ލައިފްސްޓައިލް

މާސްކު އެޅުމުން އަދި އެ ނިމުނީއެއް ނޫން

ދެ ލައްކައެއްހާ މީހުން ދިރިއުޅެމުންދާ މި ކުޑަ މާލޭގައި އާދަޔާ ހިލާފު ބާރުމިނެއްގައި ހުމާއި ރޯގާ ފެތުރެމުންދާތީ ގިނަ ބަޔެއްގެ ހިތްތަކަށް ވަނީ ބިރުވެރިކަން ވެރިވެފަ އެވެ. އެތައް ބަޔަކު ތޮއްޖެހިގެން ދިރިއުޅެމުންދާ މި ރަށުގައި ހުން ފެތުރިގެން ބޮޑު ބަލިމަޑު ކަމަކަށްވެދާނީ ފަރުދީ ޒިންމާ ނަގައި، ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް ވެސް ގިނަ ބަޔަކު އަވަސްވެ ގަތެވެ.

ހުމާއި ރޯގާ ފެތުރޭތީ އޭގެން ރައްކާތެރި އެންމެން ކަހަލަ ގޮތަކަށް މޫނު މަތީ ސާޖިކަލް މާސްކު އަޅަން ފެށުމަކީ މީގެ ކުރިން ފެނިފައިވާ މަންޒަރެއް ނޫނެވެ. ހުމާއެކު މުޅި މާލޭގައި މާސްކު އެޅުވި އެވެ. ބޭސް ފިހާރަތަކުން ރެކޯޑް އަދަދަށް މާސްކުތައް ވިކި، ބައެއް ބޭސް ފިހާރަތަކުން މާސްކު ހުސްވެސްވި އެވެ.

މާސްކު އަޅައި އެންމެން ވެސް ފަރުދީ ޒިންމާ ނެގުމަކީ ވަރަށް އުފާވި ކަމެކެވެ. އެކަމަކު މީޑިއާގައި އެޗް1އެން1 އިން ފެތުރޭތީ ސަމާލުވުމަށް އިލްތިމާސްކުރި ދުވަސް ނޫން އަނެއް ދުވަހު ފެނުނު މަންޒަރުން އެ އުފާވެރިކަން ނެތިކޮށްލި އެވެ. ފަރުދީ ޒިންމާއަކީ އެއީ ބާވައޭ ހިތާ ދެރަވި އެވެ. ކަންބޮޑުވި އެވެ.

މީހުންގެ މޫނު މަތިން މާސްކު ފެންނަ މިންވަރަށްވުރެ ގިނައިން މަގުމަތައް މަތީ އުކާފައި ހުއްޓާ މާސްކު ފެނުންވީ ކަންބޮޑުވުމަކަށެވެ. އިއްޔެ މާލޭގެ މަގުމަތިން ހުސް ވެސް ފެނުނީ މާސްކެވެ. މީގެ ކުރިން މަގުމަތިން ތާޒާ ފެންފުޅި ފެންނަ ފަދައިން އިއްޔެ ފެނުނީ މާސްކެވެ. ބޭނުންކޮށް އެއްލާލާފައިހުރި މާސްކެވެ. ކޮންމެ ދިމާލަކުން ވެސް ފެނުނީ މާސްކެވެ. މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ކުރިމަތީ ވެސް އޮތީ ހުސް މާސްކެވެ.

ކޮންމެ ވެސް ވަރަކަށް ވާރޭ ވެސް ވެހުމާއެކު އެއްލާލާފައިހުރި މާސްކުތައް ތެމި، އެއީ ވަރަށް އެހެން ކަހަލަ މަންޒަރަކަށް ގިނަ ބަޔަކަށްވި އެވެ. ބަލިމަޑުކަމުން ސަލާމަތްވުމަށް އެޅި ފިޔަވަޅުން އިތުރު ބަލިތަކެއް ފެތުރުމުގެ ބިރު ވެސް އުފެދުނެވެ.

"މަގުތައް މަތީގަ މާސްކުތައް ފެންނަން ފެށީމަ އެއީ ގޯސްކަމެއް، މާސްކު ރަނގަޅަށް ޑިސްޕޯސްކުރަން ވާނެ، އަދި މާސްކު ޑިސްޕޯސްކުރުމާއެކު އަތް ވެސް ދޮންނަން ވާނެ،" އޭޑީކޭގެ ޑރ. އަބްދުﷲ ނިޔާފް ވިދާޅުވި އެވެ.

ބަލިން ރައްކާތެރިވުމަށް މާސްކު އެޅުން ގޯހެއް ނޫނެވެ. އެއީ ވެސް ސަލާމަތީ ފިޔަވަޅެކެވެ. ނަމަވެސް އެކަން ގޯހަކަށް ނުހަދާށެވެ. އެކަން ގޯހަކަށް ވަނީ އަމަލުތައް ގެންގުޅެވޭ ގޮތުންނެެވެ. ދިވެއްސަކަށްވީތީ ކޮންމެހެން "ގޮނޑުވާ" ކަށް ނުޖެހެ އެވެ. ރައްކާތެރިވުމަށް މާސްކު އެޅުމަށްފަހު އެ މާސްކު ރައްކާތެރިކަމާއެކު ނައްތާލަން ވެސް ވާނެ އެވެ.

ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި ސިއްހަތު ރަނގަޅު މީހުން މާސްކު އެޅުމަކީ ވެސް އެހާ މުހިންމު ކަމެއް ނޫނެވެ. ނަމަވެސް ފްލޫ ކްލިނިކަށް ނުވަތަ ހޮސްޕިޓަލަށް ވަންނަނަމަ މާސްކު އެޅުން ރަނގަޅެވެ. އެ ނޫން ތަންތަނާ މާސްކު އެޅުމަކީ މާ މުހިންމު ކަމެއް ނޫނެވެ. އެއީ ސާޖިކަލް މާސްކަކީ ލޯވަޅުތަކެއް ހުންނަ އެއްޗަކަށްވެފައި އެ ލޯވަޅުތަކުން ވައިރަހަށް ދަތުރުކުރެވޭތީ އެވެ. އާންމުކޮށް މިފަދަ މާސްކު ބޭނުން ކުރަނީ ޑޮކްޓަރުން ނުވަތަ އެހެން ވެސް މެޑިކަލް ބޭފުޅުން ސާޖަރީތައް ހަދާއިރު އެވެ.

ބަލި ޖެހިފައި ހުންނަ މީހުން މާސްކު އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. އޭގެ ސަބަބުން އެހެން މީހުންނަށް ބަލި ފެތުރުން ދުރުކޮށްދެ އެވެ.

މެޑިކަލް ބޭފުޅުން ވިދާޅުވަނީ މާސްކު އެޅުމުން އެންމެ ފުރިހަމަ ރައްކާތެރިކަން ނުލިބު ނަމަވެސް މި ވަގުތު މާސްކު އެޅުން ގޯސް ނޫން ކަމަށެވެ. އެހެން ގައުމުތަކުގައި ވެސް މިފަދަ ހާލަތްތަކުގައި ކަމާބެހޭ ފަރާތްތަކުން މާސްކު އެޅުމަށް އިލްތިމާސްކުރާ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ. އެ ބޭފުޅުން އެދިލައްވަނީ އަމިއްލަ ހިތްހަމަޖެހުމަށް ވެސް މާސްކު އެޅުމަށެވެ.

ހިތްހަމަ ޖެހުމަށް އެޅިޔަސް މާސްކު ރަނގަޅު ގޮތުގައި އެޅުމަކީ މުހިންމު ކަމެކެވެ. ކަމަކަށް ކަމެއް ކުރާ އުސޫލުން ނުވަތަ ބަޔަކު ކުރާތީ ކުރަން އެކަން ކޮންމެހެން ކުރާނެ ކަމެއް ނެތެވެ. އޭގެ ސަބަބުން ތިމާއަށް ވެސް އަދި އެހެން މީހަކަށް ވެސް ފައިދާއެއް ނެތެވެ. މިހާރު ގިނަ މީހުން މާސްކު އަޅައި، އެ ބޭނުން ކުރަމުން ދަނީ އޭގެން އެންމެ ފައިދާވާނެ ގޮތަކަށް ނޫނެވެ. އަދި، މާސްކު ނެއްޓުމުގައި ވެސް އަމަލުކުރަނީ އެންމެ އެދެވޭ ގޮތަކަށް ނޫނެވެ.

"މާސްކު އަޅައި ނެއްޓުމުގަ އާއި ބޭނުންކުރުމުގަ ހުރޭ ރަނގަޅު ގޮތްތަކެއް، މާސްކު އަޅައިފައި ނައްޓާއިރު ނޭފަތުގައި އަތްލައި އަނގައިގާ އަތްލައި ހެދުން އެއީ ގޯސްކަމެއް، ދޭތެރެއަކުން ތިރިކޮށްލައި އަނެއްކާވެސް އެޅުވުން އެއީ ގޯސް ކަމެއް، ފްލޫ ރޯގާ ކަހަލަ ކަމެއް އެއީ އަޅަންވާނެ ވެސް ގޮތެއް ނޫން، ދެން ނައްޓާއިރު ވީހާވެސް ބޮޑަށް މާސްކުގައި އަތް ނުލައި، މާސްކުގެ ވާ ފަށުގައި ހިފައިގެން އެ މާސްކެއް ރަނގަޅަށް ޑިސްޕޯސްކުރަން ވާނެ،" ޑރ. ނިޔާފް ވިދާޅުވި އެވެ.

މާސްކު އަޅަންވީ ރަނގަޅު ގޮތް ނުހޯދައި ނުވަތަ ނޭނގި ގިނަ ބަޔަކު މާސްކު އަޅާފައި ހުންނަނީ ގޯސްކޮށެވެ. އެގޮތުން ބައެއް މީހުން ނޭފަތަށްވުރެ ތިރީގައި މާސްކު އަޅާފައި ހުންނައިރު އެއް ބަޔަކު އަނގަ މަތި ރަނގަޅަށް ނުފޮރުވަވެސް ހުރެ އެވެ. ހާއްސަކޮށް ދުވަސްވީ މީހުން އެގޮތަށް ތިބޭކަން ފާހަގަވެ އެވެ. އެހެންކަމުން މާސްކު އަޅަންވީ ރަނގަޅު ގޮތް ހޯދައި، އެހެން މީހުންނަށް ވެސް އެކަން ކިޔައިދީ ހޭލުންތެރިކުރުމަކީ މިއަދުގެ ފަރުދީ ޒިންމާއަކަށް ހަދާށެވެ. ތިރީގައި މިވާ ވީޑިއޯގައި އެ ފެންނަނީ މާސްކު އަޅަންވީ ރަނގަޅު ގޮތެވެ.