ހަބަރު

އަޅުގަނޑު މަރުވާން ދޫކޮށްފައި ނަޝީދު ފިއްލެވީ: މޫސަ

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ކުރީގެ ކުރީ ޗެއާޕާސަން ރީކޯ މޫސާ މަނިކު އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފި އެވެ. ރީކޯ މޫސަ މިރޭ ވަނީ ރައީސް ނަޝީދުގެ ވެރިކަމަށްފަހު ހުރިހާ އަނިޔާއެއް ލިބުނީ އެމަނިކުފާނުގެ ދިފާއުގައި ނިކުންނެވި ބޭފުޅުންނަށް ކަމަށާއި ރައީސް ނަޝީދު ފިއްލަވަވަޑައިގަތީ ކަމަށް ވިދާޅުވެފަ އެވެ.

"ފެބްރުއަރީ އަށްވަނަ ދުވަހު އަޅުގަނޑުމެންނަށް ހުރިހާ އަނިޔާއެއް ލިބުނީ، ފުލުހުން އައީ ރުޅި އައިސްގެން ތަޅަންވެގެން، އައިސް ފުލުހުން ތަޅައިގެންނަން ވަނީ އަޅުގަނޑުމެން ރައީސް ނަޝީދަށް ދިމާނުކުރަން ބުނީ، އެބޭފުޅުން އަޅުގަނޑު ދެކެއެއް ރުޅި އައިސް ތިބީ ބޮޑަށް، ދެން އަޅުގަނޑު އޭގެ މެދުވެރިއަކަށްވީތީ ތެޅީ، މާރިޔާގެ ގައިގާ ތެޅީ، އަޅުގަނޑުމެން ދެ މީހުންގެ ގައިގާ ތަޅައި ތިރިކޮށްފަ ބެލިއިރު ރައީސް ނަޝީދު ފަހަތުން ނިކުމެ ދުވެ ފިލީ، މިއީ ރައީސް ނަޝީދުގެ ސިފައަކީ، އިންސާނިއްޔާތުގެ ކޮން މޮޅުކަމެއްތޯ އެއީ؟ ދުވެ ފިއްލެވީ، އަޅުގަނޑުމެން މަރުވާން ދޫކޮށްލީ،" ޗެނަލް 13ގެ ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވި އެވެ.

ރީކޯ މޫސަ ވިދާޅުވީ، އެމްޑީޕީއަށާއި ރައީސް ނަޝީދަށް އެފަދަ ބޮޑެތި ގުރުބާނީތަކެއްވެފައިވާއިރު ވެސް އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައީސް ނަޝީދު އިސްވެ ހުންނަވާ ވައްދާފައިވުމަކީ ލަދުގަންނަންޖެހޭ ކަމެއް ކަމަށެވެ. މިހާރު އޭނާގެ ދިފާއުގައި ތިއްބެވީ، ސިޔާސީ ގޮތުން ހިޔާލު ތަފާތު ކުރިން ވަރަށް ދެކޮޅަށް މަސައްކަތް ކުރެއްވި ބައެއް ކަމަށެވެ. އެމްޑީޕީއަށްވުރެ އެ ބޭފުޅުން ވެސް އޭނާއަށް އިހުލާސްތެރި ކަމަށް ވިދާޅުވި އެވެ. ރީކޯ އިޝާރަތް ކުރެއްވީ ޕީޕީއެމް އަދި އެމްޑީއޭއަށެވެ.

މޫސަ ވަނީ ރައީސް ނަޝީދަށް ރާއްޖެއަށް ތަރައްގީ ގެނެސްދެވިފައިނުވަނީ ރައީސް ޔާމީނަށް އެއްވަރަށް ސްޕީޑް ނެތުމުން ކަމަށާއި މިހާރު ރައީސް ނަޝީދު ބައިއަތު ހިއްޕަވައިގެން މަސައްކަތް ކުރައްވަނީ ވެރިކަން ވައްޓާލުމަށް ނިކުތް މީހުންނާއެކު ކަމަށެވެ. އެހެންކަމުން ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީ ރަނގަޅަށް ކަމަށް ވެސް މިހާރު ގަބޫލުކުރެވޭ ކަމަށެވެ.

"އިދިކޮޅު މީހުން އެކިކަންކަމާ ނިކުމެ މަގު މައްޗަށް ނިކުމެގެން ރައީސް ނަޝީދުގެ ވެރިކަން ވެއްޓިގެން ދިޔައީ، މިއަދު އަޅުގަނޑަށް ބުނެވެގެން އެބަ އޮތް ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީ ރަނގަޅަށޭ، އެއީ ވެސް ރައީސް މައުމޫން ވެސް ހުންނެވީ އެ ބޭފުޅާއާއެކު، އެ ދުވަހު ފުލުސް އޮފީހުގައި ހުންނެވި ގާސިމް އިބްރާހިމް ވެސް ހުންނެވީ ވެސް އެ ބޭފުޅާއެކު، ނާޒިމް ވެސް، އެންމެ ބާރަށް ސިޓީ ހިފައިގެން ވަޑައިގަތް ރިޔާޒް ވެސް ހުންނެވީ އެ ބޭފުޅާއެކު މި ވާހަކަ ދައްކަން،" މޫސަ ވިދާޅުވި އެވެ.

"ރައީސް ނަޝީދަކީ އެއްގޮތަކަށް ވެސް ވެރިކަމެއް ކުރުމުގެ ގާބިލުކަމެއް ހުންނެވި ބޭފުޅެއް ނޫން، ރާއްޖޭގެ ވެރިކަމާމެދު ފެން ބޮވައިގަތުން ނޫން އެހެން ކަމެއް އެ ބޭފުޅާގެ ނެތް، އިހުލާސްތެރިކަމެއް ނެތް، އެ ބޭފުޅާއެކު ސްޕީޑް ލަސްވީމަ ދެއްތޯ ރައީސް ޔާމީން ކުރެއްވި ސްޕީޑްގައި މަސައްކަތް ނުކުރެއްވުނީ،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ، ރައީސް ނަޝީދު ވަރަށް ގިނައިން ކޯލިޝަން ހައްދަވާ ބޭފުޅެއް ކަމަށާއި ނަމަވެސް އެއްވެސް ކޯލިޝަނެއް ކާމިޔާބުވެފައިނުވާ ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ރައީސް ނަޝީދު މިހާރު ހުންނެވީ ހަތަރު ވަނަ ކޯލިޝަން ހައްދަވައިގެން ކަމަށާއި އެހެން ކޯލިޝަންތައް ވެސް ފެއިލްވެގެން ގޮސްފައިވާ ގޮތަށް މިހާރު ރައީސް މައުމޫނާއި ގާސިމާއި އިމްރާން އަބްދުﷲއާއެކު ހަދާފައިވާ ކޯލިޝަން ވެސް ފެއިލްވާނެ ކަމަށެވެ.

މިހާރު އޮތް ކޯލިޝަނުގައި ތިއްބެވީ މުޅިން ވެސް ވެރިކަން ބޭނުންފުޅުވާ ބޭފުޅުން ކަމަށާއި އެހެންކަމުން އެ ކޯލިޝަން 2018 އަންނައިރު ރޫޅިގެން ދާނެ ކަމަށް މޫސަ ވިދާޅުވި އެވެ. އަދި، ކޯލިޝަން ރޫޅި، އެންމެން ވެރިކަމަށް ހިފުމުން އެކަމުގެ ފައިދާ ވާނީ ރައީސް ޔާމީނަށް ކަމަށާއި 2018 ޔާމީނަށް ވަރަށް ޔަގީން ކަމަށް މޫސަ ވިދާޅުވި އެވެ. ރިޔާސީ އިންތިހާބު އަންނައިރު އެމްޑީޕީ އެކަނިވެ ދެން ތިބި ބޭފުޅުން ރައީސް ޔާމީންގެ އަރިހަށް ދިޔުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ، ގާސިމް ހައްޔަރުކުރުން ސީދާ ހަރަކާތަށް ގޮވާލުމުން ވެސް މަގު މައްޗަށް ނިމުވެޑައިގަތީ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި އެ ބޭފުޅާގެ ގާތް ބޭފުޅުންނާއި ރައީސް މައުމޫންގެ ބޭފުޅުންނާއި ގާސިމްގެ ގާތް ބޭފުޅުން އެކަނި ކަމަށެވެ. އެއީ މީގެކުރިން ސީދާ ހަރަކާތަށް ގޮވާލުމުން އެމްޑީޕީއިން ކަންކުރާ ގޮތް ނޫން ކަމަށެވެ. ރައްޔިތުން މިހާރު މަގު މައްޗަށް ނުނިކުންނަނީ އެފަދަ ސަބަބެއް އޮތްކަން ގަބޫލު ނުކުރާތީ ކަމަށެވެ.

މިހާރު ފެންނަ މަންޒަރުތަކުން އެނގެނީ އެމްޑީޕީ ދެ ފަޅިވެފައިވާކަން ކަމަށާއި އެމްޑީޕީގެ ގިނަ މެންބަރުން ރައީސް މައުމޫންއާއެކު މަސައްކަތް ކުރަން ބޭނުންނުވާ ކަމަށް މޫސަ ވިދާޅުވި އެވެ.