ހަބަރު

ކޮމާޝަލް ބޭންކުން އަންހެނުންނަށް ހާއްސަ ޕްރޮޑަކްޓެއް ލޯންޗުކޮށްފި

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އިން އަންހެނުންނަށް ހާއްސަ ޕްރޮޑަކްޓްތަކެއް މިއަދު ލޯންޗުކޮށްފި އެވެ. އެއީ، "ކުޅަދާނަ އަންހެނުން" ގެ ނަމުގައި ލޯންޗުކުރި ޕްރޮޑަކްޓްތަކެވެ.

މި ޕްރޮޑަކްޓްތައް ލޯންޗުކޮށްފައިވަނީ މިއަދު ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ސީބީއެމްއިން މިއަދު ލޯންޗުކޮށްފައިވަނީ އަންހެނުންނަށް ހާއްސަކޮށްފައިވާ ސޭވިން އެކައުންޓަކާއި އަންހެން ވިޔަފާރިވެރިންނަށް ހާއްސަކޮށްފައިވާ ލޯނު ސްކީމެކެވެ.

ކޮމްޕެނީ ސެކްރެޓްރީ ފާތިމަތު މުއާޒާ ވިދާޅުވީ، މި ސޭވިން އެކައުންޓްގެ ތަފާތަކީ އެކައުންޓް ހުޅުވުމަށް ފަސޭހަ ގޮތެއް ތައާރަފްކޮށްފައިވުން ކަމަށެވެ. އަދި އޭޓީއެމްގެ ކާޑްގެ ހިދުމަތާއި އިންޓަނެޓް ބޭންކިންގެ ހިދުމަތް އެއް އަހަރު ދުވަހަށް ހިލޭ ލިބުން ކަމަށެވެ.

"ސޭފް ޑިފޮސިޓް ނޫނީ ލޮކާ ފެސިލިޓީސް ބޭންކްގައި ހުޅުވާ ފަރާތްތަކަށް ވެސް 50 ޕަސެންޓްގެ ޑިސްކައުންޓެއް މި އެކައުންޓް ހޯޑަރުންނަށް ލިބިގެން ދާނެ،" މުއާޒާ ވިދާޅުވި އެވެ.

މުއާޒާ ވިދާޅުވީ، އަންހެން ވިޔަފާރިވެރިންނަށް ހާއްސަ ލޯނު ސްކީމްގެ ދަށުން އެ އަންހެނަކު ވިޔަފާރިއަށް އިންވެސްޓްކުރާ އަދަދާ އެއްވަރުގެ އަދަދެއް ލޯނުގެ ގޮތުގައި ބޭންކުން ދޭނެ ކަމަށެވެ. ރިޕޭމަންޓް ގަވައިދުން ދައްކާ ފަރާތްތަކަށް ޓޮޕްއަޕްކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ނަގާފައިވާ ލޯނު ރީ ފައިނޭންސް ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ. ލޯނު ދޫކުރަނީ ދެ ލައްކަ ރުފިޔާއާ ހަމައަށެވެ.

ކުރިއަށް އޮތްތާ އެއް މިލިއަން ރުފިޔާއާ ހަމައަށް ވެސް ލޯނު ދޫކުރުމަށް ވިސްނަމުންދާ ކަމަށް މުއާޒާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ، ސީބީއެމްއިން ތައާރަފްކުރި ޕްރޮޑަކްޓްތަކަކީ އަންހެނުންނަށް ހުޅުވިގެން ދިޔަ އިތުރު ދޮރެއް ކަމަށެވެ. ދިވެހި އަންހެނުންނަކީ ކުޅަދާނަ ބައެއް ކަމަށާއި އަންހެނުންނަށް މިހާރު ލިބޭ ފުރުސަތުތައް ވެސް މަދު ކަމަށެވެ. އަދި ކެރިގެން ކަމަކާ ކުރިމަތިލާ އަންހެނުންނަށް މިހާރު ވެސް ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށާއި ނަމަވެސް އަންހެނުންގެ ހިއްސާއެއް ނެތި ރާއްޖޭގައި އެއްވެސް ކަމެއް މިހާރު ނުކުރެވޭ ކަމަށް ވިސާމް ވިދާޅުވި އެވެ.

"މިއަދު ބޭނުން ވަނީ އަންހެނުން ބާރު ސްޕީޑްގައި ކުރިއަށް ދިޔުމަށް، ބާރު ސްޕީޑްގައި އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނީ ގިނަ ކަންތައްތަކެއް ކުރީގަ މިކުރާ ގޮތާ ބަދަލުކޮށްގެން، އަޅުގަނޑުމެންނަކީ ދަތި އަޅުވާލައި ކޮންމެ ފަހަރަކު ވެއްޓި ނުތެދުވޭ ބަޔަކަށް ނުވެ، ދަތިއަޅުވައި ވައްޓާލާ ކޮންމެ ފަހަރަކު އާ ހިތްވަރަކާއެކު ތެދުވެންނަ ބަޔަކަށް ވާން އެބަޖެހޭ،" ވިސާމް ވިދާޅުވި އެވެ.

ވިސާމް ވިދާޅުވީ، އަންހެނުންނަށް އެންމެ މުހިންމީ އިގްތިސޯދީ ކުރިއެރުންތައް ލިބުމުން ކަމަށެވެ. ސީބީއެމްއިން އަންހެނުންނަށް ތައާރަފްކުރި ކަންކަމުގެ ސަބަބުން ވިޔަފާރީގެ ދާއިރާގައި އަންހެނުންނަށް ފުރުސަތުތަކެއް ހުޅުވާނެ ކަމަށެވެ. އެހެންކަމުން މި ފުރުސަތުތަކުގެ ބޭނުން ހިފުމަށް ވިސާމް ގޮވާލެއްވި އެވެ.