ރިޕޯޓް

ކުއްތާ އަށް އެނގޭނީ ކިހާ ވަރަކަށް؟

ރާއްޖޭގައި ހިންގާ ކުށުގެ އަމަލުތަކުގެ މައިގަނޑު ސަބަބު ވެފައި ވަނީ މަސްތުވާތަކެއްޗެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް އެކި ދުވަސްވަރު އެކި ގޮތަށް މަސައްކަތް ކުރި ކަމުގައި ވިޔަސް މިހާތަނަށް ވެސް އެ މައްސަލަ އައީ ގޯސްވަމުންނެވެ. މިހާރު އޮތް އުންމީދަކީ މަސްތުވާތަކެތި އެތެރެކޮށް ގެންގުޅޭ މީހުން ހޯދަން ހިންގާ އޮޕަރޭޝަންތަކުގައި ކުއްތާ ބޭނުންކުރަން ފެށުމެވެ.

މީގެ ކުރިން ރާއްޖޭގައި ވަނީ، ވައިގެމަގުން އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް އެއާޕޯޓްގައި ދެ ކުއްތާ ބާއްވައިފަ އެވެ. ސްރީ ލަންކާ ސަރުކާރުން ހަދިޔާކުރި އެ ދެ ކުއްތާއާ ސަރުކާރުން ހަވާލުވީ 2002، އޮކްޓޫބަރު 6 ގަ އެވެ. ނަމަވެސް އެސޮރުމެންގެ ބޭނުމެއް ނުހިފޭތީ އެންމެފަހުން ފޮނުވާލީ އެވެ. ބުނެވޭ ގޮތުގައި އެއީ މަސްތުވާތަކެތި ދެނެގަތުމަށް ތަމްރީންކޮށްފައިވާ ކުއްތާއެއް ވެސް ނޫނެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ސަލާމަތީ ބާރުތަކުން އެންމެ އާންމު ގޮތެއްގައި ކުއްތާ ބޭނުންކުރަނީ މަސްތުވާތަކެއްޗާއި ގޮވާތަކެތި ދެނެގަތުމަށެވެ. ނަމަވެސް ކުއްތާ އަކީ އޭގޭ ޒާތުގައި މި ތަކެތި ދެނެގަތުމުގެ ކުޅަދާނަކަމެއް ހުރި އެއްޗެއް ނޫނެވެ. މިކަމަށް އެސޮރުމެން ތަމްރީންކުރަން ޖެހެ އެވެ. އަދި އެސޮރުމެންގެ ބޭނުންހިފަން ތިބޭ މީހުންނަށް އެސޮރުމެންގެ ހަރަކާތްތަކުގެ މާނަ ރަނގަޅަށް އެނގެން ޖެހެ އެވެ.

މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުއްތާ ބޭނުންކުރާ ބައެއް ގައުމުތަކުގައި ބޮޑު ބަހުސެކެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީ ކުއްތާ އަށް މަސްތުވާތަކެތި ދެނެގަނެވޭ ފަހަރަށް ވުރެ ގިނައީ ނޭނގޭ ފަހަރު ކަމަށެވެ. އެމެރިކާގެ ޗިކާގޯގައި، މަގުމަތިން ވެހިކަލް ހުއްޓުވައިގެން ކުއްތާ ބޭނުންކޮށްގެން ފާސްކުރި އޮޕަރޭޝަންތަކާ ބެހޭ ތިން އަހަރު ދުވަހުގެ މައުލޫމާތުގެ މައްޗަށް ޗިކާގޯ ޓްރިބިއުން ނޫހުން އެކުލަވާލި ރިޕޯޓެއްގައި ބުނެފައި ވަނީ ވެހިކަލްގައި މަސްތުވާތަކެތި ހުރި ކަމަށް ކުއްތާގެ އިޝާރާތް ލިބިގެން ފާސްކުރި 56 ޕަސެންޓް ފަހަރު މަސްތުވާތަކެތި ނުފެންނަ ކަމަށެވެ. މާނަ އަކީ ކުއްތާ އަށް އެނގޭ ވަރަށް ވުރެ ނޭނގޭ ފަހަރު ގިނަވުމެވެ.

މަސްތުވާތަކެެއްޗާ ދެކޮޅަށް އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގައި 2011 ވަަނަ އަހަރު ހިންގި އޮޕަރޭޝަންތަކުގައި ކުއްތާ ބޭނުންކުރި އިރު އެ ގައުމުގައި އެކަން ވަރަށް ބޮޑު ބަހުސަކަށްވި އެވެ. މަސްތުވާތަކެއްޗާ އެކު ހުރި ނުވަތަ މަސްތުވާ އެއްޗެއްގައި އަތްލައިގެން ހުރި ކަމަށް ކުއްތާ އަށް ތުހުމަތުކުރެވިގެން 14102 މީހަކު 2011 ވަނަ އަހަރު ފުލުހުން ފާސްކުރި އެވެ. އެކަމަކު އޭގެ ތެރެއިން މަސްތުވާތަކެތި ފެނިފައި ވަނީ 11248 މީހެއްގެ އަތުންނެވެ. ކުއްތާ އަށް ޝައްކުވާތީ ފާސްކުރި ކޮންމެ ފަސް ފަހަރެއްގެ ތެރެއިން ހަތަރު ފަހަރު ފާސްކުރެވިފައި ވަނީ މަސްތުވާތަކެއްޗާ ގުޅުމެއް ނުވާ މީހުންނެވެ. އެހެންވެ މިގޮތަށް ފާސްކުރެވުނު މީހުން އެކަމާ ވަރަށް ބޮޑަށް ޝަކުވާ ކޮށްފައިވެ އެވެ. މި މައްސަލަ ގާނޫނު ހަދާ މަޖިލީހާ ހިސާބަށް ވެސް ދިޔަ އެވެ.

މަސްތުވާތަކެއްޗާއި ގޮވާ ތަކެތި ފަދަ އެއްޗެހި ދެނެގަތުމަށް ކުއްތާ ބޭނުންކުރުމަށް ބާރުއަޅާ މީހުން ބުނަނީ ކުއްތާގެ އިޝާރާތަށް ފާސްކުރާ ކޮންމެ ފަހަރަކު ކާމިޔާބުވާން ނުޖެހޭ ކަމަށާއި ކާމިޔާބުވާ ފަހަރަށް ވުރެ ނުވާ ފަހަރު ގިނަވުމަކީ ވެސް މައްސަލައެއް ނޫން ކަމަށެވެ. މިކަމާ ބެހޭ އެކި ދިރާސާތަކުގައި ޖުމްލަކޮށް ބުނެފައި ވަނީ ކުއްތާ އަކީ ވަހުގެ ހިއްސު އާދަޔާ ހިލާފަށް ވަރުގަދަ އެއްޗަކަށް ވުމުން، ވެހިކަލެއްގައި ނުވަތަ މީހެއްގެ އަތުގައި މަސްތުވާއެއްޗެއް ކިރިޔާ ހޭކިލާފައި ހުއްޓަސް ކުއްތާ އަށް އެނގޭތީ އެކަމަށް އިޝާރާތް ދެނީ ކަމަށެވެ. ނަމަވެސް މިފަދަ ހާލަތެއްގައި ކުއްތާ އަށް އެނގުނަސް އިންސާނަކަށް އެކަން ދެނެގަތުމުގެ ގާބިލްކަން ނެތުމަކީ ކުއްތާގެ ބޭނުން ނެތުން ނޫން ކަމަށް ބުނެފައިވެ އެވެ.

މިހެންވެ ކުއްތާގެ ބޭނުންތެރިކަމާ ބެހޭ ގޮތުން ބުނަނީ ކުއްތާގެ ފަރާތުން ސަމާލު ކަމަށް ގެންނަ މީހުންނާއި ތަންތަން ފާސް ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި ކުއްތާ އަށް އޮޅުވާލެވޭނީ މަދު ފަހަރަކު ކަމަށެވެ. އެކަމަކު ކުއްތާ އާއި ކުއްތާ ގެންގުޅޭ މީހުން މިކަމާ ގުޅޭ ތަމްރީންތައް ވަރަށް ރަނގަޅަށް ހެދުމަކީ މިކަން ކާމިޔާބު ކުރުމަށް އޮތް މަގެވެ. އެއް ތަޖުރިބާކާރަކު ބުނެފައި ވަނީ ކުއްތާއެއް އޮވެ އެކަމަކު އޭގެ ބޭނުމެއް ނުހިފުމުގެ މާނަ އަކީ ކުއްތާ ނުވަތަ ކުއްތާ ގެންގުޅޭ މީހާ ރަނގަޅަށް ތަމްރީން ވެފައި ނެތުން ކަމަށެވެ. ކުއްތާގެ ގާބިލްކަން ނެތުމެއް ނޫނެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ވެސް ކުރަން ޖެހެ އެވެ. ކުއްތާ ގެނެސްގެން ވިޔަސް ކާމިޔާބެއް ހޯދިއްޖެ ނަމަ މުޖުތަމައުގެ އަމާންކަން އަނބުރާ ހޯދުމަށް އުންމީދެއް އާވެގެން ދާނެ އެވެ.