މިދިޔަ ހަފުތާ ބަންދަކީ ވަރަށް ވަދު ހަފުތާ ބަންދެއް ކަމަށް ގިނަ ބަޔަކު އެބަ ބުނެ އެވެ. ޓްވިޓާގައި ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އެ އަރާ ފޯރިގަނޑެއް ނެތެވެ. ހޭވައްޓާ ޓްވީޓް ކުރާ މީހުން ތިބީ ކޮށްލާނެ ޓްވީޓެއް ނެތިފަ އެވެ. ރިޓްވީޓް ކުރާނެ ޓްވީޓެއް ވެސް ނެތެވެ. ޓްވީޓްތައް ކިޔާ މަޖާ ނެގުމެއް ވެސް ނެތެވެ.
މިހެން ދިމާވީ މާލޭގައި ހުމާއި ރޯގާ އިންތިހާއަށް ފެތުރެމުންދާތީ މޯލްޑިވިއަން އައިޑޮލް ސީޒަން ދެއެއް މަޑު ޖައްސާލުމާ ގުޅިގެންނެވެ. މިދިޔަ ހަފުތާ އައިޑޮލެއް ނެތެވެ. މަޖަލެއް ވެސް ނެތެވެ. ފޯރިއެއް ވެސް ނެތެވެ.
އެފަދަ އެހެން ހަފުތާ ބަންދަކަށް ދެން އިންތިޒާރު ނުކުރާށެވެ. މިރެއާއި މާދަމާ ރޭ މަޖަލާއި ފޯރި ނަގަން ތައްޔާރުވާށެވެ. އެންމެ ހިތްކިޔާ 10 ބައިވެރިންގެ ހިތްގައިމު ހުށަހެޅުންތަކެއް ފެނިގެންދާނެ އެވެ. މިރެއަކީ ޓޮޕް 10 އަށް ހާއްސަ ރެ އެވެ.
ޓޮޕް 10
މުހައްމަދު ރީހާން
މުހައްމަދު ތަސްނީމް (ބޮބް)
އިބްރާހީމް ވަހީދު (ބޮޑުބެ)
ޝަމްވީލް މުހައްމަދު
އަހްމަދު ނަބީލް
ހަމޫދު އަހްމަދު
ހަސަން އިރުފާން
އަހްމަދު ފަރަޝް
އައިޝަތު ޖައިޝާ
އަބްދުﷲ ހިޝާން
ޓޮޕް 10 އަށް ހާއްސަ މިރޭގެ ޝޯގެ ޓީމަކީ "ޕްލޭބެކް ސިންގިން" އެވެ. އެހެންކަމުން ވަރަށް ރީތި، ދިވެހިންގެ ހިތްތަކާ ކުޅިލާފައިވާ ލަވަތައް މިރޭ ފެނިގެންދާނެ ކަމަށް އުއްމީދު ކޮށްލާށެވެ.
ބައިވެރިޔަކަށް ދޫކުރާނެ ބައިވެރިއެއް މިހާރު ނެތްއިރު މިރޭގެ ކުރިމަތިލުންތައް ވަރަށް ވަރުގަދަވާނެ އެވެ. މިރޭގެ ހުށަހެޅުންތައް ޖަޖުކުރަން ރާއްޖޭގެ ވަރަށް މަޝްހޫރު ލަވަ ކިޔުންތެރިއެއް ހާއްސަ ޖަޖެއްގެ ގޮތުގައި ބައިވެރިވެސްވާނެ އެވެ.
މުޅިން ވެސް ޝޯއަށް އިންތިޒާރުކުރަންވީ ސަބަބުތަކެވެ. އެހެންކަމުން މިރޭގެ 10:30 އަށް ޓީވީ ދޮށަށް ޖަމާވާށެވެ. ޓްވިޓާގައި ފޯރި އަރުވާލަން ވެސް ތައްޔާރަށް ތިބޭށެވެ. ހަމައެހެންމެ ގަދަ ނުވައަކަށް އެންމެ ލޯބިވާ ބައިވެރިޔާ ގެންދިޔުމަށް ވޯޓު ވެސް ކުރަން ތައްޔާރަށް ތިބޭށެވެ.