ގާސިމް އިބްރާހިމް

ގާސިމުގެ މައްސަލައެއް ނާދޭ: ޕީޖީ އޮފީސް

ރިޝްވަތު ދޭން އުޅުއްވި ކަމުގެ ދައުވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އުފުލައިދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް އަދި އެއްވެސް މައްސަލައެއް ފޮނުވާފައިނުވާ ކަމަށް އެ އޮފީހުން ބުނެފި އެވެ.

މިއަދު ގާސިމްގެ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލަ ފުލުހުން ޕީޖީއަށް ފޮނުވާފައިވާ ކަމުގެ މައުލޫމާތު ވަކީލުންނަށް ލިބިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

މިކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ބުނީ ގާސިމްގެ މައްސަލައެއް މިހާތަނަށް އެ އޮފީހަށް ފޮނުވާފައިނުވާ ކަމަށެވެ. މިކަމާ ގުޅިގެން ފުލުހުން އެއްވެސް އެއްޗެއް ނުބުނެ އެވެ.

ރިޝްވަތު ދޭން އުޅުއްވި ކަމުގެ ތުހުމަތުގައި ދެ ފަހަރެއްގެ މަތިން ގާސިމް ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ. މިދިޔަ އާދިއްތަ ދުވަހު އެ މައްސަލާގައި ގާސިމް ފުލުހަށް ހާޒިރުކޮށް ފޮޓޯ އަދި އޯޑިއޯ ސާންޕަލް ނެގި އެވެ. އޭގެ ކުރިން ވަނީ މައްސަލާގައި ގާސިމްގެ ބަޔާން ނަގާފަ އެވެ.

އެ ތުހުމަތު ގާސިމަށް ފުލުހުން ކުރަނީ ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި މަޖިލިސް މެންބަރުންނަށް ރިސްވަތު ދެއްވައި، ނުފޫޒު ފޯރުވާފަދަ ގޮތަކަށް ވާހަކަ ދައްކަވާފައިވާ ކަމަށް ބުނެ އެވެ. ގާސިމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލައަށް އިޝާރަތް ކުރައްވާ ވިދާޅުވީ، މައްސަލާގައި ދައުވާ ކުރިޔަސް ޖެހިލުންވެ ވަޑައި ނުގަންނަވާ ކަމަށާއި ކުށެއް ކުރައްވާފައި ނުވާނެ ކަމަށެވެ.