ވިޔަފާރި

މަޝްހޫރު "ބަރިސްތާ" ގެ ކޮފީ ޝޮޕެއް މާލޭގައި ރޭ ހުޅުވައިފި އެވެ. ބަރިސްތާއަކީ އިންޑިއާ އާއި އޭޝިއާގެ ގިނަ ގައުމުތަކާއި މެދު އިރުމަތީގައި ވެސް ވަރަށް ބޮޑު މަގުބޫލް ކަމެއް ހޯދާފައިވާ ބްރޭންޑެކެވެ.

ފްރެންޗައިޒެއް ކަމަށްވާ ބަރިސްތާގެ ކޮފީ ޝޮޕެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ހުޅުވާފައިވަނީ ބޮޑު ތަކުރުފާނު މަގު، އެމްޕީއެލްގެ ގަރާޖު ކުރިމަތީގަ އެވެ. އެ ތަން މިރޭ ހުޅުވައިދެއްވީ ހެތްލް މިނިސްޓަރު އަބްދުﷲ ނާޒިމެވެ.

ކޮފީ ޝޮޕް ހުޅުވައި ދެއްވުމަށްފަހު މިނިސްޓަރު ނާޒިމް ވިދާޅުވީ، ބަރިސްތާ ފަދަ މަޝްހޫރު ބްރޭންޑެއް ރާއްޖެ އައުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ. އެއީ ރާއްޖޭގެ ތަރައްގީގެ މަލަމަތި ރީތިވެގެންދާނެ ކަމެއް ކަމަށެވެ. ބަރިސްތާ މޯލްޑިވްސްގައި އިސްކޮށް އުޅުއްވަނީ ވަރަށް ޒުވާން ބޭފުޅުންތަކެކެވެ. އެ ބޭފުޅުންނަށް މިނިސްޓަރު ވަނީ ތައުރީފުކުރައްވާފަ އެވެ. ޒުވާން ވިޔަފާރިވެރިވުމަށް ރައީސް އަބްދުﷲ ޔާމީން ހިތްވަރު ދެއްވައި އެއްބާރުލުން ދެއްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ދިވެހި ޒުވާނުންނަކީ އެމީހުންގެ ވަގުތައް ބުއްދިވެރި ގޮތުގައި ހޭދަކުރުމަށްޓަކައި ކޮފީ މޭޒުތަކުގެ ބޭނުން ނުހަނު ގިނައިން ބޭނުން ހިފާ ބައެއް، މިފަދަ އިންޓަނޭޝަނަލް ބްރޭންޑްތަކުގެ ޝޮޕްތައް ހުޅުވިގެން މިފަދަ މާހައުލުތައް އިތުރުވެގެން ދިޔުމަކީ ދިވެހި ޒުވާނުންގެ ވަގުތައް ހެޔޮ ގޮތުގައި ބޭނުން ކުރުމަށް ވެސް ލިބޭނެ ރަނުގެ ފުރުސަތެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބަރިސްތާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ރަޝީދު ވިދާޅުވީ، އުއްމީދަކީ މާލޭގައި އެންމެ ފެންވަރު ރަނގަޅު ހިދުމަތެއްދޭ ކޮފީ ޝޮޕަކަށް ބަރިސްތާ ހެދުން ކަމަށާއި ކުރިއަށް އޮތްތާ ތަފާތު އެކި ކަންކަން އެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ތައާރަފްކުރާނެ ކަމަށެވެ.

ބަރިސްތާގެ ޗެއާމަން ސަންޖޭ ޗަބްރާ ވިދާޅުވީ، ޒުވާނުންތަކާއެކު ބަރިސްތާ މޯލްޑިވްސް ވުޖޫދަށް ގެނެވުމުން ވަރަށް އުފާކުރާ ކަމަށެވެ. މާލޭގައި ބަރެސްތާގެ ފުރަތަމަ ކޮފީ ޝޮޕް މިއަދު ހުޅުވުނުއިރު ކުރިއަށް އޮތްތާ ވެސް އެ ޒުވާނުންނާއެކު ވެފައިވާ ޕާޓްނަޝިޕްގެ ދަށުން އިތުރު ކަންކަން ކުރާނެ ކަމަށެވެ.

"މި ޒުވާނުންނަށް ކާމިޔާބީއަށް އެދެން، ތަފާތު ވެންޗާސްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފިން، ބަރިސްތާއަކީ ފެށުމެއް ދިގު ދަތުރެއްގެ، ވަރަށް ގިނަ ކަންތައްތަކެއް އެ ޒުވާނުންނާއެކު ރާއްޖޭގައި ކުރަން ވިސްނަން،" ސަންޖޭ ވިދާޅުވި އެވެ.

ސަންޖޭ ވިދާޅުވީ، ބަރެސްތާގެ މާލޭ ޝޮޕުން ދިވެހިވަންތަ ކެއުންތައް ވެސް ލިބޭނެ ކަމަށެވެ. އެތަނެއްގެ ކާނާއަށް އިސްކަން ދިނުމަކީ ބަރެސްތާގެ އަމާޒެއް ކަމަށެވެ. އެގޮތުން ކަނޑުމަހުގެ ގިނަ ބާވަތްތަކެއް އެ ޝޮޕުން ލިބެން ހުންނާނެ ކަމަށް ސަންޖޭ ވިދާޅުވި އެވެ.

ބަރިސްތާގެ 300 އަށްވުރެ ގިނަ ކޮފީޝޮޕް އެކި ގައުމުތަކުގައި ހުރެ އެވެ.