އަވަސް ވީކެންޑް

ދިވެހި ބޭންކުގެ ހިނިތުން!

ހިދުމަތް ހޯދާ މީހުން އުފާ ކޮށްދެއްވިއްޖެނަމަ އެކަން ހިތަކުން ނުފިލާނެކަން ޔަގީނެވެ. ގިނަ މީހުން ގައުމީ ބޭންކް ދެކެ، ލޯބިވަނީ މިހެންވެ އެވެ. މި ފަހަރު "އަވަސް ވީކެންޑް" ގެ މީހުންގެ ބައިގައި މި ގެނެސް ދެނީ މި ހިނިތުންވުން ގެނެސް ދިނުމުގެ މާހިރެކެވެ. އޭނާގެ މަސައްކަތަކީ ދިވެހި ގައުމީ ބޭންކުން ހިދުމަތް ހޯދަން އަންނަ މީހުންނަށް އެންމެ ފުރިހަމަ ހިދުމަތެއް ހޯދައި ދިނުމެވެ. އެކަން ޔަގީން ކޮށް ދިނުމެވެ. މި ހިދުމަތްތެރިޔާ ގައުމީ ބޭންކުގައި މަސައްކަތަށް ކުރާތާ 13 އަހަރު ވެއްޖެ އެވެ. މިއީ ބޭންކުގެ ކަސްޓަމާ ސާވިސް މެނޭޖަރު އަފްޒާ މުހައްމަދު އެވެ. އާއްމުނަމުން ނަމަ އަފްޒާ އެވެ.

"އެންމެ އުފާވަނީ ހިދުމަތް ހޯދަން އަންނަ މީހުން އުފަލުންދާ ތަން ފެނުނީމަ. އެންމެ އުފާވެރި އެއް މަންޒަރަކީ މިއީ،" ގައުމީ ބޭންކުގައި މަސައްކަތްކުރާތާ ގިނަ ދުވަސް ތަކެއް ވެފައިވާ، އަފްޒާ ބުންޏެވެ.

އަފްޒާ، ގައުމީ ބޭންކުގެ ހިދުމަތަށް ނުކުތީ އުމުރުން ގާތްގަނޑަކަށް އެންމެ 22 އަހަރުގަ އެވެ. ބޭންކަށް ވަނުމުގެ ކުރީގައި މަސައްކަތް އުޅުނީ އަމިއްލަ ކުންފުންޏެއްގަ އެވެ. އެތަނުން ވަކިވެ، ގައުމީ ބޭންކުގެ ވަޒީފާއާ ގުޅުނުއިރު ބޭންކިންގެ "އެއްވެސް އެއްޗެއް ނޭނގެ" އެވެ. އާއްމު ގިނަ މީހުންނެކޭ އެއްގޮތަށް ހުސް ވަޒީފާއެއް ފެނުމުން ސިޓީ ވައްޓައިލީ އެވެ.

"ބޭންކަށް އެޕްލައި ކުރިއިރަށް ލިބިއްޖެ. ހަގީގަތުގައި އެއް ވެސް ވަރަކަށް ނުވެސް ވިސްނަން ހަމަ އެޕްލައިކޮށްލީ. ވަޒީފާއެއް ފެނުނީމަ ފައިނޭންސް ދާއިރާއަށް އިންޓްރެސްޓް ހުރީމަ އެޕްލައި ކުރީ،" ވަޒީފާއަށް ނުކުތް ގޮތް ކިޔައި ދިނެވެ.

"ބޭންކު ވަޒީފާގެ ފުރަތަމަ ދުވަސް ވަރަށް ބޯރިން. [ފޫހި] ހިތަށް އެރި ނާންނަން ވެސް. އެކަމަކު ވަޒީފާ އަށް ނުކުތްތާ ހަފުތާއެއްގެ ފަހުން ވަރަށް އިންޓްރެސްޓް [ޝައުގުވެރި] ވެއްޖެ. ދެން ހަމަ ކުރި އަށް ދިޔައީ،" މިއީ އަފްޒާ ވަޒީފާގެ ފުރަތަމަ ދުވަހެވެ.

އަފްޒާ ގައުމީ ބޭންކުގެ ފުރަތަމަ ހުރީ ކައުންޓަރުގަ އެވެ. "ޓެލާ" އަކަށެވެ. އޭގެ ފަހުން އެސިސްޑެންޓެއްގެ މަގާމުގައި ވެސް ގިނަ ދުވަސް ތަކެއް ވަންދެން ފުރި އެވެ. ގައުމީ ބޭންކް ވެގެން ދިޔައީ އަފްޒާގެ ލޯ މަސައްކަތަށް ހުޅުވިގެން ދިޔަ ތަނަށެވެ. މި ދުވަސްވަރު ބޭންކުން ގިނަ އެއްޗެހި ތަކެއް އޭނާ އަށް އެނގިގެން ދިޔަ އެވެ. ހާއްސަކޮށް ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި ބަލަންވީ ކަންތައްތައް އެންމެ ފުރިހަމަ އަށް ދަސްވީ މިތަނުންނެވެ. މިހާރު އަފްޒާ ބޭންކުގެ ޒިންމާދާރު އެއް ވެރިއެކެވެ.

"އެންމެ އިސްކަން ދެނީ ކަސްޓަމަރުންނަށް ބޭންކުން. ކަސްޓަމާ ސާވިސަސް އަކީ ބޭންކުގެ އެންމެ މުހިންމު އެއްބައި. ކޮންމެ ކަމެއް ދިމާވިއަސް ފޭސްކޮށް ކަސްޓަމާގެ ޓްރަސްޓް ބިލްޑް ކޮށް މި ދެވެނީ،" އަފްޒާ ބުންޏެވެ.

އަފްޒާ ބޭންކުގައި މަސައްކަތް ކުރާތާ މިވީ ދުވަސްތަކުގައި ހަނދާނުން ނުފިލާ އެތަށް ފިލާވަޅެއް ލިބިއްޖެ އެވެ. ހާއްސަކޮށް ބޭންކުން ހިދުމަތް ހޯދަން އަންނަ މީހުންގެ އިހުސާސްތައް އެންމެ ގާތުން އެނގޭ މީހަކީ މިއީ އެވެ. ކޮންމެ ކަހަލަ މީހަކު ހިދުމަތް ހޯދަން އައި ނަމަވެސް ހިދުމަތް ދިނުމުގައި ތަފާތެއް ނުކުރެ އެވެ. މިކަމުގައި މިއީ އެންމެ ކުރިން ވެސް ނަމޫނާ އެވެ. މީގެ އިތުރުން އަފްޒާއަކީ ބޭންކުން މުޖުތަމައުގެ ފައިދާ އަށް ހިންގާ މަސައްކަތުގެ އެންމެ ކުރީގައި ވެސް ހުންނަ އެއް ލީޑަރެވެ.

"ކުރިން ބައެއް ދުވަސް ދުވަހު ރޯން ވެސް ޖެހިފައި އެބަހުރި. އެކަމަކު މިހާރު އެ ކަހަލަ ކަންތައް ތަކެއް ނާދޭ،" އަފްޒާ ބުންޏެވެ.

އަފްޒާ ގަބޫލު ކުރާ ގޮތުގައި މިހާރު ގައުމީ ބޭންކް މިވަނީ ކަސްޓަމަރުންނާ ކައިރިއަށް އެތަށް ފިޔަވަޅެއް ޖެހިލާފަ އެވެ. ހާއްސަކޮށް މިހާރުގެ ސީއީއޯ އެންޑްރޫ ހީލީ އެންމެ އިސްކަން ދެއްވާ ކަމަކީ ވެސް ކަސްޓަމަރުން އުފާކޮށްފައި ބެއިތިއްބުމެވެ. އެކަން މިދަނީ ބޭންކުގެ ހިދުމަތުން ވެސް އެނގެމުންނެވެ.

"ވަރަށް ބޮޑު ތަފާތެއް ބޭންކުގެ ހިދުމަތަށް ގެނެސްފި. ތަނަށް ބެލިއަސް. ކުރިން ވަރަށް ބޮޑަށް ތޮއްޖެހިފައި އޮންނާނީ ބޭންކް. ހަނދާންވޭ އެއް ރޯދަ މަހެއްގައި އެއް ފްލޯ އިން ފައިބައިގެން އަނެއް ފްލޯ އަށް އަންނަން ވެސް ޖެހެނީ ފިތިގެން. އެކަމަކު މިހާރު ކަސްޓަމަރުންނާ ގުޅޭ ގޮތަށް މިވަނީ ތަން ވެސް ޑިޒައިން ކުރެވިފަ. މިހާރު ލުކް ވެސް ތަފާތު ވެއްޖެ. ކުރިން ބޭންކަށް ކަސްޓަމަރުންނަށް ރީޗްވާން ދަތިވޭ. އެކަމަކު މިހާރު ގިނަ ގޮތް ގޮތުން ރީޗް ވެވޭ. މިހާރު އެންމެ އިސްކަން ދެނީ ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތެއް ދިނުން،" އަފްޒާ ބުންޏެވެ.

އަފްޒާ ބޭންކުގައި ފާހަގަ ކުރެވޭ ގިނަ ދުވަސްތަކެއް ހުންނާނެތާ އެވެ. އެކަމަކު ވެސް މި ދިޔަ އަހަރު އޭނާ އަށް ވަރަށް ހާއްސަ އެވެ. މިދިޔަ އަހަރު އަފްޒާ އަށް ވަނީ ބޭންކުން ދޭ ކަސްޓަމާ ސާވިސަސް ސްޓާ އެވޯޑު ލިބިފަ އެވެ. މަސައްކަތުގެ އަގު ވަޒަންކޮށް އަފްޒާ އަށް ދިން މި އެވޯޑާއެކު އޭނާ މިވަނީ އިތުރަށް ހިތްވަރު ގަދަވެފަ އެވެ.

"އަސްލު ވަރަށް ވަރަށް އުފާވި ދުވަހެއް އެއީ. އެވޯޑު ލިބުނު ދުވަސް،"

ބޭންކަކީ އަފްޒާގެ ދެވަނަ ގެ އެވެ. މި ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ އޭނާގެ ދެވަނަ އާއިލާ އެވެ. އޭނާގެ ކުރިއެރުމުގައި ފުރަތަމަ އާއިލާގެ އެއްބާރުލުން ވަރަށް ބޮޑެވެ. ހާއްސަކޮށް ލޯބިވާ މަންމަ އެވެ. އެކަމަށް ތާ އަބަދު އޭނާ ޝުކުރުވެރިވާނެ އެވެ. އަދި ބޭންކުން އޭނާގެ ކުރިއެރުމަށް ވެދީފައިވާ މުހިންމު ރޯލުގެ "ހަނދާތައް" ދުވަހަކު ވެސް ހިތުން ފިލުމެއް ނެތެވެ. ބޭންކުގެ ވަޒީފާގައި އުޅެމުން މަތީ ތައުލީމް ހާސިލްކޮށްފި އެވެ. އެކަމުގައި ވެސް ބޭންކުގެ އެއްބާރުލުން ބޮޑެވެ. އެކަމަށް އޭނާ ޝުކުރު ދޫކޮށްލަނީ ދީލައި ހިތަކާއެކުގަ އެވެ.

އަފްޒާ އެންމެ ދެކެން ބޭނުންވާ އެއް ދުވަހަކީ މިހާރަށް ވުރެ ވެސް، ކަސްޓަމަރުން ބޭންކުގެ ހިދުމަތްތަށް ބަލައި ގަންނަ ދުވަހެކެވެ. އެކަން ކުރުމަށް އަފްޒާ އާއި ބޭންކުގެ ޓީމުން ދަނީ ކެނޑި ނޭޅި މަސައްކަތް ކުރަމުންނެވެ. މި ކަމުގައި އަފްޒާއަކީ ގައުމީ ބޭންކުގެ ހިނިތުންވުމޭ ބުނެވިދާނެ އެވެ.