"އެންމެ އުފާވީ ފެތުން ނިންމާލެވުނީމަ. ވަރަށް ވަރުބަލިވި، އެކަމަކު ހިތްވަރު ލިބުނީ ގައުމީ ރޫހުން،" ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ އިސްމާއިލް ރިފާއު (ޗިޗޫ) ރޭސް ނިންމުމަށް ފަހު ބުންޏެވެ.
ވިލިމާލެއިން މާލެ އަށް މިއަދު ބޭއްވި ތާރީހީ ފެތުން ވެގެން ދަނީ ވަރަށް ކާމިޔާބު ހަރަކާތެއްގެ ގޮތުގަ އެވެ. ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ބޭއްވި ފެތުމުގައި 2000 އަށްވުރެ ގިނަ މީހުން ބައިވެރިވި އެވެ. އޭގެތެރޭގައި ވަރަށް ގިނަ ކުޑަކުދިން ވެސް ހިމެނެ އެވެ.
ގާތްގަނޑަކަށް 1.6 ކިލޯ މީޓަރުގެ ދިގު މި ފެތުމުގައި ބައިވެރިވެ ގިނަ މީހުން މީގެ ކުރިން ދުވަހަކު ވެސް މިވަރުގެ ދިގު ފެތުމެއް ފުރިހަމަކޮށްފައެއް ނުވެ އެވެ. މިކަހަލަ ތަޖުރިބާއެއް ނުކުރެ އެވެ. އެހެންކަމުން މި ފެތުން ވެގެން ދިޔައީ ގިނަ ބަޔަކަށް ލިބިގެން ދިޔަ ބޮޑު ކާމިޔާބަކަށެވެ.
"ދުވަހަކު ވެސް މިވަރުގެ ދިގު ފެތުމެއްގައި ބައިވެރިއެއް ނުވަން. އޮއިވަރު ވަރަށް ބާރު. އެކަމަކު ހިތްވަރު ކުރިން. އެހެންވެ މި ނިންމުމީ،" ފެތުމުގައި ބައިވެރިވި ޒުވާނަކު ބުންޏެވެ.
މިނިވަން ކަމަށް ބައި ގަރުނު ފުރުމާ ދިމާކޮށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މި ފެތުމުގައި ނައިބް ރައީސް މުހައްމަދު ޖަމީލާއި ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ބައިވެރިވެވަޑައި ގަތެވެ.
މި ފެތުމުގައި ގިނަ ބަޔަކު ބައިވެރިވުމުން އެނގިގެން ދަނީ ގައުމަށް ބޭނުން ޖެހިއްޖެ ހާލަތެއްގައި ގުރުބާން ވާން ތައްޔާރަށް ތިބި ބަޔަކު ތިބި ގައުމެއް ކަމެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށްވެސް އިސްކަން ދޭނެ ކަމެވެ.
"އަޅުގަނޑުމެންގެ ރާއްޖެއަކީ ސިއްހަތަށް ބޮޑު ހޭދައެއް ކުރާ ގައުމެއް. މިފަދަ ކަންތައްތަކަކީ ދުޅަހެޔޮ ހަރަކާތް ތަކަށް އިސްކަން ދޭ ކަންތައް ތަކެއް،" ނައިބް ރައީސް ޖަމީލު ވިދާޅުވި އެވެ.
ނައިބް ރައީސް ވިދާޅުވީ ރާއްޖޭގެ ރައްތައް ވަށައިގެން އޮތީ ކަނޑު ކަމަށް ވާއިރު މި ކަނޑުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން ވިސްނަންވީ ކުރާ އަޅުކަމެކޭ އެއްފަދައިން ހަށިގަނޑު ބެލެހެއްޓުމަކީ ހަވަނަ ރުކުން ކަމުގައި،" ޖަމީލް ވިދާޅުވި އެވެ.
ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ވިދާޅުވީ މި ފެތުމުގައި ގިނަ ޒުވާނުން ބައިވެރިވެ، ކާމިޔާބު ކުރުމުން ދައްކުވައިދެނީ ދިވެހިން ނުކުމެއްޖެ ކޮންމެ ކަމެއް ކުރާނެކަން ކަމަށެވެ.
"މި މަސައްކަތް ނިމިގެން ދިޔައީ ވަރަށް ގުޅިގެން ގައުމީ ރޫހުގައި. ވަރަށް ރަނގަޅު ޓީމް ރޫހަކާއިއެކުގައި،" އަލިރަސްގެފާނުގެ ޖިހާދުގައި ވިލިނގިލީ ރައިވެރިބޭ ބައިވެރިވާން ފަތާފައި މާލެ އެރުން ސިފަކޮށްދޭ ފެތުމާ ބެހޭ ގޮތުން މަލީހު ވިދާޅުވި އެވެ.