވަރު އެއްވެ އުޅުމުގެ އެއްވެސް ހަރަކާތެއް ނުބޭއްވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އާންމުކޮށް ދިވެހިން ގޮސް އުޅޭ ގައުމުތަކުގައިވެސް ރޯގާ ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ދަތުރު ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި ނޫނީ ހޮސްޕިޓަލް އަދި ކްލިނިކްތަކަށް ޒިޔާރަތް ނުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ސްވައިން ފްލޫގެ އަލާމާތްތަކަކީ ވެސް ކެއްސުން، ހުން އައުން، ކަރުގައި ރިއްސުން، ނޭފަތުން ފެން އައުން ނޭފަތް ބެދުން، ގައިގައި ރިއްސުން، ބޮލުގައި ރިއްސުން، ހީކެރުވުން އަދި ވަރުދެރަވުމެވެ. މި ރޯގާ ކޮންޓްރޯލް ކުރުމުގެ ގޮތުން، ރޯގާ ޖެހިފައިވާ އިރު ކެއްސާ ކިބިހި އަޅާ އިރު އަގަމަތި ރަނގަޅަށް ނިވާ ކުރުމާއި ރޯގާ އަދި ހުން ޖެހިފައި ވާ ނަމަ، އާންމު ތަންތަނަށް ނުނިކުތުމާއި ރޯގާ އަދި ހުން އައިސް ގިނަ ދުވަސް ވާނަމަ ވީހާ ވެސް އަވަހަށް ޑޮކްޓަރަކަށް ދައްކައި ގިނައިން ދިޔާ އެއްޗެހި ބޭނުން ކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި އަހަރުގެ މިހާތަނަށް ޓެސްޓްކުރި 251 މީހެއްގެ ތެރެއިން 51 މީހެއްގެ ގައިން ވަނީ އެޗް1އެން1 ނުވަތަ ސްވައިން ފްލޫ ފެނިފަ އެވެ. އޭގެ ތެރޭގައި ބިދޭސީން ވެސް ހިމެނެ އެވެ.