ހަބަރު

އިދިކޮޅު ފަރާތްތަކުން އެއްވެސް އެއްބަސްވުމެއް ނަހަދަން: ޕާޓީތައް

Mar 25, 2015
1

އިދިކޮޅު ޕާޓީތަކުން ސިޔާސީ އެއްވެސް އެއްބަސްވުމެއްގައި އަދި ސޮއިކޮށްފައި ނެތް ކަމަށް އެ ހަރަކާތުގައި އިސްކޮށް އުޅުއްވާ އަދާލަތު ޕާޓީގެ ރައީސް އިމްރާމް އަބްދުﷲ އާއި އެ ހަރަކާތުގައި ހިމެނޭ އެހެން ޕާޓީތަކުން ބުނެފި އެވެ.

ޖޭޕީ،އެމްޑީޕީ އަދި އަދާލަތު ޕާޓީ އިން ބޭރުގެ ފަރާތްތަކާ ގުޅިގެން ސަރުކާރު ވައްޓާލަން އެއްބަސްވެ، ސޮއި ކޮށްފައިވާ އެގްރިމަންޓެއް ކަމަށް ބުނާ ލިޔުމެއް މިއަދު ލީކްވެފައިވާތީ އެކަމާ ގުޅިގެން ނޫސްވެރިއަކު ސުވާލު ދެންނެވުމުން އިމްރާން ވިދާޅުވީ، ސިޔާސީ ޕާޓީތައް އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވުމެއް އެކުލަވާލުމަށް މިހާރު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެ އެއްބަސްވުން ޑްރާފްޓް ކޮށް ނިމި، ސޮއި ކުރުމަށް ތައްޔާރުވެފައިވާ ކަމަށާއި ނަމަވެސް އެގްރިމަންޓެއްގައި އަދި ސޮއިކޮށްފައި ނުވާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

"ހުރިހާ ސިޔާސީ ފަރާތްތައް އެކުގައި މަސައްކަތް ކުރުމަށް ޗާޓަރެއް އެކުލަވާލުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދަން. ނަމަވެސް އެއްވެސް އެގްރިމަންޓެއްގައި އެއްވެސް ޕާޓީއަކުން ސޮއިކޮށް އެކަހަލަ ކަމެއް ނުކުރަން،" އިމްރާން ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު، އަމީން އިބްރާހިމް ވިދާޅުވީ، އިދިކޮޅު ހަރަކާތުގައި ބައިވެރި ވުމާ މެދު ޖޭޕީގެ ކައުންސިލުން އަދި ގޮތެއް ނުނިންމާ ކަމަށާއި ގާސިމް އިބްރާހިމް އެފަދަ އެގްރިމަންޓެއްގައި ސޮއި ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި އެއީ މި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައި އިދިކޮޅު ހަރަކާތުގެ އަގު ވައްޓާލަން ފަތުރަމުން އަންނަ ވާހަކަތަކެއް ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

"މިކަހަލަ ދޮގު ވާހަކަތައް ފަތުރައި، އެކަހަލަ އެއްޗިހި ނެރެ ހެދުމުގައި މި ސަރުކާރު މި އުޅެނީ ވަރަށް ކުރީގައި. އެކަމަކު މިކަހަލަ ކަމެއް ކޮށްލަން ވެސް އެބޭފުޅުންގެ ބޮލެއް ނުހުރޭ. ކުޑަކުދިން ކުރާ ގޮތަށް މިކަން މި ކުރަނީ،" އަމީން ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ އެފަދަ އެގްރިމަންޓެއްގައި ސޮއި ކުރާ ނަމަ އެކަން ކުރާނީ ހާމަކޮށްގެން ކަމަށެވެ. އަދި ފޮރުވައިގެން ކުރާނެ ކަމެއް ނޯންނާނެ ކަމަށާއި އެފަދަ އެއްޗެއްގައި ސޮއި ކުރާނީ ވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްގެން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި މިފަދަ ކަންކަމުން އެނގެނީ ސަރުކާރު، މާޔޫސްވެ ހާސްވެފައިވާ މިންވަރު ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

އެ ލިޔުމުގައި ހެއްކެއްގެ ގޮތުގައި ހިމަނާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް އެކަން ދޮގު ކުރައްވަމުން ވިދާޅުވީ އެފަދަ، އެއްބަސްވުމެއްގައި ހެއްކެއްގެ ގޮތުން އޭނާ ސޮއި ކުރި ނަމަ އޭނާގެ އަތްބަކު ވެސް އަދި ދަރިއަކު ވެސް ނުހުންނާނެ ކަމަށެވެ. އަދި ސަރުކާރުން ކަންކަން އިސްލާހު ނުކޮށްފި ނަމަ، މި ސަރުކާރު ވައްޓާލާނެ ކަމަށް ބުނުމަކީ ވަގަށް ސިއްރުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ވެސް މަހުލޫފު ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެކުލަވާލާ އެގްރިމަންޓް އެ ހިސާބަށް ދިޔުމުން ހާމަ ކުރައްވާނެ ކަމަށެވެ. އަދި އޭގައި ސޮއި ކުރާނީ ހާމަކޮށް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. އޭނާ ވަނީ ސަރުކާރުން މިފަދަ ކަންކަން ނުކޮށް މަޝްވަރާ ކުރުމަށް ގޮވާލައިފަ އެވެ. އެހެން ނޫން ނަމަ ސަރުކާރަށް ދެމި ނޯވެވޭނެ ކަމަށް ވެސް އިމްރާން މިއަދުވެސް ވިދާޅުވި އެވެ.