ސްވައިން ފްލޫ

ސިޒޭރިއަން ހެދި މީހާ އާއި ދަރިފުޅުގެ ހާލު ދެރަ: އައިޖީއެމްއެޗް

ރޭ އައިޖީއެމްއެޗްގައި ސިޒޭރިއަން ހެދި މީހާ އާއި އޭނާގެ ދަރިފުޅުގެ ހާލު ދެރަ ކަމަށް އައިޖީއެމްއެޗްއިން ބުނެފި އެވެ. އެ އަންހެން މީހާއަކީ ސްވައިން ފްލޫގެ އަލާމަތްތައް ފެނިގެން ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން އައިޖީއެމްއެޗަށް ގެނެސް ފަރުވާދެމުންދާ މީހެކެވެ.

ސްވައިން ފްލޫގެ އަލާމަތްތައް ފެނިގެން އޭނާއަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު ރަސްމީ އެއްވެސް ފަރާތުން އަދި އޭނާ ސްވައިން ފްލޫއަށް ޕޮޒިޓިވްވެފައިވާ ކަމެއް ކަށަވަރެއް ނުކޮށްދެ އެވެ.

އައިޖީއެމްއެޗުން މިއަދު ބުނީ، އެ އަންހެން މީހާ އާއި ދަރިފުޅުގެ ހާލު ވެސް ވަރަށް ދެރަ ކަމަށާއި އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އޭނާ އޮތީ ވެންޓިލޭޓަރުގެ އެހީގަ އެވެ.

އެނިގައިފާ ގޮތުގައި ސީޒޭރިއަން ހަދައިގެން އޭނާގެ ދަރިފުޅު ނަގާފައިވަނީ ބަނޑަށް ފަސް މަހުގަ އެވެ.

އެ އަންހެން މީހާގެ އިތުރުން ވެސް އައިޖީއެމްއެޗްގެ އައިސީޔޫގައި މާބަނޑު އަންހެނަކަށް ދަނީ ފަރުވާ ދެމުންނެވެ. އެމީހާއަށް ސްވައިން ފްލޭ ޖެހިފައިވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ހާމަކޮށްފަ އެވެ. އޭނާގެ ހާލު ވެސް ދެރަ އެވެ.

މި އަހަރުގެ މިހާތަނަށް ޓެސްޓްކުރި 251 މީހެއްގެ ތެރެއިން 51 މީހެއްގެ ގައިން ވަނީ އެޗް1އެން1 ނުވަތަ ސްވައިން ފްލޫ ފެނިފަ އެވެ. ފްލޫއަށް ވަރުވާ ދިނުމަށް ތިން ފްލޫ ކްލިނިކް މިހާރު ވަނީ ހުޅުވާފަ އެވެ. އެއީ ތާޖުއްދީން ސްކޫލް، ހުޅުމާލެ ހޮސްޕިޓަލް އަދި އޭޑީކޭ ހޮސްޕިޓަލް އެވެ.