ވިޔަފާރި

ޓޫރިޒަމް ބިމު ކުލިީގެ އާމްދަނީ 66 ޕަސެންޓް މައްޗަށް!

ޓޫރިޒަމަށް ބިން ކުއްޔަށް ދޫކޮށްގެން މި އަހަރުގެ ފުރަތަމަ ދެ މަހު ދައުލަތައް ލިބުނު އާމްދަނީ 66 ޕަސެންޓް މިދިޔަ މަހު މައްޗަށް ގޮސްފައިވާ ކަމަށް ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މިއަދަދު މައްޗަށް ގޮސްފައިވާއިރު މީރާގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި ފެބްރުއަރީ މަހު ދައުލަތައް ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބިފައިވަނީ 22 މިލިއަން ރުފިޔާ އެވެ. މިއަހަރު ފުރަތަމަ ދެ މަހުގައި ލިބިފައިވަނީ 66 މިލިއަން ރުފިޔާ އެވެ. މި އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 66 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ދައުލަތައް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ އެއް ބިލިއަން ރުފިޔާ އެވެ. މިދިޔަ މަހު ލިބުނު އާމްދަނީގެ 638.83 މިލިއަން ރުފިޔާ ހިއްސާ ކުރަނީ ޖީއެސްޓީން އެވެ. ދެން އެންމެ ބޮޑު ބައެއް ހިއްސާ ކުރާ، ބީޕީޓީގެ ގޮތުގައި 136.85 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި 64.52 މިލިއަން ރުފިޔާ އާއި އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި 45.99 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުގައިވެ އެވެ.

ޓޫރިޒަމް ބިން ކުއްޔަށް ދީގެން ދައުލަތައް ލިބުނު އާމްދަނީ އިތުރުވެފައިވާއިރު، ސަރުކާރުން ދާދިފަހުން ވަނީ ގިނަ ރަށްތަކެއް ރިސޯޓު ތަރައްގީ ކުރުމަށް ދޫކޮށްފަ އެވެ. މިގޮތުން 11 ރަށަކާއި ދެ ފަޅެއްގައި ވަނީ ރިސޯޓު ތަރައްގީ ކުރަން ދޫކޮށްފަ އެވެ. އަދި މީގެތެރެއިން ބައެއް ތަންތަނުގައި ރިސޯޓު ތަރައްގީ ކުރުމަށް ވަނީ ކުއްޔަށް ހިފާފަ އެވެ.