ސްވައިން ފްލޫ

ސްވައިން ފުލޫ ޖެހިފައިވާ ހަ މީހަކަށް ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

އެޗް1އެން1 ނުވަތަ ސްވައިން ފްލޫއަށް ޕޮޒިޓިވްވެފައިވާ ހަ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އައިޖީއެމްއެޗްއިން ނެރުނު ބަޔާނެއްގައި ބުނީ، އައިޖީއެމްއެޗްގެ ފްލޫ ކްލިނިކުން މިހާތަނަށް 1550 މީހަކަށް ފަރުވާދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި 261 ކުޑަކުދިން ހިމެނެ އެވެ.

އައިޖީއެމްއެޗްއިން ބުނީ ސްވައިން ފްލޫ ޖެހިގެން އެ ހޮސްޕިޓަލްގައި އެޑްމިޓް ކުރީ 48 މީހުނެވެ. އޭގެ ތެރޭގައި 24 ކުޑަކުދިން ހިމެނެ އެވެ. އެ 48 މީހުންގެ ތެރެއިން 42 މީހަކަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

މިހާރު ހަ މީހަކު އެޑްމިޓްކޮށް ފަރުވާ ދެމުންދާއިރު މި ރޯގާ ޖެހިގެން މަރުވެފައިވަނީ ދެ މީހަކު ކަމަށް އައިޖީއެމްއެޗްއިން ބުންޏެވެ. އެއީ ރޭ މަރުވި 51 އަހަރުގެ އަންހެން މީހާ އާއި މި މަހުގެ ހަތަރުވަނަ ދުވަހު މަރުވި 26 އަހަރުގެ ފިރިހެން މީހާ އެވެ.

މާބަނޑު އަންހެނުންނަށް އިންފުލުއެންޒާ ވެކްސިން އައިޖީއެމްއެޗްގައި މިހާރު ޖަހަމުންދާއިރު ޖުމްލަ 335 މީހުންނަށް އެ ވެކްސިން ދީފައިވާ ކަމަށް އައިޖީއެމްއެޗްއިން ބުންޏެވެ. މާބަނޑު މީހުންނަށް ވެކްސިން ޖެހުމުގެ ހިދުމަތް މާދަމާ މެދުކަނޑާލި ނަމަވެސް ހޮނިހިރު ދުވަހު އެ ހިދުމަތް އަލުން ފަށާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ޖުމްލަ 105 މީހަކު ވަނީ އެޗް1އެން1 އަށް ޕޮޒިޓިވްވެފަ އެވެ.