ސްވައިން ފްލޫ

ފްލޫ ކްލިނިކުން ހާހަކަށްވުރެ ގިނަ މީހުން ފަރުވާ ހޯދައިފި

މާލޭގައި ފެތުރެމުންދާ ހުމާއި ރޯގާއާ ގުޅިގެން އައިޖީއެމްއެޗްގައި ހުޅުވި ފްލޫ ކްލިނިކުން ހަތަރު ދުވަސް ތެރޭގައި ހާހަކަށްވުރެ ގިނަ މީހުން ފަރުވާ ހޯދައިފި އެވެ. ފްލޫ ކްލިނިކް ހުޅުވީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޑިޕާޓްމެންޓުގެ ޑިރެކްޓަރު އަހުމަދު މައުސޫމް ވިދާޅުވީ، މިދިޔަ ހަތަރު ދުވަހުގެ ތެރޭގައި ފްލޫ ކްލިނިކުން 1068 މީހުން ފަރުވާ ހޯދާފައިވާ ކަމަށެވެ. އޭގެ ތެރެއިން 475 މީހުންނަށް ފަރުވާ ދީފައިވަނީ އިއްޔެ އެވެ.

"ފްލޫ ކްލިނިކަށް ފަރުވާ ހޯދަން އަންނަ މީހުން ދަނީ އިތުރުވަމުން،" މައުސޫމް ވިދާޅުވި އެވެ.

އައިޖީއެމްއެޗްގައި ހުޅުވި ފްލޫ ކްލިންކަށް ދާ މީހުން އިތުރުވެ ބާރުބޮޑުވުމުގެ ސަބަބުން އިއްޔެ ވަނީ ތާޖުއްދީން ސްކޫލަށް އެ ފްލޫ ކްލިނިކް ބަދަލުކޮށް ހިދުމަތް ދޭން ފަށާފަ އެވެ. ޖާގަ ތަނަވަސް އެ ތަނުގައި މީހުން ފަރުވާދެމުންދާއިރު އެޑްމިޓްކުރުން ނޫން އެހެން ހުރިހާ ހިދުމަތެއް އެތަނުން ފޯރުކޮށްދެ އެވެ. އެޑްމިޓްކޮށް ފަރުވާ ދޭން ޖެހޭ މީހުން ގެންދަނީ އައިޖީއެމްއެޗްގެ ފްލޫ ކްލިނިކަށެވެ.

އައިޖީއެމްއެޗްގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލްގައި ވެސް ވަނީ ފްލޫ ކްލިނިކެއް ހުޅުވާފަ އެވެ. އޭޑީކޭގެ ފްލޫ ކްލިނިކުން އިއްޔެ 2:30 އިން 10:00 އަކަށް 118 މީހުން ފަރުވާ ހޯދާފައިވެ އެވެ. އެ ކްލިނިކަށްދާ މީހުން ވެސް އިތުރުވަމުންދާތީ މިހާރު ވަނީ ސޯސަން ގޭގެ ފެކަލްޓީ އޮފް ސައިންސަށް ފްލޫ ކްލިނިކް ބަދަލުކޮށްފަ އެވެ.

ހުމާއި ރޯގާ ފެތުރެމުން ދާތީ މާދަމާގެ މަޣުރިބު ނަމާދަށް ފަހު އަޑު ހަރުކޮށް ކިޔަވާ ކޮންމެ ނަމަދެއްގެ ފަހު ރަކުއަތުގެ އިއުތިދާލުގައި ޤުނޫތު ކިޔަން އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފަ އެވެ.

މި އަހަރުގެ މިހާތަނަށް ޓެސްޓްކުރި 251 މީހެއްގެ ތެރެއިން 51 މީހެއްގެ ގައިން ވަނީ އެޗް1އެން1 ނުވަތަ ސްވައިން ފްލޫ ފެނިފަ އެވެ.