ސްވައިން ފްލޫ

ފްލޫއަށް ޝައްކުވާ މާބަނޑު މީހަކު ތިނަދޫން މާލެ ގެންނަނީ

ސްވައިން ފްލޫގެ އަލާމަތްތައް ފެންނަ މާބަނޑު މީހެއް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ގދ. ތިނަދޫ އަބްދުއްސަމަދު ރީޖަނަލް ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އެ ހޮސްޕިޓަލްގެ މެނޭޖަރު ހުސެއިން ރަޝީދު ވިދާޅުވީ، މި ވަގުތު އެ ހޮސްޕިޓަލްގައި ސްވައިން ފްލޫގެ އަލާމަތްތައް ފެންނަ ހަތަރު ފަރާތަކަށް ފަރުވާދެމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި މާބަނޑު މީހެއް ވެސް ހިމެނެ އެވެ.

"ޓެސްޓްތައް ހެދުމަށް މާބަނޑު މީހާ މާލެ ފޮނުވާލުމަށް މަސައްކަތް ކުރަމުން ދަނީ، އާސަންދަ ވަނީ ހަމަޖެހިފަ،" ހުސެއިން ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަލާމަތްތައް ފެނުނު ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ. އަދި އިއްޔެއަށްވުރެ މިއަދު ހުން މަޑު ކަމަށެވެ.

މާބަނޑު މީހާގެ އިތުރުން ދެން އެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނީ ތިން ކުޑަކުދިންނަށެވެ. އެ ކުދިންގެ ފަރާތުން ވެސް އަލާމަތްތައް ފެނުނު ނަމަވެސް ހާލު ސީރިއަސް ނޫން ކަމަށް ހުސެއިން ވިދާޅުވި އެވެ. ނަމަވެސް ހުން ބާރު ކަމަށެވެ.

ހުސެއިން ރަޝީދު ވިދާޅުވީ، އެ އަތޮޅުގައި މި ދުވަސްވަރު ރޯގާ އުޅޭ ކަމަށާއި ނަމަވެސް ހުން ފެތުރެމުން ނުދާ ކަމަށެވެ. މިހާތަނަށް ސްވައިން ފްލޫއަށް އެ ހޮސްޕިޓަލަށް އައި އެއްވެސް މީހަކު ޕޮޒިޓިވްވެފައި ވެސް ނުވާ ކަމަށެވެ.

މި އަހަރުގެ މިހާތަނަށް 82 މީހެއްގެ ގައިން ސްވައިން ފްލޫ ފެނިފައިވާއިރު އެ ވައިރަހަށް ޕޮޒިޓިވްވި އެކަކު މަރުވެފައިވާ ކަމަށް ހެލްތް ޕްރިޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ބުނެފަ އެވެ. ރޭ ވެސް އެ ބައްޔަށް ޕޮޒިޓިވްވެފައިވާ އަންހެނަކު މަރުވެފައިވެ އެވެ. ނަމަވެސް އެއްވެސް ރަސްމީ ފަރާތަކުން އޭނާ މަރުވީ އެ ބަލީގަ ކަމެއް ކަށަވަރެއް ނުކޮށްދެ އެވެ.

މިހާރު ވެސް އައިޖީއެމްއެޗް އައިސީޔޫގައި ސްވައިން ފްލޫއަށް ޕޮޒިޓިވްވެފައިވާ ދެ އަންހެނުންނަށް ދަނީ ފަރުވާދެމުންނެވެ. އޭގެ ތެރެއިން އެކެއްގެ ދަރި ވަނީ ފަސް މަހުގައި ނަގާފަ އެވެ.