ހަބަރު

ނ. އަތޮޅުން ގެނައި ކުއްޖާގެ ހާލު ރަނގަޅު: ހޮސްޕިޓަލް

ސްވައިން ފްލޫގެ އަލާމަތްތައް ފެނިގެން ނ. މަނަދޫ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އައިޖީއެމްއެޗްއަށް ގެނައި ކުއްޖާގެ ހާލު ރަނގަޅު ކަމަށް އެ ކުއްޖާގެ އާއިލާއާ ހަވާލާދީ މަނަދޫ ހޮސްޕިޓަލުން ބުނެފި އެވެ.

ނ. ކުޑަފަރީ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މަނަދޫ ހޮސްޕިޓަލަށް ގެންދިޔަ ކުޑަފަރީ ކުއްޖާ މާލެ ގެނައީ ސްވައިން ފްލޫއަށް ޝައްކުކުރެވިގެނެވެ.

މަނަދޫ ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި އިބްރާހިމް ރަޝީދު ވިދާޅުވީ، އެ ކުއްޖާ މާލެ ފޮނުވާލީ އަލާމަތްތައް ފެންނާތީ ކަމަށާއި ހާލު ސީރިއަސްވެގެން ނޫން ކަމަށެވެ.

"އަލާމަތްތައް ފެންނާތީ ޓެސްޓް ހެދުމަށް މާލެ ފޮނުވާލީ، މިހާރު އައިޖީއެމްއެޗްގައި ވަނީ ޓެސްޓްތައް ވެސް ހަދާފަ، ޓެސްޓްތަކުން ދައްކަނީ އާދައިގެ ވައިރަލް ހުމެއް ކަމަށް،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.