ހަބަރު

ކުނޫޒު ހުންނަ މަގު އަވަހަށް ނިންމަން އެބަ މަސައްކަތް ކުރަން: މިނިސްޓަރު

ފަނޑިޔާރު މަގު ހަދަނީ އެ މަގުގައި ވަކި އިމާރާތެއް ހުރުމުން ނޫން ކަމަށާއި އެއީ ކުރިން ވެސް ހަދަން ހަމަޖެހިފައި އޮތް މަގެއް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރުމާ ގުޅިގެން އެ ޕާޓީގެ އޮފީސް ހުންނަ މ. ކުނޫޒް ކުރިމައްޗަށް ގާސިމްގެ ސަޕޯޓަރުން އެއްވެފައިވަނިކޮށް ރޭ ފަނޑިޔާރު މަގު ހަދަން ފެށުމުން އިދިކޮޅު ފަރާތްތަކުން ގެންދަނީ ފާޑުކިޔަމުންނެވެ. އެއީ ކުނޫޒުގައި ހިންގާ ސިޔާސީ ހަރަކާތަށް ހުރަސް އެޅުމަށް ކުރާ ކަމެއް ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

ކުނޫޒް ކުރިމަތިން ފަނޑިޔާރު މަގުގެ ގާތައް މިހާރު ވަނީ ނަގާފަ އެވެ.

މިކަމާ ގުޅިގެން ހައުސިން މިނިސްޓަރު ވިދާޅުވީ، މަގުތައް ހަދަނީ އެކަމުގެ ފަންނީ ބޭފުޅުންގެ ލަފާގެ މަތިން ކަމަށާއި އެގޮތުން ފަނޑިޔާރު މަގަކީ ވެސް އެގޮތުގެ މަތިން ހަދާ މަގެއް ކަމަށެވެ. މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވީ މަޖީދީ މަގާއި ފަނޑިޔާރު މަގު ގުޅޭ ސަރަހައްދުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ނިންމުމަށް މިނިސްޓްރީ އިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ފަނޑިޔާރު މަގަކީ މަޖީދީ މަގާ ގުޅިފައިވާ މަގެއް، އެ މަގު ހެދުމަށް ކުރިން ވެސް ނިންމާފަ އޮންނާނީ، އަޅުގަނޑުމެންގެ ޕްލޭންގައިވާ ގޮތަށް އެ މަސައްކަތް ކުރިއަށް އެދަނީ، އަޅުގަނޑުމެން މަގު ހަދަނީ އެ މަގުގަ ހުންނަ ގެތައް ބަލައި ހުންނަ އިމާރާތްތައް ބަލާފައެއް ނޫން، މަގުގެ ހާލަތަށް ބަލާފައި މަގު ހަދަނީ،" މުއިއްޒު ވިދާޅުވި އެވެ.

ފަނޑިޔާރު މަގު ހެދުމުގެ ފަށާފައިވަނީ ރޭ ހަތް ގަޑި ބައިކަން ހާއިރު އެވެ. މަޖީދީ މަގު އަލުން ހެދުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށް ގެންދަނީ ސެގްމަންޓް ފަހެއްގެ މަސައްކަތެވެ. އެއީ މަޖީދީ މަގު ރެޑްވޭވް ހުންނަ ސަރަހައްދެވެ. މަޖީދީ މަގު އަލުން ހެދުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވަނީ ނުވަ ސެގްމަންޓަކަށް ބަހާލައިގެންނެވެ.