ވިޔަފާރި

ކޮލަމްބޯ ދަތުރުތައް ފެށުމުން ދިވެހިންނަށް ހާއްސަ ވާނެ: މޯލްޑިވިއަން

  • ދަތުރު ފަށަން މޯލްޑިވިއަން ތައްޔާރު ވަނީ
  • ދަތުރުތަކުން ދިވެހިންނަށް ފަސޭހަ ލިބޭނެ
  • ދަތުރު ފަށަނީ ރަތުމަލާނާ އެއާޕޯޓަށް

ސްރީލަންކާގެ ކޮލަމްބޯ އަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމާއެކު ދިވެހިންނަށް ހާއްސަ ކަމެއް ލިބިގެންދާނެ ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސަސް އިން ބުނެފި އެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް މިއަދު ވިދާޅުވީ ކޮލަމްބޯގެ ރަޓަމަލާނާ އެއާޕޯޓަށް ދަތުރުތައް ފެށުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރަމުން އަންނަ ކަމަށާއި، އެކަމާ ގުޅޭ މަސައްކަތްތައް ލަންކާ ސަރުކާރުން ވެސް ފަށާފައިވާ ކަމަށެވެ. އަދި ލަންކާ އެއާޕޯޓުގެ މަސައްކަތް ނިމުނުހާ އަވަހަކަށް މޯލްޑިވިއަންގެ އުދުހުންތައް ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އެއާޕޯޓް [ރަޓަމަލާނާ] އެއާޕޯޓަށް ދަތުރުތައް ފެށުމުން ދިވެހިންގެ ހާއްސަކޮށް ފުރިހަމަ ހިދުމަތް ތަކެއް ދެވޭނެ. މި ހިދުމަތް ދޭނީ ދިވެހިން ބައިވެރިކޮށްގެން،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަޓަމަލާނާ އެއާޕޯޓަކީ ލަންކާގެ ފުރަތަމަ އެއާޕޯޓު ކަމަށާ މޯލްޑިވިއަންގެ ދަތުރުތަކަށް އެއާޕޯޓު ތައްޔާރު ކުރަން ފަށާފައިވާ ކަމަށެވެ.

"މި އެއާޕޯޓަށް އިންޓަނޭޝަނަލް ދަތުރުތައް ނުބާއްވާތާ 50 އަހަރު ވެއްޖެ. އެހެންވެ އެކަމަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ. އެކަމަށް މިހާރު އެ ބޭފުޅުން ވެސް މަސައްކަތް ކުރަނީ،" ހާރިސް ވިދާޅުވި އެވެ.

މޯލްޑިވިއަން އަށް ކޮލަމްބޯ އަށް ދަތުރު ފެށުމުގެ ހުއްދަ ލިބިފައިވަނީ މި މަހު ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ލަންކާގެ ސިވިލް އޭވިއޭޝަން މިިނިސްޓަރު ނިމަލް ސިރިޕާލަ ޑިސިލްވާއާ ބައްދަލު ކުރައަވާ ބޭއްވި މަޝްރަތަކަށް ފަހު އެވެ. މަޝްވަރާތަކުގައި މޯލްޑިވިއަންގެ ސީދާ ދަތުރުތައް ކޮލަމްބޯ އަށް ފެށުމަށް ކުރަންޖެހޭ ކަންކަން ރާއްޖެ އާއި ލަންކާ އިން ގުޅިގެން ނިންމާލުުމަށް ވެސްވަނީ ނިންމާފައިވެ އެވެ.

ހާރިސް ވިދާޅުވީ ރަޓަމަލާނާ އެއާޕޯޓަށް ދަތުރުތައް ފެށުމުން ދިވެހިންނަށް ވަރަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

"ބަންޑާރަނައިކަ އެއާޕޯޓަކީ ކޮލަމްބޯ ތެރެއަށް ވުރެ ދުރު. އެކަމަކު ރަޓަމަލާނާ އެއާޕޯޓަކީ ސީދާ ކޮލަމްބޯ ތެރެ. އެހެންވެ މީގެ ފަސޭހަތައް ދިވެހިންނަށް ލިބިގެން ދާނެ. އިތުރު ކަނެކްޓިވިޓީއެއް ލިބުމަކީ ލިބިގެންދާނެ ކުރިއެރުމެއް. މީގެ އިތުރު ބަލި މީހުންނަށް ވެސް މީގެ ފަސޭހަ ލިބޭނެ،" ހާރިސް ވިދާޅުވި އެވެ.

ރަޓަމަލާނާ އެއާޕޯޓު ނުވަތަ ކޮލަމްބޯ އެއާޕޯޓަށް ކޮމާޝަލް ފްލައިޓެއް ނުބާއްވާތާ ބައި ގަރުނު ވަނީ ވެފަ އެވެ. މި އެއާޕޯޓަކީ ސްރީލަންކާގެ ފުރަތަމަ ބައިނަލްއަގުވާމީ އެއާޕޯޓެވެ.