މީހުން

ޝަފާގެ ރީތިކޮށްދިނުމުގެ ރީތި މިސާލު

ބުރަ މަސައްކަތުން ކާމިޔާބީ ހޯދުމުގެ މިސާލުތައް ގިނަ އެވެ. ދުނިޔޭގައި ކާމިޔާބު ހޯދާފައިވާ ގިނަ މީހުންގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އެފަދަ ގިނަ ބަޔަކު ރާއްޖޭގައި ވެސް އެތަ ބިތްބެވެ. އަމިއްލައަށް މަސައްކަތެއް ފެށުމަށް ގިނަ ދުވަސް ތަކެއް ވަންދެން އޭނަ ހުވަފެން ދެކުނެވެ. އެ ހުވަފެން ހަގީގަތަކަށް ހަދަން ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެއީ ފާތުމަތު ޝަފާ އެވެ.

"އަބަދު ވެސް އަމިއްލަ ވިޔަފާރިއެއް ފަށަން ބޭނުންވޭ. ވަރަށް ބުރަ މަސައްކަތް ކޮށްގެން މިކަން ފެށީ،" ދަރުބާރުގެ ކުރިމަތީގައި "ސެލޫން ފެމިނާ" ގެ ނަމުގައި ސެލޫނެއް ހިންގަމުން ގެންދާ 25 އަހަރުގެ ޒުވާން ޝަފާ ބުންޏެވެ.

ޝަފާވަނީ ކުރިންވެސް މި ދާއިރާގައި މަސައްކަތް ކޮށްފަ އެވެ. މި ދާއިރާގެ ތަޖުރިބާ ހޯދާފަ އެވެ. އޭނަވަނީ މި ދާއިރާއިން ހޯދި ތަޖުރިބާ އިން އިބުރަތް ހޯދާފަ އެވެ.

"ވަރަށް ކުދިކުދި ކަންތައްތައް ރަނގަޅު ކޮށްލައިގެން ކުރިއަށް މިދަނީ. މި ކަންކަމަށް ކަސްޓަމަރުން ވަރަށް ބޮޑަށް ބަލައި ގަނޭ،" ޝަފާ ވިދާޅުވި އެވެ.

ރީތިވުމާއި ރީތިކޮށް ހުރުމަކީ މިއަދުގެ ދުނިޔޭގައި ވަރަށް އިސްކަން ދޭ ކަމެކެވެ. މިކަމުގެ ނަތީޖާއަކަށް ވަނީ ފެމިނާ ފަދަ ސެލޫންތަކުގެ ޑިމާންޑް އުފުލުމެވެ. ޝަފާ ބުނި ގޮތުގައި ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ އިންވެސްޓްކޮށްގެން ހަދާފައިވާ މި ސެލޫނަށް ބޮޑު ޑިމާންޑެއް އެބައޮތް ކަމަށެވެ.

ސެލޫންތަކަށް ދާ އުމުރު ފުރާތަކަށް ބަލާއިރު ގިނައީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނެވެ. އަދި މީގެ މަތީ އުމުރު ފުރާތަކުގެ މީހުން ސެލޫންތަން ހިދުމަތް ހޯދާލެ މަދެވެ. އެހެންކަމުން ފެލިނާ ސެލޫނުން ދަނީ މި އުމުރު ފުރާގެ މީހުން ހޭލުންތެރި ކުރުވުމަށް މަސައްކަތްތަކެއް ފަށަން ތައްޔާރުވަމުންނެވެ. ޝަފާ ބުނި ގޮތުގައި ހުރިހާ އުމުރަކަށް ވެސް ރީތިކޮށް ހުރުމަކީ މުހިންމު ކަމެކެވެ.

" ތަންކޮޅެއް ބޮޑެތި މީހުން ސެލޫންތަކަށް އަނަލެއް މަދު. މީގެ ތެރޭގައި ގިނައިން ހިމެނެނީ މެރީކޮށްގެން އުޅޭ މީހުން އެއީ ރަނގަޅު ގޮތެއް ނޫން. ހެލްތް އެންޑް ބިއުޓީއަށް ވަރަށް ވިސްނަން ޖެހޭ. އެހެންވެ އަޅުގަނޑުމެން މި އުމުރުފުރާތަކުގެ މީހުންނަށް ފޯކަސް ކުރާނަން. މި އުމުރު ފުރާގެ މީހުން ހޭލުންތެރި ކުރުވަން މަސައްކަތް ކުރާނަން،" ޝަފާ ބުންޏެވެ.

ޝަފާގެ މި ސެލޫނުގައި ތަފާތު އަގުތަކުގައި ހިދުމަތް ހޯދުމުގެ ފުރުސަތު އޮވެ އެވެ. މި ސެލޫނުން އެންމެ މުއްސަނދި މީހާއަށް ވެސް ހިދުމަތް ހޯދެ އެވެ. އަދި އެންމެ އާދައިގެ މީހާއަށްވެސް ހިދުމަތް ހޯދެ އެވެ. ޝަފާއަކީ ޒުވާން ވިޔަފާރިވެރިއެކެވެ. ބުރަ މަސައްކަތުން ކުރިއެރި ޒުވާނެވެ. އޭނަ މަސައްކަތް ކުރަނީ އަންހެން ކުދިންގެ ޒީނަތްތެރިކަމަށެވެ. އަންހެން ކުދިން ރީތިކޮށް ބެއިތިއްބުމެވެ. ޝަފާދަނީ ރީތިކޮށްދިނުމުގެ ރީތި މިސާލު ދައްކަމުންނެވެ.