ރިޕޯޓް

މި މޫނުތައް ރާވެރިބެ އަށް ދޫކުރޭތަ؟

Mar 28, 2015

އޮއެވަރާ ދެކޮޅަށް ފަތާފައި ގޮސް ރަށަކަށް އެރުމަކީ އާދައިގެ ކަމެއް ނޫނެވެ. ފަސޭހަކަމެއް ވެސް ނޫނެވެ. ނަމަވެސް މިފަދަ ކަންކަން ކުރެވޭނެ މީހުން ރާއްޖޭގައި އެބަ ތިއްބެވެ. އެފަދަ އެއް ބޭފުޅަކީ މިހާރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. ސިފައިންގެ ވަޒީފާގައި ކުރިން އުޅުއްވި އުމަރު މި ބާވަތުގެ ކަންކަން މީގެ ކުރިން ވެސް ކުރެއްވި އެވެ. އަނެއް ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މޫދު އަޑީގައި ކެބިނެޓް ޖަލްސާ ބާއްވައި ދުނިޔޭގެ ސަމާލުކަން ހޯއްދެވި ނަޝީދަކީ ވެސް މި ޒާތުގެ ކަންކަން ފަސޭހަކަމާއެކު ކޮށްލެވޭނެ ފަދަ ފަންވަރު ހުރި ބޭފުޅެއް ކަމަށް ފެނެ އެވެ. ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އިއްޔެ ވިލިމާލެ އިން މާލެއަށް ބޭއްވި "ރައިވެރިބޭގެ ޖިހާދުގެ" ފެތުމުގައި މިފަދަ ކަންކަމަށް "އާ މޫނުތަކެއް" ފެނިގެން ދިޔަ އެވެ.

ނައިބް މުހައްމަދު ޖަމީލު އަހުމަދު ވެގެން ދިޔައީ މި ފެތުމުގައި ފެނުނު އެންމެ ވަރުގަދަ ފަހުލަވާނަށެވެ. މޫދަށް ފުންމާލެއްވުމުގެ ކުރިން އެ މަނިކުފާނު ފެނިގެން ދިޔައީ ވަރަށް ބިޒީ ކޮށެވެ. ސަބަބަކީ އެ މަނިކުފާނުގެ ފޭނުންނާ އެކު ސެލްފީ ނަންގަވަން ޖެހުމެވެ. މި ކަމާހުރެ ޕްލެޓްފޯމާ ހަމައަށް އާދެވުނީ ވެސް ލައްކަ މަސައްކަތުންނެވެ. ނަމަވެސް މޫދަށް ފުންމާލުމާއެކު އެ މަނިކުފާނު ފެނިގެން ދިޔައީ މުޅިން ތަފާތު ބޭފުޅެއްގެ ގޮތުގަ އެވެ. މަންޒަރު ބަލަން ތިބި މީހުން ހީކުރީ އެ މަނިކުފާނު މާލެ ވަޑައިގަންނަވާނީ "ޖެޓްސްކީ" ގައި ކަމަށެވެ. ނަމަވެސް މޫދުގައި ޖެހުމާއިއެކު ތޮޅި އެއްހެން ފަތައި ގަތެވެ.

ފެތުން ނިންމާލެއްވުމަށް ފަހު، ސޯޝަލް ސެންޓަރާ ދިމާލުގައި ހަދާފައިވާ ފާލަމުން އަރާވަޑައި ގަތުމަށްފަހު ނައިބް ރައީސް ވިދާޅުވީ މި ފެތުމުގެ ސަބަބުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން އެނގިގެން ދާނެ ކަމަށެވެ.

"އަޅުގަނޑުމެން ވިސްނަންވީ ކުރާ އަޅުކަމެކޭ އެއްފަދައިން ހަށިގަނޑު ބެލެހެއްޓުމަކީ ހަވަނަ ރުކުން ކަމުގައި" ޖަމީލް ވިދާޅުވި އެވެ.

ނައިބް ރައީސްގެ އިތުރުން ދެން އެންމެ ފާހަގަވި އެއް ބޭފުޅަކީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެވެ. ކްރިމިނަލް ކޯޓުގައި އިންނަވައިގެން "ވަރުގަދަ ހުކުމްތައް" ނެރުއްވާ އަބްދުﷲ ގާޒީ މިފަހަރު މި ފެނުނީ މޫދުންނެވެ. މި ފެތުން ފެށުމުގެ "މާކުރިން" ވިލިނގިއްޔަށް ވަޑައިގެން ފަތާ ސަރަހައްދުގައި ހިންގަވައި "ވޯމް އަޕް" ކުރައްވާތަން ފެނިގެން ދިޔަ އެވެ. ފަހަރުގައި އެ މަނިކުފާނަކީ މޫދާ މާ ދޯޅު ބޭފުޅަކަށް ވެސް ވެދާނެ އެވެ. ކޮންމެއަކަށް އެ މަނިކުފާނު ވެސް މޫދަށް ފުންމާލުމާއިއެކު ފެނުނީ ހަމަ ރައިވެރިބޭގެ ގޮތުގަ އެވެ. ހިތްވަރުފުޅު ވަރަށް ގަދަ އެވެ. ގާތްގަނޑަކަށް 45 މިނެޓް ތެރޭގައި ވިލިމާލެ އިން މާލެ އަށް ފައްތަވާފައި ވަޑައިގަތީ ޖެހިލުމެއް ނެތި އެވެ.

ރައިވެރިބޭގެ ފެތުން ނިންމަވާ ލެއްވުމަށްފަހު ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އަރައިވަޑައިގެންނެވިއިރު މޫނުމަތިން މާކަ ބޮޑު ވަރުބަލި ކަމެއް ނުފެނެވެ. ފަހަރެއްގައި އެއީ އެ މަނިކުފާނަކީ ކޮންމެ ދުވަހަކު ކަސްރަތު ކުރުއްވާ ބޭފުޅަކަށް ވާތީ ކަމަށް ވެދާނެ އެވެ.

ވިލިމާލެ އާއި މާލެއާ ދެމެދުގައި އޮންނަ 1.6 ކިލޯ މީޓަރުގެކަނޑު އޮޅީގައި އިއްޔެ ބޭއްވި މި ފެތުމުގައި 2000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ. އޭގެތެރޭގައި ނުވަ އަހަރުގެ ތުއްތު ކުދިން ވެސް ހިމެނެ އެވެ. މި ފެތުން ވެގެން ގޮސްފައިމިވަނީ އެންމެ ގިނަ ބަޔަކު ރާއްޖޭގައި މިހާތަނަށް ބައިވެރިވެ ފެތުމުގެ ގޮތުގަ އެވެ. އަދި މީގައި ބައިވެރިވި މީހުން ސާބިތު ކޮށްދިނީ ހިތްވަރާއި ފަންވަރެވެ. ގައުމުގެ ހުރިހާ ފެންވަރެއްގެ މީހުންގެ ވެސް ހުރި ހިތްވަރެވެ. އަލިރަސްގެފާނުގެ ޖިހާދުގައި ބައިވެރިވާން ވިލިނގިލީ ރައިވެރިބޭ ފަތާފައި މާލެ އެރި ގޮތަށް މިފަދަ ހިތްވަރުގައި ގައުމުގެ ދިފާއުގައި ނިކުންނާނެ ދަރިން އެބަތިބިކަން ހާމަވި އެވެ.