ހަބަރު

ގާސިމް ހައްޔަރުކުރި ގޮތާމެދު އިދިކޮޅު މެންބަރުންގެ ސުވާލުތަކެއް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ އިދިކޮޅު އިއްތިހާދުގެ ބައެއް މަޖިލިސް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. އެ މެންބަރުން ކަންބޮޑުވަނީ ގާސިމް ހައްޔަރުކޮށްފައިވަނީ މަޖިލިސް މެންބަރުންނަށް ލިބޭ އިމްތިޔާޒުތަކާ ހިލާފަށް ކަމަށް ވިދާޅުވެ އެވެ.

މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މެންބަރަކު ޖިނާއީ ކުށެއްގެ ތަހުގީގަށް ހައްޔަރުކުރުަން ކޯޓު އަމުރަށް އެދެން ޖެހޭނީ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ކަމަށާއި އެހެންކަމުން ގާސިމް ހައްޔަރުކޮށްފައިވަނީ އިމްތިޔާޒު ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)އާ ހިލާފަށް ކަމަށެވެ.

އެ ގާނޫނުގެ އެ މާއްދާގައި ބުނެފައިވަނީ، ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ އެކަން ކުރަންވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށްވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކަށް ކަމަށެވެ. އަދި މިފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަހުގީގުކުރާ ފަރާތުން ޕްރޮސިކިއުޓާ ޖެނެރަލަށް ހުށަހެޅުމުން ޕްރޮސިކިއުޓާ ޖެނެރަލަށް ފެނިއްޖެނަމަ އެވެ.

ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް ވެސް ވިދާޅުވީ، ޕީޖީގެ އެންގުމަށް މެނުވީ ގާސިމް ހައްޔަރުކުރުން ވާނީ ގާނޫނާ ހިލާފަށް ހައްޔަރުކުރުން ކަމަށެވެ. އެހެންކަމުން ގާސިމް މިހާރު ހުރީ ގާނޫނާ ހިލާފު ހައްޔަރެއްގަ ކަމަށް އެބޭފުޅާ ވެސް ވިދާޅުވި އެވެ. ފައްޔާޒު ވިދާޅުވީ، ގާސިމް ގާނޫނާ ހިލާފު ހައްޔަރެއްގައި ހުންނެވިއިރު ގާސިމް ހައްޔަރުކުރުމުގައި ބައިވެރިވި އެންމެންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރެވޭނެ އެވެ.

ގާސިމް ހައްޔަރުކޮށްފައިވަނީ ފުލުހުން އެދިގެން ކުރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ މައްޗަށެވެ. އެ އަމުރު ނެރުމުގެ އިރުކޮޅެއް ކުރިން ފުލުހުން ވަނީ ޕީޖީއަށް ފޮނުވާފައިވާ ގާސިމްގެ މައްސަލަ އަނބުރާ ފޮނުވާލުމަށް އެދިފަ އެވެ. ތަހުގީގު ފުރިހަމަ ކުރުމަށް މައްސަލަ އަނބުރާ ފޮނުވުމަށް ފުލުހުން އެދުމުން މައްސަލަ މިހާރު އޮތީ ޕީޖީއިން ފުލުހުންނަށް ފޮނުވާފަ އެވެ.

މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެފައިވަނީ މައްސަލަ އަނބުރާ ފޮނުވުމަށް ފުލުހުން އެދުމުގެ ބޭނުމަކީ ހައިކޯޓުން ކޮށްފައިވާ ހުކުމެއްގައި ބަޔާންކޮށްފައިވާ އުސޫލާ ހިލާފުނުވުން ކަމަށް ވެދާނެ ކަމަށެވެ.

ހައިކޯޓުގެ އެ ހުކުމުގައި ބުނެފައިވަނީ މައްސަލައެއްގެ ތަހުގީގު ނިމި، އެ މައްސަލާގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާ މައްސަލައެއްގައި އެ މައްސަލާގައި ހިމެނޭ މީހަކު ބަންދުކުރުމަށް ކަނޑައަޅާނީ ޕީޖީ ކަމަށެވެ. މައްސަލަ ތަހުގީގުކުރި ފަރާތް ނޫން ކަމަށެވެ.

އެހެންކަމުން ފުލުހުން އެ މައްސަލަ އަނބުރާ ގެނެސްފައިވަނީ ގާސިމް ހައްޔަރުކުރުމަށް ކަމަށާއި އެ މައްސަލަ އަނބުރާ ފުލުހުން ގެނައީ އިތުރަށް ތަހުގީގުކުރުމަށް ކަމާމެދު ސުވާލު އުފެދޭ ކަމަށް ވެސް ބައެއް ގާނޫނީ ބޭފުޅުން ގެންދަނީ ސުވާލު އުފައްދަމުންނެވެ.

ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ވިދާޅުވެފައިވަނީ ގާސިމް ހައްޔަރުކޮށްފައިވަނީ އިންޓެލް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ކަމަށާއި ހައްޔަރުކުރީ ހެކި ނައްތާލުމަށާއި ފޮރުވުމަށް މަސައްކަތްކޮށް ގައުމަށް ނުރައްކާތެރި ވެދާނެ ކަމަށް ތުހުމަތުކުރެވޭތީ ކަމަށެވެ. ނަމަވެސް ފުލުހުންގެ އަތުގައި ގާސިމްއާ ދެކޮޅަށް އެއްވެސް ހެއްކެއް ނެތްކަން ހިސާން ފާހަގަކުރެއްވި އެވެ. ނެތް ހެއްކަކަށް ނުފޫޒު ފޮރުވައި ނުވަތަ ނެތް ހެއްކެއް ފޮރުވާނެ ގޮތެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކުރިމިނަލް ކޯޓުން ވެސް ވަނީ ހަ ދުވަހުގެ ތެރޭގައި ގާސިމްއާ ދެކޮޅަށް ހެކި ހުށަހެޅުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފަ އެވެ. އެހެން ނަމަވެސް އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވެސް ގާސިމް ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކްރިމިނަލް ކޯޓަކުން ނިންމާފައެއް ނުވެ އެވެ.

ގާސިމް ހަ ދުވަހަށް ބަންދު ކުރި މައްސަލަ ހައިކޯޓްގައި މިއަދުގެ ވަގުތެއްގައި އިސްތިއުނާފު ކުރާނެ ކަމަށް ގާސިމްގެ ވަކީލުން ވިދާޅުވެ އެވެ. އަދި ގާސިމް ހައްޔަރު ކުރުމާ ގުޅުން ހުރި ގާނޫނީ ނުގުތާތައް ހައިކޯޓަށް ހުށަހަޅާ މައްސަލައިގައި ފާޙަގަ ކުރާނެ ކަމަށް ވެސް ގާސިމްގެ ވަކީލުން ވިދާޅުވެ އެވެ.