ރިޕޯޓް

ޑޮލަރުގެ ބްލެކް މާކެޓް ސައިޒުކޮށްފި، ކިހިނެއް؟

Mar 25, 2015
6

ޑޮލަރުގެ ވާހަކަ ހިފައިގެން މީގެ ދޮޅު އަހަރު ފަހަތަށް ދަތުރުކުރަމާ ހިނގާށެވެ. އެއީ ރާއްޖޭގައި ތިބި އެންމެ ވަރުގަދަ މަހުޖަނުންގެ ފުރިހަމަ ބާރު އޮތް އެ މީހުން އެންމެ ބޮޑު ފައިދާ ނަގާ ވިޔަފާރި އެވެ. ބިދޭސީން ބާޒާރަށް ނެރެ، އެފަހަރަކު ހިތައް އެރި އަދަދުތަކުން ޑޮލަރު ދިވެހި ރުފިޔާއަށް ބަދަލު ކުރަމުން އައީ ފިޔާ ކިލޯ ވިއްކާ އުސޫލުންނެވެ. ޗުއްޓީ ދުވަސްވަރެއް ލައިގެންފި ނަމަ، ނޫނީ ހައްޖު މޫސުމަކާ ދިމާވެއްޖެ ނަމަ 20ރ. އަށް ވުރެ ކުޑަކޮށް ހަމަ ހިލާ ޑޮލަރެއް ނުލިބޭނެ އެވެ.

އެކަމަކު މިދިޔަ އަހަރުގެ ޖޫން މަހާ ހިސާބުން އެ މަންޒަރު ބަދަލުވެ،ޑޮލަރު ތިޔާގިވި ކަމަށް ބުނެވިދާނެ އެވެ. ކުރިން ގުރުބާން ވެގެން ނުލިބޭ ޑޮލަރު މިހާރު، އެންމެ އަގު ބޮޑުކޮށް ވެސް 16ރ. ލިބޭނެ އެވެ. ބޭރަށް ދާން ޓިކެޓް ނަގައިފިއްޔާ ޓިކެޓަކަށް 500 ޑޮލަރު ޔަގީންވާނެ އެވެ. ޑޮލަރުގެ ކަޅު ބާޒާރު ސައިޒްވީ ހަމަ ހުރަފައެއް ނޫނެވެ. އެ ބާޒާރާ ދެކޮޅަށް ރައީސް މުހައްމަދު ނަޝީދު ވެސް އަދި މުހައްމަދު ވަހީދު ވެސް ހަނގުރާމަ އިއުލާން ކުރެއްވި އެވެ. ޑޮލަރެއްގެ ފަހަތުގައި ފުލުހެއް ބެހެއްޓި އެވެ. ބޮޑެތި މަހުޖަނުންގެ އެކައުންޓްތައް ބަލައި ހޭވުމަށް ބޭންކްތަކަށް ފުލުހުން ވަނެވެ. އެކަމަކު އެ ހުރިހާ ފަހަރަކު ވެސް ހަތިޔާރު ބަހައްޓަން ޖެހުނެވެ. އެންމެ ފަހުން، 12.42ރ. އަށް ހުރި ޑޮލަރުގެ ރަސްމީ ބޭންޑް، 15.42ރ. އަށް ފުޅާ ކުރަން ވެސް ޖެހުނެވެ. އެއީ ވެސް ފަރުވާއަކަށް ނުވި އެވެ. ބްލެކް މާކެޓް އެ ބޭންޑަށް ވެސް ކިޔަމަން ނުވެ، އެ ރޮގު ވެސް ހުރަސް ކުރީ އެވެ.

އެހެން ވިއްޔާ ރައީސް، އަބްދުﷲ ޔާމީންގެ މިހެއްދެވީ ކޮން ކަހަލަ ޖާދުލެއް ހެއްޔެވެ؟ ޑޮލަރުގެ ކަޅު ބާޒާރާ ދެކޮޅަށް ރައީސް ޔާމީން ކުއްލި ހަރުކަށި ހަމަލާއެއް ދެއްވުމުގެ ބަދަލުގައި އެ ބާޒާރު ކިޔަމަން ކުރެއްވީ، މަޑުމައިތިރި އިގްތިސާދީ ފިޔަވަޅުތަކަކަކުން ކަމަށް ބުނާނެ ޖާގަ އެބަ އޮތެވެ. ސަރުކާރުން ޑޮލަރު ހަމަޔަކަށް އެޅުވުމަށް ސީދާ ރައީސްގެ އެންގެވުމަށް، މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ފިޔަވަޅުތަކެއް އެޅުއްވި އެވެ.

1. ބްލެކް މާކެޓްގައި އެނބުރޭ ޑޮލަރަށް ޑިމާންޑް ކުރާވަރު ދަށްކުރުން

2. ރަސްމީ ރޭޓްގައި އާންމުންނަށް ޑޮލަރު ލިބޭނެ ގޮތްތައް އިތުރު ކުރުން

3. ބޭންކުންތަކުން ޑޮލަރު ލިބޭނެ އިންތިޒާމްތަކެއް ހަމަޖެއްސުން

މިތިން ފިޔަވަޅާ އެކު ބާޒާރުގައި ޑޮލަރު ތިޔާގިވީ ރޮކެޓެއް ހެންނެވެ. ބްލެކް މާކެޓަށް ނެރެ ބޮޑު އަގުގައި ޑޮލަރު ވިއްކަމުން އައި ފަރާތްތައް ހަމަ ބިމަށް ފައިބަން ޖެހުނީ ޑޮލަރު ގަނެ ވިއްކާ ރަސްމީ ބާޒާރުގައި ތަދު އެއްޗަކަށް ވެފައި އޮތް ޑޮލަރު ތިޔާގި ވުމާ އެކު އެވެ. ބްލެކް މާކެޓަށް އޮންނަ ޑިމާންޑް ކުޑަކޮށްލުމަށް ސަރުކާރުން، ވަރަށް މުހިންމު އުކުޅެއް ބޭނުން ކުރި އެވެ.

ސަރުކާރު ކުންފުނިތަކުން ބްލެކް މާކެޓުން ޑޮލަރު ގަތުން ހުއްޓާލުމެވެ. އެންމެ ގިނައިން ބްލެކް މާކެޓުން ޑޮލަރު ގަންނަމުން އައި، އެސްޓީއޯއަށް ބޭނުންވާ އަދަދަށް ދައިލަތުގެ އާމްދަނީން އައީ ޑޮލަރު މާރުކޮށްދެމުންނެވެ. އެސްޓީއޯއިން ބްލެކް މާކެޓަށް ވަދެ މަހެއްގެ މައްޗަށް 20 މިލިއަން ޑޮލަރު ގަންނަމުން އައި އައުން ހުއްޓާލުމާ އެކު ބްލެކް މާކެޓަށް އޮބިނޯވެފައި އޮތް ޑިމާންޑަށް އެގުންވި އެވެ. ބްލެކް މާކެޓަށް ދެން ދާން ފެށީ ކުއްލި އަކަށް ޑޮލަރު ގަންނަން ޖެހިއްޖެ ނަމަ ވަރަށް ކުދި ވިޔަފާރިތަކެވެ.

"ޑޮލަރު ގަތުން އަޅުގަނޑުމެން ހުއްޓާލައި އެ ފިޔަވަޅު ދެމެހެއްޓުމާ އެކު ހީކުރި ވަރަށް ވުރެވެސް އަވަހަށް ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު ކުޑަވެއްޖެ. އަޅުގަނޑުމެން ހީކޮށްގެން ތިބީ ދެތިން މަސް މިކަމަށް ނަގާނެ ކަމަށް،" އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އާޒިމް ދެއްވާފައިވާ އިންޓަވިއުއެއްގައިވެ އެވެ.

ޑޮލަރުގެ ބްލެކް މާކެޓަށް އެންމެ ބޮޑު ޑިމާންޑެއް ދެން އަންނަނީ ރާއްޖެއިން ބޭރަށް ދާ ފަރާތްތަކުންނެވެ. ދިވެހިންގެ ތެރެއިން ތިން މީހަކުން ކުރެ ދެ މީހަކު ކޮންމެ އަހަރަކު ވެސް ރާއްޖެ އިން ބޭރަށް ދަތުރު ކުރާކަމަށް ސާވޭތަކުން ދައްކަ އެވެ. ބްލެކް މާކެޓްގެ ޑިމާންޑް ތެރޭގައި އެނބުރެމުން ދިޔަ އާންމު ރައްޔިތުން ނެރުމަށް ޓަކައި، އެމްއެމްއޭ ގައި ބޭންކްތަކުން ބަހައްޓަން ޖެހޭ ޑިޕޮސިޓް 25 ޕަސެންޓުން 20 ޕަސެންޓަށް ކުޑަކުރި އެވެ. ނަތީޖާއަކަށްވީ އާންމުންނަށް ދޫކުރަން ބޭންކްގައި ހުންނަ ފައިސާ އިތުރުވުމެވެ.

އެއާ އެކުއެކީގައި ބޭންކްތަކަށް އެމްއެމްއޭ އިން ވިއްކަމުން އައި ޑޮލަރުގެ އަދަދު އިތުރު ކުރި އެވެ. އެ ފިޔަވަޅާ އެކު ފުރަތަމަ ހަފްތާގެ ތެރޭގައި ވެސް މިލިއަނެއްހާ ޑޮލަރު ބޭރަށް ދަތުރު ކުރާ ފަރާތްތަކަށް ބީއެމްއެލް އިން ވިއްކި ކަމަށް އެ ބޭންކްގެ ހިސާބުތަކުން ދައްކަ އެވެ. އެއާ އެކު ބޭރަށް ދިޔުމަށް ޑޮލަރު ހޯދާ ފަރާތްތަކުގެ ޑިމާންޑް ވެސް ބްލެކް މާކެޓަށް ގެއްލިއްޖެ އެވެ.

ހައްޖު މޫސުމާ ދިމާކޮށް، ޑޮލަރުގެ ބްލެކް މާކެޓަށް އާންމުން ދުއްވައި ގެންފާނެ ކަމަށް ބަލައި، ހައްޖަށް ދާ މީހުންނަށް ހާއްސަކޮށް ކޮންމެ މީހަކަށް، 500 ޑޮލަރު ވިއްކަން ފެށި އެވެ. އަދި ކޮންމެ ދުވަހަކު ވެސް ޑޮލަރު ވިއްކަން އެކަށީގެންވާ އަދަދަކަށް ނަމްބަރު ދޫކޮށް ބޭންކްތަކުން ޑޮލަރު ވިއްކާ އުސޫލު މޮނީޓާ ކުރަމުން އައެވެ. ނަތީޖާ އަކަށް ވީ އެއްކަލަ ގްރޫޕް ވެސް ބްލެކް މާކެޓަށް ގެއްލުމެވެ. އިގްތިސާދީ މި ފޔަވަޅުތައް ވީ ބްލެކް މާކެޓަށް ހަތިޔާރު ބަހައްޓަން މަޖުބޫރުވި ފިޔަވަޅުތަކަށެވެ.

ރާއްޖެއަށް އެކަށީގެންވާ އަދަދަކަށް ޑޮލަރު ލިބޭ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުންތަކަށް ބަލާއިރު، 448.3 މިލިއަން ޑޮލަރު (6.9 ބިލިއަން ރުފިޔާއާ އެއްވަރަށް) މިދިޔަ އަހަރު އެކަނި ވެސް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނެވެ. މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޑޮލަރު ހަމަޔަކަށް އެޅުނު މަހުގައި ބޭންކަތަކުގައި ބޭރު ފައިސާ ޑިޕޮސިޓް ކުރި މިންވަރު 51 ޕަސެންޓް އިތުރުވި އެވެ. އެއީ އާމްދަނީގެ ގޮތުގައި 30 ޕަސެންޓް ކަމަށް ބަލަމާ ހިނގާށެވެ.

އެހެން ވީމާ، މި ތަފާސްހިސާބުން ނުކުންނަ އިގްތިސާދީ ނަތީޖާ އަކީ ބްލެކް މާކެޓްގައި އެނބުރުނު ޑޮލަރު ވެސް ރަސްމީ ބާޒާރަށް ވައްދަން ބަޔަކަށް މަޖުބޫރުވި ކަމެވެ. އޭގެ ނަތީޖާއަކަށް ވާނީ ރާއްޖެއަށް ތަކެތި އިމްޕޯޓް ކުރާ ފަރާތްތަކަށް ވެސް ޑޮލަރު ހޯދަން ދެން މާބޮޑު ތަކުލީފެއް އުފުލަން ނުޖެހުމެވެ. ހުލާސާ އަކީ ޑޮލަރުގެ ކަޅު ބާޒާރު މި ސަރުކާރުން ކުޑަކަކޫ މައްޗަށް ތިރި ކުރީ އިގްތިސާދީ މޮޅު ވިސްނުމުން ކަމެވެ. މިއީ އެތައް ބަޔަކު ނުކުރެވުނު ކަމެއް އިގްތިސާދީ ވިސްނުމެއްގެ ތެރެއިން މި ސަރުކާރުން ހާސިލް ކުރި ގޮތެވެ. މިއީ އިގްތިސާދާ މެދު މި ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ފޮނި މީރު ކަމެވެ. ޑޮލަރުގެ ފަހަތުގައި ފުލުހެއް ނުބަހައްޓަ އެވެ. ބޭންކްތަކަށް ވަދެ، މަހުޖަނުންގެ އެކައުންޓްތަކަށް ފާރައެއް ނުލަ އެވެ. ހަމައެކަނި މި ސަރުކާރުގެ ހަތިޔާރަކީ އިގްތިސާދީ ފިޔަވަޅުތަކެވެ. އިގްތިސާދީ ދުރުވިސްނުމާއި ތަސައްވުރެވެ.